ޚަބަރު

އޮފީސްތައް ބަންދު ވަގުތުތަކުގައިވެސް ޚިދުމަތް ލިބޭ "ޖެމްސް ވަރކްސްޕޭސް" ބޭނުންކުރަން ފަށައިފި


  • "ޖެމްސް ވަރކްސްޕޭސް" އަކީ ކޮންމެ ވަގުތެއްގައިވެސް އޮންލައިންކޮށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް

  • މި ޕްލެޓްފޯމް މެދުވެރިކޮށް އިދާރާތަކުން، އާއްމުންނާއި ވިޔަފާރިތަކަށް ފަސޭހައިން ހިދުމަތްދެވޭނެ

  • މިއީ ޚިދުމަތްތައް އަވަސްކޮށް ފަސޭހަކުރުމަށް ޤާއިމުކުރި ޑިޖިޓަލް ޕްލެޓްފޯމެއް

ސަރުކާރު އޮފީސް ބަންދު ގަޑިތަކުގައިވެސް އޮފީސްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ހުރަހެއް ކުރިމަތިނުވެ އެ ހިދުމަތްތައް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމް "ޖެމްސް ވަރކްސްޕޭސް" ރަސްމީކޮށް އިދާރާތަކުގައި ބޭނުންކުރަން ފަށައިފިއެވެ.

މި ޚިދުމަތާއެކު، މުވައްސަސާތަކުގެ ޚިދުމަތްތައް އަވަސްވެ ފަސޭހަވެގެންދާނެއެވެ.

ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ވިދާޅުވީ މިދިޔަ މެއި މަހު 30 ވަނަ ދުވަހު ސަރުކާރުން އިފުތިތާޙުކުރެއްވި އައު ޑިޖިޓަލް ޕްލެޓްފޯމް، "ޖެމްސް ވަރކްސްޕޭސް" މިއަދު ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާކަމަށެވެ.

"ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް"ގެ ބަދަލުގައި، މިހާރު ބޭނުންކުރަމުންދާ "ޖެމްސް ވަރކްސްޕޭސް" ފަރުމާކޮށްފައި ވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ މުއާމަލާތްތައް ކުރުމަށްޓަކައި، ލިޔެކިޔުން ތައްޔާރުކުރުމަށް، އެހެން ސޮފްޓްވެއާއެއް ބޭނުން ކުރަން ނުޖެހޭގޮތަށް، ޓެމްޕްލޭޓްތައް ހިމަނައިގެންނެވެ. އަދި ޖެމްސްއިން ސިޓީއާއި އެހެނިހެން ލިޔުން ޑްރާފްޓްކޮށް، އެފަދަ ސިޓީތަކާއި ލިޔުންތައް ޕްރިންޓް ނުކޮށް އިލެކްޓްރޯނިކް ސޮޔާއެކު ފޮނުވޭ ގޮތަށެވެ. މީގެ އިތުރުން ޖެމްސް ވަރކް ސްޕޭސް ބޭނުންކުރުމުގެ މަރުހަލާތައް ނިމިގެންދާއިރު، ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކަށްވެސް ޖެމްސްގެ ތެރެއިން ސަރުކާރުގެ އިދާރާތަކަށް ސިޓީބިޓީ ފޮނުވައި މުއާމަލާތްކުރެވޭނެއެވެ.

މީގެއިތުރުން އޮފީސް މަސައްކަތަށް ލުއިފަސޭހަކުރުމަށް، ކޮންމެ ތަނެއްގައި ތިބެގެންވެސް މި ޕްލެޓްފޯމް މެދުވެރުކޮށް އިދާރީ މަސައްކަތް ކުރެވޭނެ ގޮތައް ވަނީ ހަމަޖައްސާފައެވެ.

"ޖެމްސް ވަރކްސްޕޭސް" މިވަގުތު ބޭނުންކުރަމުންދަނީ

  • ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
  • މިނިސްޓްރީ އޮފް ހޯމް އެފެއާޒް
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަން
  • މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
  • މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
  • ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ
  • ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
  • މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
  • އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

މި އިދާރާތަކަށް އަމިއްލަ ފަރުދުން ހުށަހަޅާ ކަންކަމަށް މިހާރު ޖަވާބުދެއްވަމުންދާނީ މި ޕްލެޓްފޯމް މެދުވެރިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވިދާޅުވީ "ޖެމްސް ވަރކްސްޕޭސް" ޕްލެޓްފޯމް ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ 3 މަރުޙަލާއަށް ބަހައިލައިގެންކަމަށެވެ. އެއީ އެއް އޮފީސްއާއި އަނެއް އޮފީހާއި ދެމެދު ވެވޭ މުޢާމަލާތްތަކަށާއި، ރައްޔިތުން ހުށައަޅާ ކަންކަމުގައި އެ ޕްލެޓްފޯމް މެދުވެރިކޮށް ޖަވާބު ފޮނުވުމާއި، އަދި ސަރުކާރުގެ އިދާރާތަކުން ވިޔަފާރިތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއި ދެމެދު މުޢާމަލާތްކުރަން މި ޕްލެޓްފޯމް ބޭނުންކުރުމެވެ.

ސަރުކާރުގެ އިދާރާތަކުގައި "ޖެމްސް ވަރކްސްޕޭސް" ތަންފީޒުކުރުމުގެ މަރުޙަލާތައް ކުރިޔަށް ގެންދިޔުމުގައި، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ސަރުކާރުގެ އިދާރާތަކުން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށްވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަޔާންކޮށްފައިވެއެވެ.

"ޖެމްސް ވަރކްސްޕޭސް" އަކީ މި ސަރުކާރުގެ ސިޔާސަތުގެ ދަށުން އޮފީސް ބަންދު ގަޑިތަކުގައިވެސް އޮފީސްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ހުރަހެއް ނޯންނާނެ ފަދައިން ޑިޖިޓަލް ސަރުކާރުގެ ނިޒާމް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ މުހިންމު ޕްލެޓްފޯމެކެވެ. އަދި މި ސަރުކާރުގެ ސިޔާސަތެއްކަމަށްވާ އަދުގެ ދުނިޔޭގައި މިސާލުޖަހާފަދަ "ސްމާޓް ނޭޝަން" އަކަށް ވުމަށް މިސްރާބުޖަހަން ފެއްޓުމަށްވެސް "ޖެމްސް ވަރކްސްޕޭސް" އެހީތެރިވެދޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

މިމަހުގެ ތަރޭގައި ސަރުކާރުން ވަނީ "ވަންގަވް" ޕްލެޓްފޯމްވެސް އިފްތިތާޙުކޮށް ޚިދުމަތް ފަށާފައެވެ. އެއީ އާއްމުނާއި ވިޔަފާރިތަކުން ސަރުކާރުން ހޯދާ ޚިދުމަތްތައް އެއް ޕްލެޓްފޯމަކުން ފެންނާނެގޮތަށް ފަރުމާކޮށްފައިވާ ޚިދުމަތެކެވެ.