ޚަބަރު

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް އަތޮޅުތަކުގައި


ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޤާއިމުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެ މަރުކަޒުން ހާމަކުރައްވައިފިއެވެ. މިހާތަނަށް ރާއްޖޭގެ 6 އަތޮޅެއްގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް އުފައްދައްވާފައިވެއެވެ.

2،000 ވަނަ އަހަރު ސަރުކާރުން އުފައްދާފައިވާ ކީރިތި ޤުރާއާނާއިބެހޭ މަރުކަޒު އުފެދުނީއްސުރެ، ޤުރުއާނުގެ އިލްމު ރާއްޖޭގައި ފެތުރުމަށް ތަފާތު މަސައްކަތް ކޮށްފައިވާކަމަށް އެ މަރުކަޒުން މައުލޫމާތުދެއްވައެވެ. އަދި ތަފާތު އެކި ފަންތީގެ ކޯސްތައް ޤުރުއާނާއި ބެހޭ މަރުކަޒުން ހިންގާކަމަށް އެ މަރުކަޒުން ހާމަކުރައްވައެވެ. އޭގެތެރޭގައި ޤުރުއާނުގެ އިލްމު އުނގަންނައިދޭ ލެވެލް 1، 2 އަދި 3ގެ ކޯސްތައް ހިމެނެއެވެ. އަދި ހާތިބުން ތަމްރީންކުރުމާއި ކަށުކަމާކެމީގެ ކަންކަން ކުރާނެ ފަރާތްތަކަށް ތަމްރީނު ދިނުމުގެ އިތުރުން ހާފީޡުން އުފެއްދުމުގެ މަސައްކަތްވެސް ޤުރުއާނާބެހޭ މަރުކަޒުން ގެންދަނީ ކުރައްވަމުންނެވެ. ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ ޤުރުއާނާބެހޭ މަރުކަޒުން މިހާރު އަމާޒު ހިފާފައިވަނީ މުޅި ރާއްޖެއަށް ހިދުމަތް ފުޅާކުރެއްވުން ކަމަށެވެ. އެގޮތުން ކޮންމެ އަތޮޅެއްގެ ވެރިކަންކުރާ ރަށުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމްކުރެއްވުމަށް މަސައްކަތްކުރައްވާކަމަށް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވިއެވެ.

މިއަހަރު ޤުރުއާނާ ބެހޭ މަރުކަޒުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ގޮފި އަންނަމަހު އުނގޫފާރުގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މިހާތަނަށް ރާއްޖޭގެ 6 އަތޮޅެއްގައި ގޮފިތައް ޤާއިމުކޮށްފައިވާކަން ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ހާމަކުރައްވައެވެ.