ސިޔާސީ

އެމްޑީޕީގެ ނާއިބު ރައީސް ޝިފާޒް ދޫކޮށްލައިފި


ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރައްވާފައިވާ އެމް.ޑީ.ޕީގެ ނައިބުރައީސް މުޙައްމަދު ޝިފާޒު ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތަޙްޤީޤް ނިންމައި މިއަދު މެންދުރު ފަހު ޝިފާޒް ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާކަމަށެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިދީފައިވެއެވެ.

އެމް.ޑީ.ޕީގެ ސިޔާސީ ކަންތައްތަކުގައި ޙަރަކާތްތެރިވާ އަންހެން ބައެއް މެންބަރުން މުޒާހަރާ ކުރި މައްސަލައިގެ ޝަރީއަތް މިދިޔަ މަހުގެ 29 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ތާވަލުކުރައްވައިފައިވާތީ އެމް.ޑީ.ޕީގެ ބައެއް ޙަރަކާތްތެރިންނާއި، އެޕާޓީގެ އިސް ބައެއް ބޭފުޅުން އެދުވަހު ވަނީ ޖަސްޓިސް ބިލްޑިންގް ކައިރިއަށް އެއްވެފައެވެ.

މުޙައްމަދު ޝިފާޒް ހައްޔަރުކުރީ އެމް.ޑީ.ޕީގެ މެންބަރުން ޖަސްޓިސް ބިލްޑިންގ ކައިރީގައި ހަރަކާތްތެރިވަމުންދިޔަ ވަގުތު އެސަރަޙައްދުގެ އަމަން ބަލަހައްޓަވަން ތިއްބެވި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ކުށުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.