ކުޅިވަރު

ހަވީރުގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް އަސަދުﷲ އަށް


ހަވީރުން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމް ޖެހިޖެހިގެން ދެވަނަ ފަހަރަށް މާޒިޔާއަށް ކުޅޭ ޤައުމީ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ ހޯދައިފިއެވެ.

ކުރުނބާ މޯލްޑިވްސްގައި އޮތް މި ޝަރަފްވެރި އެވޯޑް ހަފްލާގައި އަސަދުﷲ އަބްދުﷲ މި އެވޯޑް ކާމިޔާބުކުރީ އޭނަޔާ އެއް ޓީމަކަށް ކުޅޭ އަސްހަދު އަލީ އަދި އަޙުމަދު ނާޝިދާ ވާދަކޮށްގެންނެވެ. މީގެ އިތުރުން އަސަދުﷲ ވަނީ ސީޒަނުގައި 15 ގޯލް ޖަހައިގެން މި އެވޯޑް ހަފްލާގައި ރަން ބޫޓުވެސް ހޯދާފަ އެވެ. މީގެ ކުރީ އަހަރުވެސް ރަންބޫޓް ހޯދީ އަސަދުﷲ އެވެ. އެފަހަރު އޭނާ ރަން ބޫޓް ހޯދީ 30 ގޯލް ޖަހައިގެންނެވެ.

އެންމެ އުންމީދީ ފުޓްބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި ހަވީރުން ހޮވާފައިވަނީ ނިއުރޭޑިއަންޓުގެ ޒުވާން ފޯވާޑް ހަމްޒާ މުޙައްމަދެވެ. މި އެވޯޑަށް އޭނައާ ވާދަކޮށްފައިވަނީ ޓީސީގެ ނާއިޒް ހަސަން އަދި އީގަލްސްގެ އިބްރާހިމް މުބީނެވެ.

ކުޅިވަރު ދާއިރާއިން ޙިދުމަތްކުރެއްވުމުގެ އެވޯޑް ލިބިވަޑައިގެންނެވީ ކުޅިވަރަށް އެތަށް ގޮތަކުން ޙިދުމަތްކުރައްވާފައިވާ ބޭފުޅެއްކަމަށްވާ އުމަރު ޒާހިރަށެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ މާޒިޔާއަށް ޤައުމީ މުބާރާތް ކާމިޔާބުކޮށްދިން އަލީ ސުޒޭނަށެވެ. އޭނާ ވަނީ ލީގުގެ ތިންވަނަ މާޒިޔާއަށް ހޯދައިދިނުމުގެ އިތުރުން ޕީޕަލްސް ކަޕުގެ ފައިނަލަށްވެސް އެ ޓީމް ގެންގޮސްދީފައެވެ. ސުޒޭނާއެކު މި މަޤާމަށް ވާދަކޮށްފައިވަނީ މުޅިން އަލަށް ރާއްޖޭގެ އެއްވަނަ ޑިވިޜަނުގައި ވާދަކޮށް، ލީގުގެ ދެވަނަ ހޯދި ޓީސީގެ ކޯޗް މުޙައްމަދު ނިޒާމް އަދި ކްލަބް އީގަލްސްގެ ކޯޗް އިޙުސާން އަބްދުލްޣަނީއެވެ. އެންމެ މޮޅު ފުޓްބޯޅަ ރެފްރީއަކަށް ހޮވުނީ އަޙްމަދު ޝިފާން އަބްދުއްރަޙީމެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދުގެ އަގުވަޒަން ކުރުމުގެ ގޮތުން އޭނާޔަށް ހަވީރުން ވަނީ އެވޯޑެއް ދީފައެވެ. އޭނާ ވަނީ މިދިޔަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދުމުގެ އިތުރުން ސާފް ގޭމްސްގައި 100 މީޓަރާއި 200 މީޓަރުން ރާއްޖެއަށް ރިހި މެޑަލް ހޯދާދީފައެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ވޮލީ ބޯޅަ ކުޅުންތެރިޔާގެ މަޤާމް ހޯދީ އިސްމާއިލް ސާޖިދެވެ. އެންމެ އުންމީދީ ފިރިހެން ވޮލީބޯލަ ކުޅުންތެރިޔަކަށް ހޮވުނީ ހަސަން ނިލާމެވެ. އަންހެން އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔަކަށް މިދިޔަ އަހަރުވެސް އެ އެވޯޑް ހޯދި ހައްވާ ރާޝިދާ ހޮވުނުއިރު، އަންހެން އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ފާތިމަތު ޖޫޒާނެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ބާސްކެޓް ކުޅުންތެރިޔަކަށް ހޮވުނީ އިބްރާހިމް ރަޝްވާނެވެ. އެންމެ އުންމީދީ ފިރިހެން ބާސްކެޓް ކުޅުންތެރިޔަކަށް ހޮވުނީ ހުސެއިން ހަލީމެވެ. އެންމެ މޮޅު އަންހެން ބާސްކެޓް ކުޅުންތެރިޔަކަށް ހޮވުނީ އައިމިނަތް ޝިއުރާއެވެ. އެންމެ އުންމީދީ އަންހެން ބާސްކެޓް ކުޅުންތެރިޔަކަށް ހޮވުނީ މަރިޔަމް ޒައިނާ ސިރާޖެވެ.

ހަވީރު އެވޯޑް ހަފްލާގައި ވަނީ ރާއްޖެ ވަށާ ކަޓަމަރާންޏެއްގައި ބުރުޖެހި އަބްދުލްޢަފޫރު އަލީ (ގައްބެ)އަށް ވެސް އަގުވަޒަންކުރުމުގެ އެވޯޑެއް ދީފައެވެ. އަދި މާލެ ވަށައި ދުވުމުގެ ރެކޯޑެއް ހެދި އަޙުމަދު އާތިފަށްވެސް ވަނީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑެއް ދީފައެވެ.