ޚަބަރު

ދީނުގެ އަސާސްތަކާ ޚިލާފަށް ހިންގާ އަމަލުތަކާ ދެކޮޅަށް ފިޔަވަޅުނާޅާ ދޫކޮށްލުމަކީ ޤަބޫލުކުރެވޭނެކަމެއް ނޫން


  • މިނިސްޓަރ ޝާހިދު ވަނީ މުސްޙަފް އެންދުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައި

  • މިފަދަ އަމަލުތަކަކީ ހަރުކަށި ފިކުރުތައް ފެތުރުމަށް ބާރުއަޅާ އަމަލުތަކެއް: ޝާހިދު

އިންސާނީ ހައްޤުގެ ނަމުގައި ދީނުގެ އަސާސްތަކުގެ ޚިލާފަށް ހިންގާ އަމަލުތަކާ ދެކޮޅަށް ފިޔަވަޅުނާޅާ ދޫކޮށްލެވިގެން ދިއުމަކީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެކަމެއްނޫން ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ، އޯ.އައި.ސީ.ގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ވަރޗުއަލްކޮށް ބޭއްވި އެކްސްޓްރާ-އޯޑިނަރީ ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުންނެވެ.

މިބައްދަލުވުމަކީ ދާދިފަހުން ސްވިޑަން އާއި ޑެންމާކްގައި ހުންނަ އިރާޤްގެ އެމްބަސީ ކުރިމަތީގައި މުޞްޙަފް އަންދާލި މައްސަލަ ކުށްވެރިކޮށް އެފަދަ އަމަލުތައް ތަކުރާރުވިޔަނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި އަލް-އަޤްސާ މިސްކިތުގެ ހަރިންމަ ތެރެއަށް އިސްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު ވަދެފައިވާތީ، އެކަން ކުށްވެރިކޮށް، ސައުދީ އަރަބިއްޔާ އަދި އިރާޤު ގެ ސަރުކާރުތަކުން އިސްވެ ބޭއްވެވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ތަޤްރީރުކުރައްވަމުން މިނިސްޓަރ ޝާހިދު ވަނީ މުސްޙަފް އެންދުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެފަދަ އަމަލުތަކަކީ ހަރުކަށި ފިކުރުތައް ފެތުރުމަށް ބާރުއަޅާ އަމަލުތަކެއްކަމަށް ފާހަގަކުރައްވާފައެވެ. އަދި، އެ އަމަލުތަކަކީ މުސްލިމް އުންމަތައް ލިބޭ ހިތާމައެއްގެ އިތުރުން، މުޖުތަމުޢު ބައިބައިކޮށް ފިތުނަ ފަސާދަ އުފެއްދުމަށް މަގުފަހިކޮށްދޭ ދަށުދަރަޖައިގެ ޢަމަލެއް ގޮތުގައިވެސް މިނިސްޓަރ ސިފަކުރެއްވިއެވެ.

މިނިސްޓަރގެ ތަޤްރީރުގައި ވިދާޅުވީ އިންސާނީ ހައްޤުގެ ނަމުގައި ދީނުގެ އަސާސްތަކާ ޚިލާފަށް ހިންގާ މިފަދަ އަމަލުތަކާ ދެކޮޅަށް ފިޔަވަޅުނާޅާ ދޫކޮށްލެވިގެން ދިއުމަކީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެކަމެއްނޫން ކަމަށެވެ. އެގޮތުން، އ.ދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން މިނިމުނު ޖުލައި މަހު ފާސްކުރި ޤަރާރަކީ އެކުގައި މަސައްކަތްކޮށްގެން ލިބޭ ކާމިޔާބީއެއްގެ ދަލީލެއް ގޮތުގައިވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި، މިފަދަ އަމަލުތައް ހުއްޓުވުމަށް ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށާއި އިޚްތިރާމްކުރުމަށް ބާރުއެޅުމުގެ މުހިންމުކަންވެސް މިނިސްޓަރ ޝާހިދުގެ ތަޤްރީރުގައި ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ތަޤްރީރުގައިވަނީ އަލް-އަޤްސާ މިސްކިތަށް އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ ހަމަލާތަކާއި، ހަރިންމަ ތެރެއަށް ހުއްޓުމެއްނެތި ވަނުން ކުށްވެރިކުރައްވާފައެވެ. އަދި މިފަދަ އަމަލުތަކަކީ މެދުއިރުމަތީގެ ސުލްހަ މަސަލަސްކަން ގެއްލުވާލަ ފަދަ އަމަލެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި، އެ މަނިކުފާނުގެ ތަޤްރީރުގައި ދިވެހި ސަރުކާރާއި ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއެކު އަބަދުވެސް ވާނެކަމުގައި ވިދާޅުވެ، ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރުއަޅާ، ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުވުން ނިމިގެންދިޔައީ އޯ.އައި.ސީ.ގެ މެމްބަރު ޤައުމުތަކުގެ މެދުގައި މި ދެ އަމަލުތައް ކުށްވެރިކޮށް، މެދުކެނޑުމެއްނެތި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ހާމަކޮށް، ދެ ޤަރާރެއް ފާސްކޮށްފައެވެ.