ޚަބަރު

ކަފިހިހުރަހުގެ ބޭނުން ހެޔޮގޮތުގައި ކުރޭބާ..!


މަގު ހުރަސްކުރުމަށްޓަކައި މަގުމަތީގައި ކުރަހާފައި ހުންނަ "ކަފިހިހުރަހަސް" ތަކަކީ މަގުގެ އެއްފަރާތުން އަނެއްފަރާތަށް ހިނގާމީހުނަށް ފަސޭހައަކަށްޓަކައި ހަދާފައި ހުންނަ ތަންތަނެވެ.

މާލޭގައި މިފަދަ އެތައް ކަފިހި ހުރަހެއް ހިނގާފައި އުޅޭ މީހުންނަށް ފަސޭހަޔަށް ހަދާފައި ހުރެއެވެ. އެހެންނަމަވެސް މި ހާރަކަށް އައިސް ޢާއްމުކޮށް ފެންނަމުންދާ އެއް މަންޒަރަކީ ކަފިހިހުރަސް ކައިރީގައި މީހަކު ނުވަތަ ބަޔަކު މަގު ހުރަސްކުރުމަށްޓަކައި މަޑުކޮށްލައިގެން ތިބިކަމުގައި ވީނަމަވެސް، އެމީހަކު ނުވަތަ އެ ބަޔަކު މަގު ހުރަސްކުރުމުގެ ފުރުޞަތު ނުދީ، އެއްގަމު އުޅަނދުފަހަރުތައް ދުއްވަމުންދާ މަންޒަރެވެ.

ވެހިކަލް ދުއްވާ ފަރާތްތަކުން ކަފިހި ހުރަސްކޮށްފައި ދިއުމުގެ ކުރިން މަގު ހުރަސްކުރާ ތަނުގައި މީހަކު ހުރިތޯ ނުވަތަ ނެތްތޯ ބަލައި، މަގުހުރަސް ކުރަން މީހަކު ހުރިނަމަ އެމީހަކަށް ތަންދޭންވާނެ ކަމަށް ޓްރެފިކް ޤަވާޢިދުގައި ބުނެފައިވޭ. އެހެންނަމަވެސް ހިތާމައަކީ މިޤަވާޢިދަށް ބައެއް މީހުންނަށް ޢަމަލުނުކުރާކަމެވެ. މަގުމަތީގައި ހެދިފައިވާ ޤަވާޢިދަށް ޙުރުމަތްތެރިކޮށް ނުހިތުމުގެ ސަބަބުން ފުރާނައަށް ނުރައްކާތެރި އެތައް ޙާދިސާތަކެއް މި މުޖުތަމަޢުގައި ހިނގާފައި ހުރިކަން ފާހަގަކޮށްލަންޖެހެއެވެ. ޓްރެފިކް ޕޮލިސް ޑިޕާޓްމެންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދު ވިދާޅުވީ ކަފިހި ހުރަސްމަތީން މަގު ހުރަސްކުރަމުންދަނިކޮށް ދުއްވާފައިދާ ވެހިކަލް މަގުހުރަސްކުރާ މީހުންގެ ފައިމައްޗައް އެރުމާއި އަދި ފުރާނައަށް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައިވާކަމަށެވެ.

ޢާންމުގޮތެއްގައި ޓްރެފިކް ޤަވާޢިދުތަކަށް ޢަމަލުނުކުރާ މީހުންނަކީ ޒުވާން ޢުމުރުފުރައިގެ މީހުންކަމަށް ވެސް ދާއޫދު ފަހަކުކުރެއްވިއެވެ. މީގެ އިތުރުން ދާއޫދު ވިދާޅުވީ ކަފިހި މަތީން މީހުން ހުރަސްކުރަމުން ދަނިކޮށް މަޑުނުކޮށް ދާ ބައެއް ވެހިކަލްތައް ޖޫރިމަނާ ކުރެވިފައިވާނެކަމަށެވެ.

"ހުރިހާކަމަކަށް ފިޔަވަޅު އެޅިގެން ޖޫރިމަނާތަކެއް ކޮށްގެން ހައްލު އަންނާނެކަމަކަށް ޤަބޫލެއް ނުކުރެވޭ. އަދި ހައްލު އަންނަންޖެހޭނީ އެމީހާގެ ވިސްނުމާ ފިކުރަން، މިކަންކަމަށް ބަދަލު އައިސްގެން މެނުވީ ކަންކަން ހައްލުވެގެން ދާތަނެއް ފެންނާނެކަމަށްކަށް ވެސް ޤަބޫލެއް ނުކުރެވޭ" ދާއޫދު ވިދާޅުވިއެވެ.

ޓްރެފިކް ޤަވާޢިދުތަކަށް އަހުލުވެރިކުރުމުގެ ގޮތުން ރާއްޖޭގެ އަށާރަ ހާހެއްހާ މީހުންނަށް ކުލާސް ނަގައިދެވިފައިވާނެ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ. މީގެތެރޭގައި ޓެކްސީ ސެންޓަރތަކުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ކާރު ޑުރައިވަރުންނަށް އަމާޒުކޮށްގެން ޓްރެފިކާ ގުޅޭ މަޢުލޫމާތު ދެއްވުމަށް ޚާއްޞަ ކުލާސްތަކެއް ހިންގަވާފައިވާނެކަމަށް ވެސް ޓްރެފިކް ޕޮލިސް ޑިޕާޓްމެންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދު ފާހަގަކުރެއްވިއެވެ.

މަގުހުރަސްކުރުމަށް މަގު ހިނގާ މީހުންނަށް ކަނޑައެޅިފައިވާ ފުރުޞަތު ނުލިބުމުން، ކޮންމެ ގޮތަކުންވެސް މަގުހުރަސްކުރަން ޖެހުމާއި އެކަމަށް ފުރުޞަތު ނުދޭން ވެހިކަލް ދުއްވާ މީހުން މަސައްކަތްކުރާ ކަމަށް ބަލަންޖެހޭ ފަދަ ޙާލަތުވެސް ބައެއް ފަހަރު ފެނެއެވެ. އަދި ތިމާ އެހެން މީހަކަށް ފުރުޞަތުދިނުމަކީ ތިމާގެ ބަލިކަށިކަންކަމަށް ބަލާހެން ހީވާ ފަހަރާއި އަނެކާއަށް ޖެއްސުންކޮށް ނުވަތަ ތިމާގެ ގަދަކަން ދެއްކުމަށް މަސައްކަތްކުރާ މަންޒަރުވެސް މަގުމަތިން ފެންނަމުންދެއެވެ.

މީގެ އިތުރަށް މަގުހުރަސްކުރާ ނުތެއް ނުކުރާ ތަނެއް ބެލުމެއް ނެތި ހަމަ ކޮންމެ ދިމާއަކުން މީހުން މަގުރަސްކުރާތަން ފެންނަނީވެސް މަދެއްކޮށެއް ނޫނެވެ. މިފަދަ ތަފާތު ނުރަނގަޅު ކަންކަމުން ދޭހަވެނެގެން ދަނީ ނާތަހުޒީބުގެ ސިފަތަކާއި އިޙްތިރާމް ކުޑަކުރުމުގެ ސިފަތަކެވެ. މިއީ މޮޅުކަންކަމަށް ދެކޭނީ މޮޅު މީހުންތޯ ނުވަތަ އެންމެ ދަށުދަރަޖައިގެ މީހުންތޯ ސުވާލުކޮށްލަންޖެހެއެވެ.

ފުލުހުން މިކުރާމަސައްކަތާއި އެއްވަރަށް އާމުންގެ ވިސްނުން ވެސް މިކަމުގައި ބޭނުންކުރަން އެބަޖެހެއެވެ. މިފަދަ ޤަވައިދުތަކަށް އަހުލުވެރިވެގެން މެނުވީ މުޖުތަމައުގައި ހުންނަ މިފަދަކަންތައްތަކެއް ނުހުއްޓުވޭނެއެވެ. މިފަދަ ޤަވައިދުތަކަކީ އެންމެންގެ ލާބަޔާއި މަންފާޔަށް ހެދިފައިވާ ޤަވައިދުތަކެއްކަން ވެސް ފާހަގަކޮށްލަންޖެހެއެވެ.