ތަޢުލީމު

ކުޅިވަރު ސްކޮލަރޝިޕްތަކުގެ ޚަރަދު ސަރުކާރުން ދެއްވަނީ


ސްޕޯޓްސް ސްކޮލަރޝިޕްތަކުގައި ރާއްޖެއިން ބޭރަށް ފޮނުއްވާ ދަރިވަރުންގެ ތަޢުލީމަށް ހިންގާ ޚަރަދު ސަރުކާރުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް މިގޮތަށް މިގޮތަށް ނިންމެވީ، ރާއްޖޭގެ އަތޮޅުތަކުގެ ސްކޫލުތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އެކިއެކި ކުޅިވަރުތަކުން ފާހަގަކުރެވޭ އާދަޔާޚިލާފު މޮޅު ހުނަރުވެރި ދަރިވަރުންނަށް، އެ ހުނަރެއް ހުރި ކުޅިވަރަކުން ފެންވަރު ރަނގަޅު ތަމްރީނުދެއްވައި، އަދި ތަޢުލީމީ މަރުޙަލާ ފުރިހަމަކުރެވޭނެ މަގު ތަނަވަސް ކުރެއްވުމަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ.

މި އަހަރުގެ ދިރާސީ އަހާރާއެކު ސްޕޯޓްސް ސްކޮލަރޝިޕް ތަޢާރަފްކުރައްވާފައިވާއިރު، މިހާތަނަށް ބާރަ ދަރިވަރަކަށް ފުރުޞަތުދެއްވާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ. އެ ފުރުޞަތު ދަރިވަރުންނަށް ދެއްވަނީ، ދަރިވަރުންގެ ކިބައިން ފެންނަ ހުނަރު އިތުރަށް ތައްޤީކުރެވިއްޖެނަމަ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ރީތިނަން ހޯދައިދިނުމަށް މީހުން ބިނާކުރެވޭނެ ގޮތަކަށް މި މަގުވާނެކަމަށް ކުޅިވަރާބެހޭ ޤައުމީ ޖަމުއްޔާއިން އިރުޝާދު ދީފައިވާތީކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މި ޕްރޮގުރާމަކީ ކާމިޔާބު ޕްރޮގުރާމެއްކަން ފާހަގަކުރެވޭކަމަށެވެ.

ޤައުމީ ފެންވަރާއި ބައިނަލްއަޤްވާމީ ފެންވަރުގައި ކުޅިވަރުގެ ދާއިރާއިން ވަނަހޯދާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރައްވައި، ހިއްވަރުދެއްވުމަށް ދެހާސް ސާދަވަނައަހަރު ވަނީ "މައިލޯ ކަލާސް އެވޯޑް"ގެ ނަމުގައި ޚާއްޞަ އެވޯޑެއް ތަޢާރުފްކުރައްވާފައެވެ. އެއީވެސް ކުޅިވަރުގެ ދާއިރާއިން ރަންވަނަ ހޯދާ ދަރިވަރުންނަށް ހުޅުވުނު ކާމިޔާބު ފުރުޞަތެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލާފައިވާ ސްޕޯޓްސް ސްކޮލަރޝިޕްގައި މިހާރު ތިން ދަރިވަރަކު ރާއްޖޭން ބޭރުގައިވެސް ތަމްރީން ހޯދަމުން އަންނަކަމަށް އެޑިޔކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ.