ޚަބަރު

ރިޔާސީ އިންތިހާބު : ވޯޓް ފޮށި ބަހައްޓަން 23 ރިސޯޓަކަށް އިތުރު ފުރުސަތެއް


  • މިހާތަނަށް ނިންމާފައިވަނީ 78 ރިސޯޓެއްގައި ބެހެއްޓެވުމަށް

  • މިމަހުގެ ނިޔަލަށް ރިސޯޓްތަކުގައި ފޮށި ބަހައްޓަން ހުށަހެޅުމުގެ ފުރުސަތު އެބައޮތް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓަން އެދިފައިނުވާ ރިސޯޓްތަކުގައި، ވޯޓު ފޮށި ބެހެއްޓުމަށް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ވޯޓް ފޮށި ބަހައްޓަން އެދިފައިނުވާ ރިސޯޓްތަކުގައި ފޮށި ބަހައްޓަން އިތުރު މުއްދަތެއް ދެއްވަން ކޮމިޝަނުން ނިންމެވީ ރިސޯޓުތަކުގައި މަސައްކަތް ކުރައްވާ ދިވެހިންނަށް، އިތުރު ފުރުޞަތެއް ދެއްވުމުގެ ގޮތުންކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް 604 ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައެވެ. އޭގެތެރެެއިން 78 ފޮށި ބަހައްޓާނީ އެކި ރިސޯޓްތަކުގައެވެ. ރިސޯޓްތަކުގައި ފޮށި ބަހައްޓަނީ ވަކި ޝަރުތުތަކެއް ފުރިހަމަވުމުގެ އިތުރުން އިންތިހާބުގައި ވޯޓްލުމަށް މަރުވެގެން 30 މީހުން ރަޖިސްޓްރީކުރުމުންނެވެ.

ލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ފޮށި ބަހައްޓަން 23 ރިސޯޓަކުން އެދިފައި ނުވާކަމަށެވެ.

ހަބީބު ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތް ކުރައްވާ ދިވެހިންނަށް، އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިނުވާ 23 ރިސޯޓެއްގައި ފޮށި ބެހެއްޓުމަށް އިތުރު ފުރުސަތެއް ދެއްވުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން ކޮމިޝަނުުން ކަނޑައަޅާފައިވާ ސީލިންގ އާ އެއްގޮތަށް، ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 30 ފަރާތަކުން ރީ-ރަޖިސްޓްރޭޝަން ފޯމު، ޖުލައި 31ގެ ނިޔަލަށް ކޮމިޝަނަށް ހުށަހަޅައިފިނަމަ، ވޯޓުފޮށި ބެހެއްޓުމުގެ ފުރުޞަތު ދޭން ކޮމިޝަނުން ނިންމާފައިވާކަމަށް ހަބީބް ވިދާޅުވިއެވެ.

މީގެ ކުރީގެ އިންތިޚާބުތަކުގައި ރިސޯޓްތަކުގައި ވޯޓް ފޮށި ބަހައްޓަވަނީ މަދުވެގެން 50 މީހުން ރަޖިސްޓްރީކުރުމުންނެވެ. ނަމަވެސް މނަމަވެސް އިލެކްޝަންސް ކޮމިޝަނުން ނިންމެވީ މަދުވެގެން 30 މީހުން ރަޖިސްޓްރީ ކޮށްފިނަމަ އެރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓެވުމަށެވެ.

ރިޔާސީ އިންތިހާބުގައި ވޯޓު ފޮށިތައް ބެހެއްޓެވުމަށް ހަމަޖައްސަވާފައިވާ ގޮތަށް ބަލާއިރު މާލޭ ސަރަހައްދުގައި އުޅޭ މާލޭގެ ރައްޔިތުންނާއި މާލެ ރަށްރަށުގެ ރައްޔިތުން ވޯޓްލުމަށް، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި 187 ވޯޓް ފޮށި ބަހައްޓަވާނެއެވެ. އަދި އަތޮޅުތަކުގައި 319 ފޮށި، ރިސޯޓުތަކުގައި 78 ފޮށި، މާފުށީ ޖަލުގައި 2 ފޮށި، އައްސޭރި ޖަލުގައި 1 ފޮށި، ހުޅުމާލެ ޖަލުގައި 1 ފޮށި، ދޫނިދޫގައި 1 ފޮށި، ހުޅުލޭގައި 1 ފޮށި، ތިލަފުށީގައި 1 ފޮށި ބަހައްޓަވާނެއެވެ.

ރާއްޖެއިން ބޭރުގައި ބަހައްޓާ ފޮށިތައް ބަހައްޓަން ނިންމަވާފައިވާ ގޮތަށް ބަލާއިރު އިންޑިޔާގެ ޓްރިވެންޑްރަމްގައި 1 ފޮށި، އިންޑިޔާގެ ނިއުދިއްލާގައި 1 ފޮށި، މެލޭޝިޔާ ކުއަލަލަމްޕޫރުގައި 2 ފޮށި، ސިންގަޕޫރުގައި 1 ފޮށި، ސްރީލަންކާ ކޮލަމްބޯގައި 4 ފޮށި، އިނގިރޭސިވިލާތުގެ ލަންޑަންގައި 1 ފޮށި، ތައިލެންޑް ބެންކޮކްގައި 1 ފޮށި އަދި އެކުވެރި ޢަރަބި ޢިމާރާތް އަބޫދާބީގައި 1 ފޮއްޓާއި ޖަޕާން ޓޯކިޔޯ ގައި 1 ފޮއްޓެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރީ-ރަޖިސްޓްރޭޝަނަށްފަހު، ވޯޓުފޮށިތަކުގެ ޢަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.