ކުޅިވަރު

ކުލަބުތަކުގެ ތާއިދު ނެތްނަމަ މަޤާމުގައި ދެމި ނުހުންނާނަން: ބައްސާމް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަޤާމަށް އައީ ކުލަބުތަކުގެ ތާއީދާއެކުގައި ކަމަށާއި، ކުލަބުތަކުގެ ތާއިދު ނެތް ނަމަ މަޤާމުގައި ދެމި ނުހުންނާނެ ކަމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ނިމިދޔަ ސާފް ޗެމްޕިއަންޝިޕުގައި ޤައުމީ ފުޓްބޯޅަ ޓީމުން ނެރުނީ ދަށް ނަތީޖާއެއް ކަމަށާއި، އެކަން ޤަބޫލުކުރައްވާ ކަމަށެވެ. އަދި ފުޓްބޯޅައިގެ ރަނގަޅު ކުރަން ހުރި ގިނަ ކަންކަން އެބަހުރި ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ، ކޮވިޑަށްފަހު އެފްއޭއެމް އޮތީ މާލީ ގޮތުން ބޮޑު އަޑިގަނޑެއްގައި ކަމަށާއި، އެގޮތުން ކޮވިޑާއެކު އެފްއޭއެމުގެ ދަރަނި 30 މިލިޔަނަށް އެރި ކަމަށެވެ. އެކަމަކު މިހާރު އެފްއޭއެމުގެ ދަރަނި ހަ މިލިއަނަށް ދަށްކޮށްފައިވާ ކަމަށާއި، ކުރިއަށްހުރި ދުވަސްތަކުގައި ދަރަނި ކުޑަކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ބައްސާމް ވިދާޅުވީ އޭނާގެ ފުރަތަމަ ދައުރުގައި ގިނަ ކަންކަން ފުޓްބޯޅައަށް ކޮށްދީފައިވާނެ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ޤައުމީ ޓީމުން 2018 ވަނަ އަހަރު ސަރަޙައްދީ މުބާރާތް ކާމިޔާބުކޮށްފައިވާނެ ކަމަށެވެ. އަދި ޤައުމީ އަންހެން ޓީމުން ފުރަތަމަ ފަހަރަށް މެޑެލް ހޯދީވެސް އޭނާގެ ދައުރުގައިކަން ވަނީ ފާހަގަކުރައްވާފައެވެ.

"
އަޅުގަނޑުގެ ފުރަތަމަ ދައުރު ނިންމާލީ ގިނަ ކާމިޔާބީތަކާއެކު. އެގޮތުން 2018 ވަނަ އަހަރު ސަރަޙައްދީ މުބާރާތް ވާނީ ކާމިޔާބުކޮށްފައި. ފުޓްބޯޅައިގައި ނަސީބަކީވެސް އޮންނަ އެއްޗެއް. އެހެންވެ އެ ފަހަރު ނަސީބަކުން ގުރުލައިގެންނޭ ކާމިޔާބުވީ ބުންޏަސް، އެ ފަހަރުގެ ސަރަޙައްދީ މުބާރާތް ވާނީ ކާމިޔާބުކޮށްފައެވެ. އަދި އަންހެން ޤައުމީ ޓީމަކުން ފުރަތަމަ ފަހަރަށް މެޑެލްވެސް ހޯދާފައިވަނީ އަޅުގަނޑުގެ ފުރަތަމަ ދައުރުގައި.
ބައްސާމް އަދީލް ޖަލީލް - އެފްއޭއެމުގެ ރައީސް

ބައްސާމް ވިދާޅުވީ އޭނާ ފެއިލްވީ ކަމަށް ނިންމާނީ ކުލަބުތަކުން ކަމަށާއި، ކުލަބުތަކުން އެދިއްޖެނަމަ އިތުރު ދައުރަކަށް ކުރިމަތިލައްވާނެ ކަަމަށެވެ. އަދި ކުލަބުތަކުން އޭނާ ފެއިލްވެއްޖެ ކަމަށް ބުނެފިނަމަ މަޤާމުގައި ދެމި ނުހުންނަވާނެ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ޤައުމީ ޓީމުން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން އެފްއޭއެމް އާއި ކުލަބުތަކަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އަދި ސޭވް އެފްއޭއެމުގެ ނަމުގައި ފުޓްބޯޅައިގައި ކުރިން މަސައްކަތްކުރި ފަރާތްތަކާއި، ކޯޗުން އަދި ކުޅުންތެރިން ވަނީ ކެމްޕެއިނެއްވެސް ފަށާފައެވެ.