ޚަބަރު

އުތުރުކޮރެޔާއިން ނިއުކްލިއަރ އިތުރު ޓެސްޓްތަކެއް ހަދަނީ


އުތުރުކޮރެއާގެ ނިއުކްލިއަރ ޤާބިލިއްޔަތުކަން ހަރުދަނާކުރުމަށް އިތުރު ޓެސްޓްތައް ހެދުމަށް އެޤައުމުގެ ލީޑަރު ކިމް ޖޮންގް އުން ގޮވާލައްވައިފިކަމަށް އެޤައުމުގެ ރަސްމީ ނިއުސް އެޖެންސީ ކޭ.ސީ.އެން.އޭއިން ރިޕޯޓްކޮށްފިއެވެ.

ކިމް މިހެން ވިދާޅުވެފައިވަނީ އުތުރުކޮރެއާގައި ކުރިޔަށް ގެންދިޔަ ބެލިސްޓިކް މިސައިލް ޓެސްޓްތަކެއް ބައްލަވާލެއްވުމަށް ފަހުކަމަށް ކޭ.ސީ.އެން.އޭއިން މައުލޫމާތުދެއެވެ. ނަމަވެސް އެއީ ކޮންއިރަކު ކުރިޔަށް ގެންދިޔަ ބެލިސްޓިކް މިސައިލް ޓެސްޓްތަކެއް ކަމެއް ޔަގީނެއްނުވެއެވެ.

އުތުރު ކޮރެއާއިން ދެ ބެލިސްޓިކް މިސައިލް ޓެސްޓްކޮށްފައިވާކަމަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޚަބަރު ލިބިފައެވެ.

އަދި ޓެސްޓުކުރި ކުރުރާސްތާގެ ދެ މިސައިލްތައް ފޮނުވާލާފައިވަނީ އެޤައުމުގެ އައްސޭރިފަށުގެ ރަށެއްކަމަށްވާ ވޮންސަން އާއި ދިމާލުން ތިންސަތޭކަމޭލު ބޭރަށް ކަނޑަށެވެ.

މިދިޔަ ހަފްތާތެރޭގައި ބެލިސްޓިކް މިސައިލްތަކުގެ ވޯހެޑްގެ ގޮތުގަ ނިއުކްލިޔަރ ހަތިޔާރު ހަރުކުރުމަށްޓަކައި ކުދި ސައިޒްގެ ނިއުކްލިޔަރ ހަތިޔާރު އުފައްދާފައިވާކަން އުތުރުކޮރެޔާއިންވަނީ ހާމަކޮށްފައެވެ. މިކަމުގެ ބޭނުމަކީ އުތުރުކޮރެޔާގެ ނިއުކްލިޔަރ ގާބިލްކަން އިތުރުކުރުންކަމަށް އުތުރު ކޮރެއާއިން ބުނެއެވެ. މީގެއިތުރުން އުތުރު ކޮރެޔާގައިވާ ބެލިސްޓިކް މިސައިލްތަކުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށާއި ނިއުކްލިޔަރ ބާރު އިތުރަށް ވަރުގަދަ ކުރުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް އިތުރުކުރުމަށްވެސް ކިމް ޖޮންގް އުން ވަނީ އަމުރުކުރައްވާފައެވެ. ބެލިސްޓިކް މިސައިލްތަކުގައި ހަރުކުރެވޭފަދަ ކުދި ސައިޒްގެ ނިއުކްލިޔަރ ހަތިޔާރު އުފެއްދިކަން އުތުރުކޮރެޔާއިން އިޢްލާންކޮށްފައި މިވަނީ، އެގައުމާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ގޮވާލާ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން ދާދިފަހުން ފާސްކުރުމާ ގުޅިގެންނެވެ.