ޚަބަރު

3 ރަށެއްގެ ސިއްޙީ މަރުކަޒު ނިންމާ މިއަހަރު ޚިދުމަތްދެވޭނެ


ތިން ރަށެއްގައި އަލަށް އަޅުއްވާ ސިއްޙީ މަރުކަޒުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމަވާ ޚިދުމަތް ދެވޭވަރު ވާނެ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.  ސަރުކާރުން އަލަށް އަޅުއްވާ 3 ސިއްޙީ މަރުކަޒަކީ ރ.އަނގޮޅިތީމާއި ނ. މަގޫދުއާއި  އ.އ ހިމަންދޫ ސިއްޙީ މަރުކަޒެވެ.  ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ޤާސިމް ވިދާޅުވީ މިރަށްތަކުގައިވެސް ބަލި މީހުންބަލާނެ ކޮޓަރިއަކާއި ވިއްސާނެ ލޭބަރ ރޫމެއް ހުންނާނެކަމަށެވެ. އަދި ލެވެލް ތިނެެއްގެ ސިއްޙީ މަރުކަޒެއްގައި ހުންނަން ޖެހޭ ހުރިހާ ޚިދުމަތްތަކެއް މި ސިއްޙީ މަރުކަޒުތަކުންވެސް ލިބެން ހުންނާނެކަމަށް ޤާސިމް ވިދާޅުވިއެވެ.  

މި 3 ސިއްޙީ މަރުކަޒުގެ އިތުރުން ޅ.ހިންނަވަރާއި، ގދ ގައްދޫއާއި ވެސް އަލަށް ސިއްޙީ މަރުކަޒެއް އެޅުއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައިވާކަމަށެވެ. މި ދެ ރަށުގައި އަލަށް އަޅުއްވާ ސިއްޙީ މަރުކަޒުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެއްޓެވުމަށް ހަމަޖެހިފައިވާކަމަށް ޤާސިމް ވިދާޅުވިއެވެ.

އަދި ލ . ފޮނަދޫގައި ހުރި ސިއްޙީ މަރުކަޒުގެ ޖާގަ އިތުރު ކުރެއްވުމުގެ ގޮތުން އިތުރު އިމާރާތެއް ހެއްދެވުމަށް 4.3 މިލިޔަން ރުފިޔާއަށްބަޔަކާ ވަނީ ހަވާލުކުރައްވާފައެވެ. މި އިމާރާތުގެ މަސައްކަތްވެސް ކުރިޔަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.