ޚަބަރު

އައިއެސްގެ ވެރިޔާ މަރައިލުމުން އައު ވެރިޔަކު ޢައްޔަންކޮށްފި


ހައްދުފަހަނަ އެޅި ޓެރެރިސްޓު ޖަމާޢަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓް (އައި.އެސް) ޖަމާޢަތުގެ އިސްވެރިޔާ ކަމުގައިވާ އަބޫ ޙުސައިން އަލް-ޙުސައިނީ އަލް-ޤުރައިޝީ މަރައިލުމާ ގުޅިގެން އޭނާގެ މަޤާމަށް އަބޫ ޙަފްޞު އަލް-ހާޝިމީ އަލް-ޤުރައިޝީ ޢައްޔަންކޮށްފައިވާ ކަމުގައި އެ ޖަމާޢަތުން ބުނެފިއެވެ. އެ ޖަމާޢަތުގެ ކުރީގެ ލީޑަރު އަބޫ ޙުސައިން މަރައިލާފައި ވަނީ ސޫރިޔާގެ ހުޅަނގުއުތުރުގައިވާ އިދްލީބުގައި ހައިއަތު ތަޙްރީރް އަލް-ޝާމް (އެޗް.ޓީ.އެސް) ގުރޫޕާ ދެމެދު ހިނގި ކުރިމަތިލުންތަކެއް ކަމުގައި އެ ޖަމާޢަތުން ބުނެއެވެ.

އަބޫ ޙުސައިން މަރައިލާފައި ވަނީ ކޮން ތާރީޚެއްގައި ކަން އައި.އެސް ޖަމާޢަތުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އޭޕްރިލް މަހުގެ ތެރޭގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވަނީ އެ ޤައުމުގެ ޖާސޫސީ އިދާރާގެ ފައުޖުތަކުން ސޫރިޔާގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އަބޫ ޙުސައިން މަރައިލާފައިވާ ކަން ހާމަކުރައްވާފައެވެ.

އޭނާ މަރައިލާފައި ވަނީ އިދްލީބާ އިންވެގެން އޮންނަ ޙަލަބް ޕުރޮވިންސުގެ ރަށެއް ކަމުގައިވާ ޢަފްރީން ކިޔާ ރަށެއްގައި ފިލައިގެން އުޅެނިކޮށް ކަމުގައި ތުރުކީވިލާތުގެ މީޑިޔާތަކުން ރިޕޯޓު ކޮށްފައިވެއެވެ. އެއީ، ސޫރިޔާގެ ސަރުކާރާ ދެކޮޅު ޖަމާޢަތްތަކުގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދެކެވެ.

ނަމަވެސް، އައި.އެސް ޖަމާޢަތުން ބުނީ އަބޫ ޙުސައިން މަރައިލުމުގެ ފަހަތުގައި އޮތީ އެޗް.ޓީ.އެސް ގުރޫޕު ކަމުގައެވެ. އަދި، އެއީ ތުރުކީވިލާތުން ވާގިވެރިވާ ޖަމާޢަތެއް ކަމަށް ވެސް އައި.އެސްއިން ތުހުމަތު ކުރެއެވެ. ނަމަވެސް، އަބޫ ޙުސައިން މަރައިލަން އޮޕަރޭޝަނެއް ހިންގާފައިވާ ކަން އެޗް.ޓީ.އެސްއިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އެޗް.ޓީ.އެސްއަކީ ޓެރެރިސްޓު ޖަމާޢަތެއްގެ ގޮތުގައި އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ކަނޑައަޅާފައިވާ ޖަމާޢަތެކެވެ. ތުރުކީވިލާތުގެ މީޑިޔާތަކުން އޭޕްރިލް މަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި އަބޫ ޙުސައިން މަރުވީ އޭނާ ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އަމިއްލަ ފުރާނަ ނަގައިލައިގެންނެވެ. އަދި، އެ އޮޕަރޭޝަންގައި ތުރުކީވިލާތުގެ ފައުޖުތަކުގެ ސިފައިންގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމަށް ވެސް އެ ޤައުމުގެ މީޑިޔާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

2014 ވަނަ އަހަރުގެ ތެރޭގައި އައި.އެސް ޖަމާޢަތުން ވަނީ އިރާޤާއި ސޫރިޔާގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. އަދި، މުސްލިމުންގެ ޚިލާފަތެއް ގާއިމުކުރުމުގެ ނަމުގައި މަސައްކަތްތަކެއް ފަށައި، އެ ޖަމާޢަތާ ދެކޮޅު މީހުން މެރުން ޢާންމުކޮށްފައެވެ. އައި.އެސް ޖަމާޢަތާ ދެކޮޅަށް ހަނގުރާމަކޮށް އިރާޤާއި ސޫރިޔާގެ ބިންތަކުން އެ ޖަމާޢަތުގެ ހަނގުރާމަވެރިން ފައްސައިލާފައި ވަނީ 2017 ވަނަ އަހަރުއެވެ. އަދި، އެ ޖަމާޢަތުގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތައް މިނިވަން ކުރިއެވެ. ނަމަވެސް، އިރާޤާއި ސޫރިޔާގެ ބައެއް ސަރަޙައްދުތަކަށް އެ ޖަމާޢަތުގެ ހަނގުރާމަވެރިން ވަނީ ފިލާފައެވެ.

އަބޫ ޙަފްޞަކީ އައި.އެސް ޖަމާޢަތުގެ ފަސް ވަނަ އިސްވެރިޔާއެވެ. އަބޫ ޙުސައިންގެ ކުރިން އެ މަޤާމުގައި ހުރި އަބޫ ޙަސަން އަލް-ހާޝިމީ އަލް-ޤުރައިޝީ މަރައިލާފައި ވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. އަދި، އޭގެ ކުރީގެ ލީޑަރު އަބޫ އިބްރާހީމް އަލް-ޤުރައިޝީ މަރައިލާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހު ސޫރިޔާގެ އިދްލީބްގައެވެ. އައި.އެސް ޖަމާޢަތުގެ އެންމެ ފުރަތަމަ ލީޑަރު އަބޫބަކުރު އަލް-ބަޣްދާދީ މަރައިލާފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އޭނާ ވެސް މަރައިލާފައި ވަނީ އިދްލީބްގައި ދިން ހަމަލައެއްގައެވެ.