ޚަބަރު

މުވައްޒަފުންގެ ސްކީމްގައި އިތުރު ކުންފުނިތައް ބައިވެރިކުރަނީ




މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު ވަކި ވަރަކަށް މުސާރައިން ކެނޑޭގޮތަށް ޙައްޖަށް ދާން ފައިސާ ދައްކާ ސްކީމްގައި އިތުރު ކުންފުނިތަކާ އޮފީސްތައް ބައިވެރިކޮށް، މިމަހުގެ ތެރޭގައި އެފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.



މުވައްޒަފުންގެ ސްކީމްގައި މިހާތަނަށް ބައިވެރިވެފައިވަނީ ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯއާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންނެވެ.



ވަޒީފާތަކުގައި އުޅޭ މީހުންގެ މުސާރައިން ކޮންމެ މަހަކު ވަކި ވަރެއް ޙައްޖަށް ދިއުމަށްޓަކައި ދައްކަމުންދާ އުޞޫލުން، މީހުން ޙައްޖަށް ގެންގޮސްދިނުމުގެ ސްކީމް ފެށީ 2015 ވަނަ އަހަރެވެ. ޙައްޖު ކޯޕަރޭޝަންގެ މެނޭޖަރ އެންޑް މާރކެޓިންގ ލޮޖިސްޓިކް ޙަސަން ޝިނާން ވިދާޅުވީ، ޙައްޖު ކޯޕަރޭޝަނުން ތައާރަފްކޮށްފައިވާ މުވައްޒަފުންގެ ސްކީމްގައި ބައިވެރިވުމަށް ސަރުކާރުގެ ކުންފުނިތަކާއި، މިނިސްޓްރީތަކާއި އޮފީސްތަކުން ޝައުޤުވެރިކަން ފާޅުކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މިހާރު ތައްޔާރުވަމުން ދަނީ ޝައުޤުވެރިކަން ފާޅުކޮށްފައިވާ ބައެއް ކުންފުނިތަކާއި، މިނިސްޓްރީތަކާ އޮފީސްތައް ސްކީމްގައި ބައިވެރިކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ކަމަށް. އެހެންނަމަވެސް އެއީ ކޮން ކުންފުނިތަކެއް ކަމަށް އޭނާ ހާމައެއް ނުކުރައްވައެވެ. ޝިނާން ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކުރާ ކުންފުނިތަކާ އޮފީސްތަކުގެ މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށެވެ.



ޙައްޖު ކޯޕަރޭޝަނުން ހާމަކުރާއްވާ ގޮތުގައި، މުވައްޒަފުންގެ ސްކީމާ ގުޅޭ ގޮތުން އެކޯޕަރޭޝަނުން ގެންދަވަނީ އާންމުން ޙޭލުންތެރިކުރުމަށް މާލެއާ އަތޮޅުތެރޭގައި މައުލޫމާތު ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތައްވެސް ހިންގަވަމުންނެވެ. އެގޮތުން މިހާތަނަށް 16 އިދާރާއަކަށް މައުލޫމާތު ފޯރުކޮށްދެއްވާފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެއްވާފައިވެއެވެ.



މުވައްޒަފުންގެ ސްކީމްގެ އެންމެ ބޮޑު ބޭނުމަކީ ވީހާ ގިނަ އަދަދެއްގެ ޒުވާނުންނަށް ޙައްޖާއި އުމްރާއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދެއްވުމެވެ. މި ސްކީމްގައި ބައިވެރިވުމުން ކޮންމެ މަހަކު މަދު ފައިސާކޮޅެއް ޖަމާކޮށްގެން ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޙައްޖަށް ދެވޭ މިންވަރަށް ފައިސާ ދައްކައި ޚަލާސް ކުރެވޭނެކަމަށް ޙައްޖު ކޯޕަރެޝަނުން މައުލޫމަތު ދެއްވާފައިވެއެވެ. 



ސްކީމްގައި ބައިވެރިވުމަށް އެ މީހެއްގެ ޙައްޖު އެކައުންޓަށް ޖަމާކުރުމަށްޓަކައި މުސާރައިން ކަނޑާނެ މިންވަރެއް ނިންމާނީ އެ މުވައްޒަފަކު އަމިއްލައަށެވެ. އަދި އެމީހަކު ޖަމާކުރުމަށް ބޭނުންވާ އަދަދު އިތުރުކުރުމާއި އުނިކުރުމުގެ ފުރުޞަތުވެސް އެމީހަކަށް ލިބިގެންވާކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

އމުސާރައިން އުނިކުރާ ފައިސާ ޖަމާވާނީ ހައްޖު ކޯޕަރޭޝަންގައި އެމީހެއްގެ ނަމުގައި އޮންނަ ސޭވިން ސްކީމްގެ އެކައުންޓަށެވެ.