ޚަބަރު

ޖަމުޢިއްޔާތަކެއް އުވާލެއްވުމަށް ނެރުއްވި އިއުލާން ބާތިލް!


  • 1989 ޖަމުއިއްޔާއެއް އުވާލުމަށް އޮތީ ނިންމަވާފައި

  • މައްސަލަތަކެއް ފާހަގަވެގެން އިއުލާން ވަނީ ބާތިލްކޮށްފައި

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދެހާހެއްހާ ޖަމުޢިއްޔާ އުވާލެއްވުމަށް ޔޫތު މިނިސްޓްރީން ނެރުއްވި އިއުލާން ބާތިލްކުރައްވައިފިއެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމުއިއްޔާތައް ވިލަރެސްކުރައްވާ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވިދާޅުވީ ޖަމުއިއްޔާތަކެއް އުވާލެއްވުމަށް ނިންމަވައި ނެރުއްވި އިޢުލާނާއި ގުޅިގެން، އިދާރީ ގޮތުން ބައްލަވަންހުރި ކަންކަން ހުރުމުގެ ސަބަބުން އެ އިޢުލާން ބާޠިލު ކުރައްވާފައިވާކަމަށެވެ.

ބާތިލް ކުރެއްވުމަށް ޔޫތު މިނިސްޓްރީން ނިންމެވި އިއުލާނަކީ މިދިޔަ އަންގާރަ ދުވަހު ނެރުައްވި އިއުލާނެކެވެ. މި އިއުލާނުގައި އޮތީ ހަރަކާތްތެރި ނުވުމާއި، ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅާފައިނުވުން އަދި ޖަމިއްޔާގެ ހިންގާ ކޮމިޓީ ރަޖިސްޓްރީކޮށްފައިނުވާ 1989 ޖަމުއިއްޔާއެއް އުވާލަން ނިންމަވާފައިވާކަމަށެވެ. އަދި ޖަމްޢިއްޔާއެއް އުވާލުން ހުއްޓުވަން ބޭނުންވާނަމަ ޖަމްޢިއްޔާގެ މެންބަރަކަށް ނުވަތަ މަޞްލަޙަތު އޮތް ތިންވަނަ ފަރާތަކަށް ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާރ އަށް ލިޔުމުން ހުށަހެޅުމުގެ އޮތީ ހުޅުވާލާފައެވެ.

އުވާލެއްވުމަށް ނިންމެވި ޖަމިއްޔާތަކުގެ ލިސްޓުގައި ރާއްޖޭގައި ވަރަށް ހަރަކާތްތެރި ޖަމުއިއްޔާތައްވެސް ހިމެނިފައި އޮތުމުން ގިނަ ބަޔަކު ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޖަމުއިއްޔާތައް އުވާލެއްވުމަށް ނެރުއްވި އިއުލާން ބާތިލްކުރެއްވީ މިމައްސަލަ ޔޫތު މިނިސްޓަރ މަހްލޫފްގެ ސަމާލުކަމަށް އައުމުންނެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ ޖަމުޢިއްޔާތައް އުވާލަން އާއްމުކޮށްފައިވާކަން އެނގިވަޑައިގަތީ މީޑިއާތަކުންކަމަށާއި އެ ލިސްޓުގައި މައްސަލަތަކެއް ހުރި ކަމުގެ ޝަކުވާ އެކި ފަރާތްތަކުން ލިބިވަޑައިގެންފައިވާކަމަށެވެ. އަދި އެކަން ހިނގާފައި ގޮތް ބައްލަވާ، އެކަން ރަނގަޅުކުރެއްވުމަށް ކުރަންޖެހޭ ކަންކަން ކުރެއްމަށް އަންގަވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އޭގެތެރޭގައި ޖަމުޢިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް ހިމެނޭ. އަދި ހަރަކާތްތެރިކޮށް ފެންނަ ބައެއް ޖަމުޢިއްޔާތައްވެސް އެބަ ހިމެނޭ. މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ވަނީ އަޅުގަނޑަށް ލިބިފަ.މިކަންކަން ބަލާ ރަނގަޅުކުރުމަށް ވާނީ ރިކުއެސްޓުކޮށްފައި" މަހްލޫފް ވިދާޅުވިއެވެ.

މިނިސްޓަރގެ އެންގެވުމާއި އެއްގޮތަށް ޔޫތު މިނިސްޓްރީން މިހާރު ވަނީ ޖަމުއިއްޔާތަކެއް އުވާލުމަށް ނެރުނު އިއުލާން ބާތިލްކުރައްވައި، ގެޒެޓް ކުރައްވާފައެވެ.