ތަޢުލީމު

ނޮޅިވަރަންފަރު ސްކޫލްގައި 4 ކުލާސްރޫމް އެޅުމަށް ޖަޕާނުން އެހީދީފި


ތިދަލުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ސްކޫލްގައި 4 ކުލާސްރޫމް އިމާރާތްކުރުމަށް ޖަޕާނު ސަރުކާރުން 1.4 މިލިޔަން ރުފިޔާގެ ހިލޭ އެހީދީފިއެވެ.

ޖަޕާނު ސަރުކާރުން މި މަޝްރޫޢަށް ހިލޭ އެހީ ދީފައިވަނީ، ގްރާސްރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސްގެ ދަށުން ހުޅުވާލި ފުރުޞަތުގައި، ޕްރޮޕޯސަލް ހުށަހެޅުއްވި ސްކޫލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށައެޅުއްވި ފަރާތަކަށް ނޮޅިވަރަންފަރު ސްކޫލް ހޮވިގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، ޖަޕާނު ސަރުކާރުގެ ހިލޭ އެހީއާއި ޙަވާލުވެވަޑައިގެންފައިވަނީ، ނޮޅިވަރަންފަރު ސްކޫލްގެ ފަރާތުން އެ ސްކޫލްގެ ޕްރިންސިޕަލް ޢަލީ އަޙުމަދެވެ. ހިލޭ އެހީގެ އެއްބަސްވުމުގައި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ އެމްބަސީގެ ކައުންސެލަރ މަޝަހަރޫ ޝިމީޒޫއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޖަޕާން އެމްބަސީގެ ކައުންސެލަރ މަޝަހަރޫ ޝިމީޒޫ ވިދާޅުވީ، ޖަޕާނު ރައްޔިތުންގެ މި އެހީގެ ސަބަބުން، ރާއްޖޭގެ އިތުރަށް ބަޔަކަށް އެ ޤައުމުގެ އެހީ ފުޅާކުރެވި ގެންދާނެކަމަށެވެ. އަދި ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ ރަމްޒެއްގެ ގޮތުގައި މިތަން ވެގެންދާނެކަމަށް ޝިމިޒޫ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަފީޢު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ސްކޫލަކީވެސް އެ ސްކޫލަކާ އެކަށީގެންވާ މިންވަރަށް އުމްރާނީގޮތުން ތަރައްޤީކުރެވިފައިވާ އަދި ވަޞީލަތްތައް ޤާއިމުކުރައްވާފައިވާ ތަންތަނަށް ހެއްދެވުންކަމަށެވެ. އެހެންކަމުން ނޮޅިވަރަންފަރު ސްކޫލުގައި އަޅާ ކުލާސްރޫމްތަކަށް މިނިސްޓްރީން ވަޞީލަތްތައް ފުރިހަމަކޮށްދެއްވާނެކަމަށްވެސް ޝަފީޢު ވިދާޅުވިއެވެ. ނޮޅިވަރަންފަރު ސްކޫލަކީ، މިހާރު 170 އަށްވުރެ ގިނަ ކުދިން ތަޢުލީމު ހާސިލުކުރާ ސްކޫލެކެވެ. މިހާރު އެ ސްކޫލުގައި ކިޔަވައިދެއްވަނީ ހޯލުގައި ޕާޓިޝަން ޖަހައިގެންކަމަށް އެ ސްކޫލުން މަޢުލޫމާތުދެއްވައެވެ.

އެރަށުގައި މިހާރު ދިރިއުޅޭ މީހުންގެ އިތުރުން، މީހުން އާބާދުކުރުމުގެ ޕްރޮޖެކްޓެއް އެރަށުގައި ހިންގަވަމުން ގެންދަވާތީ އަލަށް އަޅާ ކުލާސްތަކުގެ ފައިދާ ގިނަބަޔަކަށް ކުރާނެކަމަށް ޖަޕާނު އެމްބަސީން އުންމީދުކުރައްވައެވެ. ޖަޕާނުން އަންނަނީ ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އެގޮތުން ސުނާމީ ކާރިޘާއިން އަރައިގަތުމަށް ގިނަ އެހީތަކެއް ފޯރުކޮށްދެއްވާފައިވާކަން ޖަޕާނު އެމްބަސީން ފާހަގަކުރައްވައެވެ. އަދި ފާއިތުވި ތިން އަހަރު ދެ ސްކޫލެއްގައި ދެ ޕްރޮޖެކްޓެއްވެސްވަނީ ހިންގަވާފައެވެ.

ރާއްޖޭގައި ތަޢުލީމު ފުޅާކުރެއްވުމަށް ހުރިހާ އަތޮޅެއްގައި އަތޮޅު މަދަރުސާތައް އެޅުމަށް 1980ގައި ހިންގެވި ޕްރޮގުރާމުގައި ސްކޫލުތައް ބިނާކުރައްވާފައިވަނީ ޖަޕާނުގެ އެހީންކަން އެޑިޔުކޭޝަން މިނިސްޓްރީން ފާހަގަކުރައްވައެވެ.