ޚަބަރު

ފުޅަނދުބުރަށް މިއަހަރުވެސް ބޮޑު ތަރުހީބެއް؛ ކުޑަކުދިންގެ ޝައުގުވެރިކަން ބޮޑު


  • ތަފާތު އެކި ފުޅަނދުތައް ފެނިގެންދިޔަ

  • ރައީސްގެ ދެކަނބަލުންވެސް ފުޅަނދު ބުރު ބައްލަވާލެއްވުމަށް ވަޑައިގެންނެވި

  • ކުޑަކުދިންގެ ޝައުގުވެރިކަން ބޮޑު ފުޅަނދު ބުރަށް

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފުޅަނދުބުރު މާލޭގައި ބާއްވައިފިއެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް މިއަހަރު ބާއްވަމުންދާ ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ރޭ ބޭއްވި ފުޅަނދު ބުރު ބަލާލުމަށްވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ މަގުތަކަށް ނިކުމެފައެވެ.

މިނިވަން ދުވަހާއި ގުޅުވައިގެން މީގެ އެތައް އަހަރެއް ކުރިން ފެށިގެން ސަރުކާރުން މާލޭގައި ބާއްވަވަމުން އަންނަ ފުޅަނދުބުރުގައި މިއަހަރު ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ހިމެނޭހެން 8 އިދާރާއަކުން ޖުމްލަ 15 ފުޅަނދު ބައިވެރިވިއެވެ..

މި ފުޅަނދުބުރުގައި ބައިވެރިކުރި ފުޅަނދުތަކުގެ ތެރޭގައި އާއްމުންގެ ސަމާލުކަން ލިބޭފަދަ ތަފާތު ފުޅަނދުތައް ހިމެނެއެވެ. އަދި ކުޑަކުދިންނާއި ގުޅޭ ތަފާތު ފުޅަނދުތައްވެސް ފުޅަނދުބުރުން ފެނިގެންދިޔައެވެ. އެކި ކުލަތަކުން ދިއްލާލާފައި ފުޅަނދުތައް މާލޭގެ އެކި ސަރަހައްދުތަކުން ދަތުރުކުރާމުންދިޔައިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ހިތްގާއިމު މަންޒަރު ބަލާލުމަށް މަގުތަކަށް ނިކުމެފައެވެ.

އެކި ތީމް ތަކަށް ހަދާފައިވާ ފުޅަނދުތައް ކުރިއަށްދިޔައިރު ފުޅަނދުތަކުގެ ބައިވެރިންގެ ފަރާތުން ތަފާތު ހަރަކާތްތައްވެސް ދިޔައީ ހުށަހަޅަމުންނެވެ. އުފާވެރިކަމާއި އެއްބައިވަންތަ މާހައުލެއް ފެނިގެންދިޔަ ފުޅަނދުބުރު ހަރަކާތުގެ ތެރެއިން ކުޑަކުދިންގެ ތަރުހީބު ލިބިގެންދިޔަ ކާޓޫން ކެރެކްޓަރސްތަކާއެކު ފޮޓޯ ނެގުންވެސް ކުރިއަށްދިޔައެވެ.

އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު ފުޅަނދު ބުރު ބައްލަވާލެއްވަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ވަނީ ޢިއްޒުއްދީން ފާލަން ކައިރިއަށް ވަޑައިގެންފައެވެ. ފުޅަނދުބުރު ބައްލަވާލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ..

މިއަހަރު ފުޅަނދު ބުރަށްވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު ހޯމް މިނިސްްޓްރީން ވިދާޅުވީ ފުޅަނދުތައް އާއްމުންނަށް ފެންނަ ގޮތަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބަހައްޓާނެކަމަށެވެ..

މިނިވަން ދުވަސް ފާހަގަކުރުމަށް ކުލަގަދަ ހަރަކާތްތަކެއް އަންނަނީ ބާއްވަވަމުންނެވެ. އަދި އަންނަމަހުގެ 4 ވަނަ ދުވަހާއި ހަމައަށް މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދެވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މިނިވަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް މާލޭގެ އިތުރުން ކުޅުއްދުއްފުށި ސިޓީއާއި އައްޑޫ ސިޓީގެ އިތުރުން، އިތުރު 10 ރަށެއްގައި ކުރިއަށްދާނެއެވެ. އަދި ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީތަކުގައިވެސް މިނިވަންދުވަހާގުޅޭ ހަރަކާތްތައް ދަނީ ކުރިއަށްގެންދަމުންނެވެ..