ޚަބަރު

ކުރީގެ ޕީޖީ މުހުތާޒުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލައިފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން ސައްހަ ނޫން ކޯޓް އަމުރެއް ނެރުނު މައްސަލާގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ.

ކ މާފުށީ ކޯޓުގެ ނަމުގައި ސައްހަ ނޫން ކޯޓް އަމުރެއް ނެރުނު މައްސަލާގައި މުހުތާޒު މުހުސިނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި އެކަމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއާއި، ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްހަ ނޫންގޮތެއްގައި ދައްކަން އުޅުމުގެ ކުށުގެ ދައުވާއާއި، ވަކި އަސްލެއް އޮތް އެއްޗެއްކަމުގައި ސައްޙަ ނޫން ގޮތެއްގައި ދެއްކުމަށްޓައި ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާއެވެ.

މީގެތެރެއިން ޓެރަރިޒަމްގެ ދައުވާ ފިޔަވާ ދެން އޮތް ދެ ދައުވާއަށް މުހުތާޒު ވަނީ އިންކާރްކުރައްވާފައެވެ. ޓެރަރިޒަމްގެ ދައުވާ އިއްވުމުން މުހުތާޒް ވިދާޅުވީ އެ ދައުވާއަށް ޖަވާބްދާރީވާން ބޭނުންވަނީ ވަކީލަކާއި އެކުކަމަށެވެ. ވަކީލަކު އައްޔަންކުރެއްވުމަށް މުހުތާޒަށް ކޯޓުން ހަތްދުވަހުގެ ފުރުސަތެއް މިއަދު ދެއްވާފައިވެއެވެ.

މި މައްސަލާގައި ޝަރީއަތް ނިމެންދެން މުހުތާޒް މުހުސިން ބަންދުގައި ބެހެއްޓުމަށްވެސް ކުރިމިނަލްކޯޓުން މިއަދު އަމުރުނެރުއްވާފައިވެއެވެ.

މުހުތާޒާއި ދެކޮޅަށް ދައުވާކުރަން ދައުލަތުން ކުރިން ފޮނުއްވި މައްސަލަތަކުގެ ތެރޭގައި ޓެރަރިޒަމްގެ ދައުވާއެއް ހިމަނުއްވާފައެއްނުވެއެވެ. އޭގެ ބަދަލުގައި ކުރިން ހިމަނުއްވާފައިވަނީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓަން އުޅުނުކަމުގެ ކުށުގެ ދައުވާއެވެ. ޓެރަރިޒަމްގެ ދައުވާ އުފުއްލަވާފައިވަނީ އެ ދައުވާ އަނބުރާ ގެންދެވުމަށްފަހުގައެވެ.

ސައްހަ ނޫންކޯޓް އަމުރެއް ނެރުނު މައްސަލާގައި އދ މާމިގިލީ ކޯޓް އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށްވެސް ދައުލަތުން ތިން ދައުވާއެއް އުފުއްލަވާފައިވެއެވެ. މި ދައުވާތަކަށް އޭނާ އިންކާރުކުރައްވާފައިވެއެވެ.