ޚަބަރު

މަޖިލިސް މެންބަރުންނަށް ފައިސާބެހި ކަމަށް ބުނާ މައްސަލަ ބަލަނީ


އެމް.އެމް.ޕީ.އާރްސީގެ ކޮރަޕްޝަންގައި ދައުލަތުގެ މާލިއްޔާއިން މަދުވެފައިވާ ފައިސާ، ބައެއް މަޖިލިސް މެންބަރުންނަށް ބެއްސެވި ކަމަށް ދެކެވޭ ވާހަކަތައް އެންޓިކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤް ކުރައްވަން ފައްޓަވައިފިއެވެ.

ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމަށް މައުލޫމާތުދެއްވަމުން އޭސީސީގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވީ އެމް.އެމް.ޕީ.އާރްސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާއިރު އެމައްސަލައާ ގުޅިގެން ފެންމަތިވާ އެހެނިހެން މައްސަލަތައްވެސް އެކޮމިޝަނުން ބައްލަވަމުން ގެންދަވާކަމަށެވެ. އެގޮތުން އެމް.އެމް.ޕީ.އާރސީން ކޮރަޕްޝަނުގެ ގޮތުގައި ބޭރުވެފައިވާ ފައިސާ ދައުރުވެފައިވާ ގޮތާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިއްޔެ ދެއްކެވި ވާހަކަތައްވެސް ތަޙްޤީގު ކުރައްވަމުން ގެންދަވާކަމަށެވެ.

އެމް.އެމް.ޕީ.އާރ.ސީގެ ކޮރަޕްޝަންގެ މައްސަލަ ވަރަށް ފުޅާދާއިރާއެއްގައި ތަޙްޤީޤު ކުރައްވަމުންގެންދަވާކަމަށާއި، މިމައްސަލައާގުޅިގެން ވަރަށް ގިނަ ބަޔަކާ މިހާތަނަށް ސުވާލުކޮށްފައިވާއިރު ކުރިއަށްއޮތް ތަނުގައިވެސް ގިނަބަޔަކާ ސުވާލުކުރައްވަމުން ގެންދަވާނެކަމަށް އޭސީސީގެ ރައީސް ވިދާޅުވިއެވެ. އެމް.އެމް.ޕީ.އާރސީގެ ކޮރަޕްޝަންގެ މައްސަލައާގުޅިގެން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ޤަރާރަކާ ގުޅިގެން މަޖިލިސް ހޫނުވެ މެމްބަރަކުވަނީ ކޮރަޕްޝަންގެ ފައިސާ މަޖިލިސް މެންބަރުންގެ މެދުގައި ބެއްސެވިކަމަށް ވިދާޅުވެފައެވެ.

އެމް.އެމް.ޕީ.އާރސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަޙްޤީޤް އޭސީސީން ފައްޓަވައިގެން ކުރިއަށްގެންދަވާއިރު، އެކޮމިޝަނުންވަނީ މިފަދަ ޚިޔާނާތުގެ މައްސަލަތައް ތަކުރާރުވިޔަ ނުދެއްވުމަށް ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓެއް އުފެއްދެވުމަށް ނިންމަވާފައެވެ. މި ޔުނިޓު އުފެދެވުމާއެކު ސިޔާސީ ފަރާތްތަކުން ހިންގާ ފައިސާގެ މުޢާމަލާތްތައް ވަރަށް ކައިރިން ބައްލަވައި ސުވާލު އުފެދޭ ކަންކަމުގައި ވަގުތުން ވަގުތަށް ސުވާލުކުރައްވަމުން ގެންދަވާނެކަމަށް އޭސީސީގެ ރައީސް ޙަސަން ލުޠުފީ ވަނީ ވިދާޅުވެފައެވެ.