ދުނިޔެ

ޢަރަބި ލީގުގެ އަމީންޢާންމުކަމުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުން


ޢަރަބި ލީގުގެ އަމީންޢާއްމުކަމުގެ މަގާމަށް މިސްރުގެ ކުރީގެ ޚާރިޖީ ވަޒީރެއްކަމަށްވާ އަހްމަދު އަބުލްޣައިތު އައްޔަންކޮށްފިއެވެ. މިކަން އިޢުލާން ކުރަމުން ޢަރަބި ލީގުން ބުނީ އެޖަމްއިއްޔާގެ އަމީންޢާއްމުކަމުގެ މަޤާމަށް އަބުލްޣައިތު ޢައްޔަންކުރީ 5 އަހަރުގެ މުއްދަތަކަށް ކަމަށާ އޭނާ މަޤާމާ ޙަވާލުވެވަޑައިގަންނަވާނީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު ކަމަށެވެ.

އުމުރުން 74 އަހަރުގެ އަހްމަދު އަބުލްޣައިތަކީ މިސްރުގެ ކުރީގެ ރައީސެއްކަމަށްވާ ޙުސްނީ މުބާރަކުގެ ވެރިކަމުގެ އެންމެ ފަހުގެ އަހަރުތަކުގައި އެޤައުމުގެ ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ތަޖްރިބާކާރު ޑިޕްލޮމޭޓެކެވެ. ހުސްނީ މުބާރަކްގެ ވެރިކަން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވެއްޓުނުއިރު އަބުލްޣައިތު ހުންނެވީ މިސްރުގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމުގައެވެ. އޭގެ ކުރިން މިސްރުގެ ޚާރިޖީ ވުޒާރާގައި އިސް މަޤާމުތަކެއް އަދާކުރެއްވުމުގެ އިތުރުން އދ. ގައި ހުންނަވާ މިސްރުގެ ދާއިމީ މަންދޫބުކަމުގެ މަޤާމުވެސް އަބުލްޣައިތު އަދާކުރައްވާފައިވެއެވެ. 1945 ވަނަ އަހަރު އަރަބި ލީގު އުފެދުނު ފަހުން ކުރުމުއްދަތެއްގައި މެނުވީ އެޖަމްޢިއްޔާގެ އަމީންޢާއްމުކަމުގެ މަޤާމު އަދާކުރައްވާފައިވަނީ މުޅިންވެސް މިސްރުގެ ބޭފުޅުންނެވެ. މި ކުރު މުއްދަތަކީ މިސްރުން އިސްރާއީލާއެކު ކޭންޕް ޑޭވިޑް ސުލްޙައިގެ މުއާހަދާގައި ސޮއިކުރުމާ ގުޅިގެން އަރަބި ލީގުގެ މަރުކަޒު މިސްރުން ތޫނިސްއަށް ބަދަލުކުރި މުއްދަތެވެ.

އަރަބި ލީގުގެ މަރުކަޒު މިސްރުން ތޫނިސްއަށް ބަދަލުކޮށްފައިވަނީ 1979 ން 1990 ވަނަ އަހަރަށެވެ. އެ މުއްދަތުގައި އަރަބި ލީގުގެ އަމީންޢާއްމުކަމުގެ މަޤާމު އަދާކުރެއްވީ ތޫނިސްގެ ބޭފުޅެއްކަމަށް އައްޝާޛްލީ އަލްގުލައިބީއެވެ. އަރަބިލީގުގެ މިހާރުގެ އަމީންޢާއްމު ނަބީލްއަލްއަރަބީއަކީވެސް މިސްރުގެ ޚާރިޖީ ވަޒީރުކަން ކުރިން ކުރައްވާފައިވާ މިސްރުގެ ރައްޔިތެކެވެ. އޭނާގެ މަޤާމުގެ މުއްދަތު ހަމަވާނީ މި އަހަރުގެ ޖޫން މަސް ނިމުމުންނެވެ. އަރަބި ލީގުގެ އަމީންޢާއްމުކަމުގެ މަޤާމަށް އަބުލްޣައިތު އައްޔަން ކުރިކަން އިޢްލާން ކުރައްވަމުން އަރަބި ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ މި ދައުރުގެ ރައީސް ބަހްރައިންގެ ޚާރިޖީ ވަޒީރު ޝައިޚް ޚާލިދު ބިން އަހްމަދު އާލް ޚަލީފާ ވިދާޅުވީ އަބުލްޣައިތަކީ އެމަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ އިލްމީ އަދި ތަޖްރިބާކާރު ޝަޚްސިއްޔަތެއް ކަމަށެވެ. އެހެންކަމުން އަރަބީންގެ ގުޅިފައިވާ މަސްލަޙަތުތައް ޙިމާޔަތް ކުރުމުގައާ އަދި އަރަބި ހުރިހާ ޤައުމުތަކަށް ހަމަހަމަގޮތުގައި މުޢާމަލާތް ކުރުމުގައި އަބުލްޣައިތު ދެމިހުންނަވާނެކަމަށާ އެމަޤާމަށް އޭނާ އައްޔަން ކުރީ 5 އަހަރުގެ މުއްދަތަކަށް ކަމަށްވެސް ޝައިޚް ޚާލިދު ބިން އަހްމަދު ވިދާޅުވިއެވެ.

"ފުރަތަމަ އެއްބަސްވީ ސާހިބުއްސައާދާ އަހްމަދު އަލީ އަބުލްޣައިތު އަރަބި ލީގުގެ އަމީންޢާއްމުކަމުގެ މަގާމަށް 5 އަހަރުގެ މުއްދަތަށް އައްޔަން ކުރުމަށެވެ. އެއީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން."

މިމަޤާމަށް އައްޔަން ކުރުމާ ގުޅިގެން އަބުލްޣައިތުވަނީ އެކަމަށްޓަކައި މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ އަށާއި އަރަބި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަރަބި ލީގުގެ އަމީންޢާއްމުކަމުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރަނީ އަރަބި ލީގުގައި ހިމެނޭ ކައުންސިލެއްކަމަށްވާ އަރަބި ޚާރިޖީ ވަޒީރުންގެ ކައުންސިލުންނެވެ. އެ ކައުންސިލްގައި އަރަބި ހުރިހާ ޤައުމެއްގެ ޚާރިޖީ ވަޒީރުން ނުވަތަ އެ ބޭފުޅުންގެ ބަދަލުގައި އެމަޖިލީހަށް ޙާޒިރުވެވަޑައިގަންނަވާ މަންދޫބުން ހިމެނެއެވެ. އަދި މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރިހަމަ ގޮތުގައި އެމަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް އަބުލްޣައިތު ވިދާޅުވިއެވެ.