އަންނަ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކޮންމެ ކެނޑިޑޭޓަކަށްވެސް ގިނަ ވެގެން ޚަރަދުކުރެވޭނީ ގިނަވެގެން 564 މިލިއަން ރުފިޔާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. 
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރިޔާސީ ކެނޑިޑޭޓުން އިންތިޚާބަށް ޚަރަދުކުރަންވާނީ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ ކޮންމެ މީހަކަށް 2000 ރުފިޔާގެ މަގުންކަމަށެވެ. 
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު 282395 މީހުންނަށް ލިބިފައިވާއިރު ކޮންމެ ކެނޑިޑޭޓަކަށްވެސް ރިޔާސީ އިންތިޚާބާއި ގުޅިގެން އެންމެ ގިނަވެގެން ޚަރަދުކުރެވޭނީ ފަސް ސަތޭކަ ފަސްދޮޅަސް ހަތަރު މިލިއަން، ހަތްލައްކަ ނުވަދިހަ ހާސް ރުފިޔާކަމަށް އިސްމާއީލް ހަބީބު ވިދާޅުވިއެވެ. 
އިންތިޚާބުތަކާއިބެހޭ އާއްމު ޤާނޫނުގައިވާ ގޮތުން ރިޔާސީ އިންތިޚާބާއި ގުޅިގެން ޚަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުން ކުރުމަށްޓަކައި ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ކެނޑިޑޭޓަކަށްވެސް ފައިސާ ނުވަތަ ތަކެތި ހޯދިދާނެއެވެ. 
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ކެންޑިޑޭޓަކު ޚަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުން ކުރުމަށްޓަކައި ޤާނޫނީ ޝަޚުޞަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ އެގާރަ މިލިއަން، ދެލައްކަ ނުވަދިހަ ފަސްހާސް، އަށް ސަތޭކަ ރުފިޔާއެވެ. 
ޤާނޫނުގައިވާ ގޮތުން މި ފައިސާ ލިބުނު ފަރާތާއި، ލިބުނު ގޮތާއި، ލިބުނު ޢަދަދުގެ ރެކޯޑުތައް އެ ކެނޑިޑޭޓެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓް ބަލަހައްޓަން ވާނެކަމަށާއި، ކެނޑިޑޭޓަކު ޚަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުން ކުރުމަށްޓަކައި އެއްވެސް ފަރާތަކުން ދޭ ފައިސާއެއް ނުވަތަ އެއްޗެއް ދިން ފަރާތް ސިއްރު ކޮށްގެން ނުވަތަ އޮޅުވާލައިގެން ނުވާނެ ކަމަށްވެސް ޤާނޫނުގައިވެއެވެ. 
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ބުނާގޮތުން ރިޔާސީ އިންތިޚާބާއި ގުޅިގެން ބައެއް ފަރާތްތަކުން ދޭ ފައިސާއާއި އެހީއާއި ތަކެތި ބަލައިގަތުމަކީ މަނާކަމެވެ. އެއީ، 
		
			
ޤާނޫނުގައި އޮންނަ ގޮތުން ރިޔާސީ އިންތިޚާބު ނިމުމުން، އިންތިޚާބަށް ކުރި ޚަރަދުތަކުގެ ތަފްސީލާއި، އެ ފައިސާ ލިބުނުގެ ގޮތުގެ ތަފްސީލްތަކުގެ މާލީ ބަޔާންތައް، ޤާނޫނާއި އެއްގޮތަށް އޮޑިޓްކުރުމަށްފަހު ކެނޑިޑޭޓުން ހުށަހަޅުއްވަންޖެހޭނެއެވެ. 
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އަދި އަންނަ ހޯމަދުވަހު އެ ފުރުސަތު ބަންދުވާނެއެވެ. 
ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން ރާއްޖޭގެ ބޮޑެތި ހުރިހާ ސިޔާސީ ޕާޓީތަކަކުންނާއި ކުޑަ ބައެއް ޕާޓީތަކާއި، އަމިއްލަ ބައެއް ފަރާތްތަކުން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް މިހާތަނަށް އިލެކްޝަންސްއަށް ހުށަހެޅުއްވީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ކެނޑިޑަސީ ފޯމް އެކަންޏެވެ. ރައީސް ޔާމީން ފޯމް ހުށަހެޅުއްވިނަމަވެސް، އެ މަނިކުފާނުގެ ކެނޑިޑަސީ ޤަބޫލުނުކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. 
ރިޔާސީ އިންތިހާބުގައި ވާދަކުރާ އެހެން ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓުން ޔަގީންވިނަމަވެސް، ރަނިން މޭޓުން އިއުލާންކޮށްފައެއް ނުވެއެވެ. ޤާނޫނުގައިވާ ގޮތުން ރިޔާސީ އިންތިޚާބަށް ފޯމް ހުށަހެޅޭނީ ރަނިންމޭޓްގެ ނަމާއެކުއެވެ.