މިއަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިދިޔަ ޖުލައި މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކުރެވުނު ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން، އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކުރެވުނު ޢަދަދު އިތުރުވީނަމަވެސް ޑެންގީހުމާއި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރެވުނު ނިސްބަތް ދަށްވެފައެވެ. މިކަން ހާމަކުރައްވާފައިވަނީ އެޗްޕީއޭއިން ނެރުނު ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ޙާލަތު ރިޕޯޓު ދައްކައެވެ.
އެޗްޕީއޭއިން ނެރުނު ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ޙާލަތު ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކުރެވުނު ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ޖުލައިމަހުގެ ބޭރަށް ހިންގުން ޖެހިގެން 7384 މީހުން ފަރުވާ ހޯދާފައިވާއިރު ޖޫން މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ 3328 މީހުންނެވެ. ގްރޭޓަރ މާލޭގެ އިތުރުން ބޭރަށްހިންގުން އިތުރުވެފައި ވަނީ ށ، ރ، ބ،ޅ ކ، އދ، ފ، ތ، ލ، އަދި ގއ، އަތޮޅުގައެވެ.
އެހެންކަމުން ބޭރަށް ހިންގުން ފަދަ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަބަދުވެސް އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ.
ނޯރޯވައިރަސްގެ ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިންމު ފިޔަވަޅުތަށް pic.twitter.com/fkCb1dEpIH
— Health Protection Agency (@HPA_MV) July 29, 2023
◉ ކެއުމުގެ ކުރީން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
◉ ފާޚާނާ ކުރުމަށްފަހު އަދި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
◉ ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރިއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުން
◉ ގޭގައި ކާބޯތަކެތި ރައްކާކުރާއިރު ރައްކާކުރާ ތަނަކީ ސާފު ތާހިރު ތަނެއްތޯ ބެއްލުން
◉ ކާބޯތަކެތި ތައްޔާރު ކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުން
◉ ފުޅީގައި ބަންދުކޮށްފައިވާ ފެން ނުވަތަ ކޮލޮރިނޭޓްކޮށްފައިވާ ފެން ނުވަތަ ވޯޓާރ ސަޕްލައި ފެން ކައްކާއިގެން ބޭނުން ކުރުން
◉ ގިނަ ގިނައިން ލޮނުޕެކެޓު (އޯ.އާރް.އެސް)، ފެން އަދި ސޫޕް، ކުރުނބާ ފެންފަދަ ދިޔާތަކެތި ބޭނުންކުރުމާއި ތުއްތު ކުދިންނަށް ގާތުން ކިރިދިނުން ކުރިއަށް ގެންދިޔުން
◉ ބޭރަށް ހިންގުމުގެ އިތުރުން އާދަޔާ ޚިލާފަށް ކަރުހިއްކުމާއެކު ބޮލަށް އެނބުރުން އެރުން، މާބޮޑަށް ވަރުދެރަވުން، ކުޑަކަމުދެވޭ މިންވަރު މަދުވުން، ގިނަގިނައިން ހޮޑުލެވުން އަދި ލެވޭހޮޑުގައި ލޭގެ އަސަރު ހުރުން، ބޮޑުކަމުދެވޭތަކެތީގައި ލޭގެ އަސަރު ހުރުން އަދި އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސާނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން
◉ ބަލިޖެހިފައިވާ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
އެޗްޕީއޭއިން ހާމަކުރައްވާފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު ޖުލައި މަހު ޑެންގީހުން ޖެހިގެން ރިޕޯޓް ކުރެވުނު ޢަދަދުވަނީ ދަށަށް ގޮސްފައެވެ. ޖޫން މަހު 568 މީހުންނަށް ޑެންގީ ހުން ޖެހިފައިވާއިރު ޖުލައިމަހު 271 މީހަކަށް ޑެންގީ ހުން ޖެހިފައިވެއެވެ. ގްރޭޓަރ މާލެ އޭރިޔާގެ އިތުރުން ޑެންގީ ހުން އިތުރުވެފައިވަނީ ހދ، ރ، ބ، ކ، ތ، ލ އަދި ސ އަތޮޅުގައެވެ.
ޑެންގީ ހުންޖެހުނު މީހުންގެ އަދަދު މަދުވެފައިވީނަމަވެސް މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއ،ި ބަލި ތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއެއިންވަނީ އިލްތިމާސްކުރައްވާފައެވެ.
◉ މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުން
◉ މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުން ކުރުން
◉ މަދިރި އެންމެ ގިނަވާ ވަގުތުތައް ކަމަށްވާ ފަތިސް ގަޑީގައި އާއި އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުން
◉ ހުސް ފުޅ/ިދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން
◉ ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރުން
◉ އަރާމު ކުރުން (މީގެ ސަބަބުން ބަލި ފަސޭހަވުން އަވަސްވުމާއެކު ބަލި ފެތުރެމުންވެސް ރައްކާތެރި ކޮއްދޭ)
◉ ގިނަގިނައިން ދިޔާއެއްޗެހި ބޭނުންކުރުން (ފައިދާހުރި ދިޔާތަކެތީގެ ތެރޭގައި ކުރުބާފެނ،ް ލޮނުޕެކެޓް، ސޫޕް ފަދަ ތަކެތި ހިމެނޭ)
◉ ހުން މަޑު ކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓެމޯލް ބޭނުން ކުރުން
◉ 3 ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެތި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
އެޗްޕީއޭއިން ނެރުނު ބަލިތަކުގެ ޙާލަތު ރިޕޯޓުން ދައްކާ ގޮތުގައި މިއަހަރުގެ ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރެވުނު ޢަދަދު ވަނީ މަދު ވެފައެވެ.
އެގޮތުން ޖޫން މަހު 25749 މީހުންނަށް އަރިދަފުސް ރޯގާ ޖެހިފައިވާއިރު ޖުލައި މަހު އަރިދަފުސް ރޯގާ ޖެހިފައިވަނީ 23206 މީހަކަށެވެ. ގްރޭޓަރ މާލޭ އޭރިއާގެ އިތުރުން އަރިދަފުސްރޯގާ އިތުރުވެފައި ވަނީ ހއ، ނ، ރ، ބ، ޅ، އދ، ފ، ތ އަދި ގދ އަތޮޅުގައެވެ.
ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު އިންފްލުއެންޒާގެ ޢަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު ޢަދަދުވެސް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ޖޫން މަހު އިންފުލުއެންޒާއަށް 232 ޓެސްޓކުރެވިފައިވާއިރު 55 މީހުންވަނީ ޕޮޒިޓިވްވެފައެވެ. އަދި ޖުލައިމަހު 212 މީހުން އިންފުލުއެންޒާއަށް ޓެސްޓްކޮށްފައިވާއިރު 4 މީހުންވަނީ ޕޮޒިޓިވްވެފައެވެ.
މިއަހަރު މިހާތަނަށް އިންފުލުއެންޒާއަށް ޓެސްޓް ކުރެވުނު 1279 ސާމްޕަލްގެ ތެރެއިން 218 ސާމްޕަލްއެއް ޕޮޒިޓިވްވެފައިވެއެވެ. ގްރޭޓަރ މާލެއޭރިޔާގެ އިތުރުން ވައިރަލްހުން އިތުރުވެފައި ވަނީ ހއ، ނ، ރ، ބ، ކ، އއ، ވ، މ، ތ، ލ، އަދި ސ އަތޮޅުގައެވެ.
◉ ކެއްސާ، ކިބިހި އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ޓިޝޫއެއް ފަދަ އެއްޗެއް އެޅުން އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން
◉ ޢާއްމު ސާފުތާހިރުކަމަށް، ޚާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން
◉ ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
◉ ރޯގާޖެހިފައިވާނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން
◉ ބަލި ޖެހުމުން ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުން. އަދި މި ފަރާތްތައް ރޯގާ ޖެހި ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
◉ ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާއެކު ވީހާވެސް މަދުމީހުން ހޮސްޕިޓަލަށް ދިއުން
◉ ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުން
◉ ކޮންމެހެން ހޮސްޕިޓަލަށް ދާންނުޖެހޭ ހާލަތްތަކުގައި މެނުވީ ހޮސްޕިޓަލަށް ދިއުން މަދުކުރުން