ޚަބަރު

ވަކިވެގެން އެ ދިޔައީ ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅު


  • ކުއްޖާ ނިޔާވެފައި އޮއްވައި ފެނުނީ ގެއްލިގެން ހޯދަމުންދަނިކޮށް

  • ޞިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި

  • ކުއްލި މަރާއެކު މުޅި ކޮޅުފުށްޓަށް ހަމަހިމޭންކަން

މ. ކޮޅުފުށީގައި ގެނބިގެން އެއް އަހަރުގެ ކުއްޖަކު ނިޔާވި ހިތާމަވެރި ހާދިސާއާއެކު މުޅި ރަށް އޮތީ ހަމަހިމޭންކަމެއްގެ ތެރޭގައެވެ. ގެއްލިގެން ހޯދަމުންދަނިކޮށް ގެނބިފައި އޮއްވާ ފެނިގެން އެ ކުއްޖާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައި އޮތްކަމަށް ފުލުހުން ވިދާޅުވެއެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ދިހަގަޑި ސާޅީސް ފަހެއް ހާއިރުއެވެ. ފުލުހުންނަށް މިކަން ރިޕޯޓްކޮށްފައިވަނީ 11:38 ގައެވެ. ފުލުހުން ވިދާޅުވީ މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

ހެޔޮ ހާލުގައި ބޮޑުވަމުން އައި ތުއްތު ތުއްތު ކުއްޖާ ލޯމަތިން ގެއްލިގެން ދިޔައީ ގޭތެރޭގެ މަސައްކަތެއްގައި މަންމަ އުޅުނު ވަގުތުގައެވެ. ދެއަހަރުވާން ކައިރިވެފައިވާ މި ތުއްތު ކުއްޖާއަކީ ހިނގާ ބިނގާވެއުޅޭ އަދި އެ އުމުރުގެ ކުދިން ޢާންމުކޮށް ވާހަކަ ދައްކާ މިންވަރަށް ވާހަކަވެސް ދައްކާ ކުއްޖެކެވެ. އެންމެ ފަހުން އެ ކުއްޖާ ފެނުނު ވަގުތާއި ނިޔާވެފައި އޮއްވާ ފެނުނު ވަގުތާ ދޭތެރޭގައި ގާތްތަގަނޑަކަށް ވާނީ 8 މިނެޓާއި 10 މިނެޓާ ދޭތެރޭގެ ވަގުތު ކޮޅެކެވެ.

އެ އާއިލާ ދިރިއުޅެނީ ދަރިފުޅުގެ މަންމަގެ ގޭގައެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނިގޮތުންނަމަ މޫދާއި އެގެއާ ދެމެދު ގާތްގަނޑަކަށް 600 ފޫޓް ހުންނާނެއެވެ. މޫދަށް އެކުއްޖާ ދިޔައީ ނިޔާވި ކުއްޖާގެ މަންމަގެ ކޮއްކޮގެ އެއްއަހަރުގެ ދަރިފުޅާ އެކުގައެވެ.

"ހޯދަމުން ދަނިކޮށް ގެނބިފައި އޮތް ކުއްޖާ އެހާއަވަހަށް ފެނުނީވެސް މިހެންވެގެންކަމަށް ބެލެވޭ.. މި ދެކުދިން ހޯދަމުން ދަނިކޮށް އެއްގަމުގައި އެއްކުއްޖަކު ހުރިތަން ފެނުނުއިރު އަނެއްކުއްޖާ އޮތީ މޫދުގަ ގޮނޑުދޮށާ ކައިރީގައި." އެރަށުން ވާހަކަދެއްކި އާއިލާގެ މެންބަރަކު ކިޔައިދިނެވެ.

އެއްގަމުގައި ހުރި މި ކުޑަކުއްޖާވެސް ތެމިފައި ހުރިހިކަމަށް އެރަށުން ވާހަކަދެއްކި މީހާ ކިޔައިދިނެވެ. އެކުއްޖާ ގެނބިފައި އޮއްވާ ފެނުނީ އެ ކުޑަ ކުއްޖާގެ ކާފައަށެވެ. އެއީ ރަށުގެ އުތުރު ފަރާތުގައި އެރަށު ގޮނޑުދޮށް ޙިމާޔަތްކުރަން ވެލިނަގާފައި އޮތް ސަރަހައްދު މޫދުންނެވެ.

އެ ދެމަފިރިންގެ ކައިވެންޏަށް ގާތްގަނޑަކަށް 3 އަހަރު ވެފައިވާއިރު އާއިލާއަށް އިތުރު އުފާވެރިކަމެއް ގެނުވި މި ތުއްތު ތުއްތު ކުއްޖާ މިއަދު ކުޑަހިނދުކޮޅެއްގެ ތެރޭގައި އެވަނީ މި ދުނިޔެއާ ވަކިވެގޮސްފައެވެ. އެއީ އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. ގެނބިގެން ނިޔާވި ކުއްޖާގެ ޖަނާޒާ މިއަދު އަޞްރު ނަމާދަށްފަހު ވަނީ ބާއްވާފައެވެ.

މިހާތަނަށް ހިނގާފައިވާ މިފަދަ ހާދިސާތަކަށް ބަލާއިރު، މިދިޔަ އަހަރު ށ. ކަނޑިތީމުގައިވެސް އެއްއަހަރުގެ ކުއްޖަކު ވަނީ ގެނބިގެން ނިޔާވެފައެވެ. އަދި މިއަހަރުގެ މޭމަހު އައްޑޫ ސިޓީ ފޭދޫގައި 6 އަހަރުގެ ކުއްޖަކު ވަނީ ގެނބިގެން ނިޔާވެފައެވެ.

ކޮޅުފުށްޓަކީ ބިމުގެ ގޮތުންނާއި އާބާދީގެ ގޮތުންވެސް ކުޑަ ރަށެކެވެ. ފަހުގެ ތާރީޚެއްގައި އެރަށުގައި މިފަދަ ޙާދިސާއެއް ހިނގާފައެއް ނުވެއެވެ.

ނޫރު

މިވެސް ހަމަ އެއްވެސް މިންވަރެއްގެ އިޙުމާލެއް ނެތި ހިނގާ ކަންކަން؟؟ އެއް އަހަރުގެ ދެކުދީން އެކެނި، ވީތަން ނޭނގި. މިނެޓަކަށްވެސް ބެލެނިވެރިޔަކު ފެންނަ ހިސާބުގައި ނެތި ބޭތިއްބިގެން ނުވާނެ ވަރު ތުއްތު ދެ ފުރާނަ. ހަމަ ބުނަންވީ މައިމީހާ ބިޒީވެއޭ އެފަކީރަށް ބަލާނުލެވި ވީ އެންމެ ސިކުންތެއްގެ ތެރޭގައޭ.