ވިޔަފާރި

މިނެކިރުމަށް ބޭނުންކުރާ ތަކެތީގައި ސީލް ޖެހުމުގެ ޚިދުމަތް


މިންއެޅުމާއި މިނެކިރަން ބޭނުންކުރާ ތަކެތި ހަމަތޯ ބަލައި ސީލް ޖަހައިދިނުމުގެ ޚިދުމަތް ރާއްޖޭގެ 4 ސަރަޙައްދަކުން ދެއްވަން ފައްޓަވައިފިއެވެ.

މިންއެޅުމާއި މިނެކިރަން ބޭނުންކުރާ ތަކެތި ހަމަތޯބަލައި ސީލްޖަހައިދިނުމުގެޚިދުމަތް ފެއްޓެވި ސަރަޙައްދުތަކަކީ ހދ. ކުޅުދުއްފުށި، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ އަދި ގދ. ތިނަދޫގައެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިދާޅުވީ، މި ޚިދުމަތް ހޯއްދެވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، މިންހަމަތޯ ޗެކްކުރައްވަން ބޭނުންފުޅުވާ ސާމާނު މި ސަރަޙައްދުތަކުގައި ޤާއިމުކުރައްވާފައިވާ ބިޒްނަސް ސެންޓަރުތަކަށް ގެންދެވުމުން، އެ އިކްވިޕްމަންޓެއް ޗެކުކުރެއްވުމަށްފަހު އޭގެ މިންހަމަނަމަ، މިންހަމަކަން އަންގައިދޭ ފާހަގައެއް އެސާމާނުގައިި ހަރުކޮށްދެވޭނެ ކަމަށެވެ. މިޚިދުމަތަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، މިންއެޅުމާއި މިނެކިރުމާބެހޭ ޤަވާއިދުގެ ދަށުން އެކަމަށް ކަނޑައެޅިފައިވާ ފީ ދައްކަވަންޖެހޭނެެއެވެ. އެ ޤަވާއިދުގެ ދަށުން ފީގެ އަގު އުޅެނީ، 100 ރުފިޔާ އާއި 750 ރުފިޔާއާއި ދެމެދުގައެވެ. މިޚިދުމަތްދެއްވުމަށް ހަމަޖެހިފައިވަނީ، ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 09:00އިން މެންދުރު 12:00އަށެވެ.

ސީލްޖެހުމުގެ މި ޚިދުމަތުގެ ދަށުން ބައްލަވާނީ، ވިޔަފާރީގައި މިނެކިރަން ބޭނުންވާގިންތިތަކުގެ ތެރޭގައި ހިމެނޭ ދިގުމިނާއި، ބަރުދަނާއި، ކޮޑިމިން ހަމަކުރުމުގެ މިންތަކަށްކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. ކޮންސިއުމަރ ޕްރޮޓެކްޝަން ޤާނޫނުގެ ދަށުން މިނެކިރަން ބޭނުންވާތަކެތި ސީލްޖަހައިގެން ބޭނުންކުރުމަށް ލާޒިމްކުރެއެވެ.

މިން އެޅުމަށާއި މިނެކިރުމަށް ބޭނުންކުރާ އާލާތްތައް ހަމަތޯ ބެލުމަށްފަހު މިނިސްޓްރީން ޖަހައިދޭ ފާހަގަ ނުވަތަ ސެޓުފިކެޓު ނެތި، މި ގަވާއިދާ ޚިލާފަށް އެ އާލާތްތައް ބޭނުންކުރާ ފަރާތްތަކާ މެދު،މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައްޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. މިގޮތުން މިޤާނޫނާއި ޚިލާފްވާ ފުރަތަމަ ފަހަރު 500 ރުފިޔާއާއި 100000 ރުފިޔާއާއި ދެމެދުގެޢަދަދަކަށް، އަދި ކުށް ތަކުރާރު ކޮށްފި ނަމަ 5000 ރުފިޔާއާއި 100000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެއްވުމުގެ އިޚްތިޔާރު އެމިނިސްޓްރީއަށް ލިބިގެންވެއެވެ.