ސިއްހަތު

އޭޑީކޭގައި އާ ސީޓީ ސްކޭން މެޝިނެއް ބަހައްޓަނީ


އޭޑީކޭގައި އައު ސީޓީ ސްކޭން މެޝިނެއް ބެހެއްޓުމަށްޓަކާ މިހާރު އެ ހޮސްޕިޓަލުން ދެމުންދާ ސީޓީ ސްކޭންގެ ހަދައިދިނުމުގެ ޚިދުމަތް މެދުކަނޑާލައިފިއެވެ.

އޭޑީކޭއިން ދެމުންދިޔަ ސީޓީ ސްކޭންގެ ޚިދުމަތް މެދުކަނޑާލުމުގެ ގޮތުން އެ ހޮސްޕިޓަލުން ވަނީ އެންމެ ފަހުން ސީޓީ ސްކޭން ހެދި ޕޭޝަންޓްގެ ސީޓީ ސްކޭނަށްފަހު މެޝިން ނިއްވާލާ މެޝިން ރޫޅާލުމުގެ މަސައްކަތްކޮށްފައެވެ. އޭޑީކޭން ބުނީ އެ ހޮސްޕިޓަލަށް އަލަށް ގެންނަ ސީޓީ ސްކޭން މެޝިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އައު މެޝިން ބެހެއްޓުމަށްފަހު ކުރިޔަށްއޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އައު މެޝިނުން ޚިދުމަތް ދެވޭވަރު ވާނެކަމަށެވެ.

އޭޑީކޭއިން ކުރިން ބޭނުންކުރަމުންއައި މެޝިނަކީ 16 ސްލައިސްގެ މެޝިނެއްކަމަށާ ނަމަވެސް އަލަށް ގެނެވޭ މެޝިނަކީ 128 ސްލައިސްގެ މެޝިނެއްކަމަށް އޭޑީކޭން މަޢުލޫމާތުދެއެވެ. އައު މެޝިނުން ގިނަ ސްލައިސް ނެގޭގޮތްވުމުން ހަށިގަނޑުގެ އެތެރެ މިހާރަށްވުރެ ތަފްޞީލްކޮށް ސްކޭން ކުރެވުމުގެ އިތުރުން މި މެޝިނުގައި ހިމެނޭ އިތުރު ފީޗާސްތަކުގެ ސަބަބުން ބަލިތައް ދެނެގުމުގައި އިތުރު ކުރިއެރުންތައް ލިބޭނެކަމަށް އޭޑީކޭން ބުނެއެވެ.

އޭޑީކޭއިން ބުނީ އައު ސީޓީ ސްކޭން މެޝިނަކީ މިހާރަށްވުރެ ޓެކްނޮލޮޖީގެ ގޮތުން ފެންވަރު ރަނގަޅު އަދި މެޝިނުން ބޭރުކުރާ ރޭޑިޔޭޝަންވެސް ކުޑަ މެޝިނެއްކަމަށެވެ.