ޝަޢުގުވެރި ގިނަ ހަރަކާތްތަކާ އާއްމުންގެ ބޮޑު ތަރުހީބަކާއެކު، "މިނިވަން އުފާ ކާނިވާ" ފަށައިފިއެވެ. މި ކާނިވާ ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއެވެ.
ހުޅުމާލެ ސެންޓްރަލ ޕާކުގައި ފެށި މިނިވަން އުފާ ކާނިވަލަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 58އަހަރު ފުރޭ، 59ވަނަ މިނިވަން ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ކާނިވަލަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ކުރިއަށްގެންދާ ކާނިވަލެކެވެ.
ކާނިވާ ހުޅުވުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫިރއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ވަޒީރުންނާއި ކުންފުނިތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޢާންމުންވެސް ބައިވެރިވިއެވެ.
މިނިވަން އުފާ ކާނިވާ ހުޅުއްވައި ދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ކާނިވާގެ ސްޓޯލްތަކާއި ކުޅިވަރުތައް ބައްލަވާލައްވާފައެވެ.
ކާނިވާ ހުޅުވުމަށް ބޭއްވި ހަރަކާތްތައް ބަލާލުމަށް އާއްމުން އެއްވެ، މުޅި ސެންޓްރަލް ޕާކު ފުރާލިއެވެ. އެންމެ ޝައުގުވެރި ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވަނީ ޑްރޯން ޝޯއާއި، ހަވާއެރުމުގެ ކުޅިވަރުތަކެވެ. ރާއްޖޭގައި ބޭއްވި މިފަދަ ފުރަތަމަ ޑްރޯން ޝޯގައި، 300އަށްވުރެ ގިނަ ޑްރޯން ބޭނުންކޮށްފައިވެއެވެ. އަދި ދިވެހިރާއްޖެ ރަމްޒުކޮށްދޭ ގޮތަށް، ޑިސްޕްލޭކޮށްފައިވެއެވެ.
ހަވާ އެރުވުންވެސް، 8 މިނެޓަށް ކުރިއަށްގެންދިޔައެވެ. މީގެއިތުރުން އަލިފާނުގެ ކުޅިވަރު ހަރަކާތަކާއި، ބޮޑުބެރުގެ ހަރަކާތްތައް ވަނީ ބާއްވާފައެވެ.
ކާނިވާގެ ފުރަތަމަ ރޭ ވެސް އާއްމުންގެ ބޮޑު ތަރުހީބެއްވަނީ ލިބިފައެވެ. މި ކާނިވަލުގައި ކުޅިވަރު ސްޓޯލްތަކާއި ފުޑް ސްޓޯލްތަކާއި ދިވެހި އަދި ބޭރު ފަންނާނުންގެ ހުށައެޅުންތަކާއި، ދިގުދަނޑި ހިނގުން، އެކްރޮބެޓްސްް، ޖަގްލަރސް، ބިރުވެރި ހޮހަޅަ، ކަރޯކޭ ބޮކްސް، ފްލޯޓް ޕާކް، ލެއިޒަރ ޕާކެއްވެސް ހިމެނެއެވެ.
ކާނިވަލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް، އިތުރު މީހަކާއެކު އިންޑޮނޭޝިޔާގެ ބާލީއަށް 7 ދުވަހުގެ ދަތުރެއް ލިބޭނެއެވެ.
ކާނިވަލުގައި ވަނީ ފުޅަނދު ބުރުގައި ބައިވެރިކުރި ފުޅަނދުތައްވެސް ދައްކާލަން ބަހައްޓާފައެވެ.
މިނިވަން އުފާ ކާނިވާ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަަލަށް، ކޮންމެ ދުވަހެއްގެ ހަވީރާ ރޭގަނޑު ކުރިއަށްދާނެއެވެ.