ޚަބަރު

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖޭގެ މުހިންމު ދައުރެއް!


  • އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުން ވަނީ 31 ރެޒޮލިއުޝަނެއް ފާސްކޮށްފައި

  • 14 ރެޒޮލިއުޝަނެއް ދިވެހިރާއްޖެއިން ވަނީ ކޯ-ސްޕޮންސަރ ކޮށްފައި

  • އޯ.އައި.ސީގެ ކުއްލި ބައްދަލުވުމުަގއިވެސް ރާއްޖެއިންބައިވެރިވި

އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 53 ވަނަ ބައްދަލުވުން ސްވިޓްޒަލެންޑުގެ ޖެނީވާގައި ނިމިއްޖެއެވެ.

މިބައްދަލުވުމުގައި އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުން ވަނީ 31 ރެޒޮލިއުޝަނެއް ފާސްކޮށްފައެވެ. ދިވެހިރާއްޖޭގެ ވަފުދުން މިބައްދަލުވުމުގައި ތަފާތު ތީމެޓިކް އޭރިއާތަކަށް 32 ނޭޝަނަލް ސްޓޭޓްމަންޓެއް ދީފައިވެއެވެ. އަދި 14 ރެޒޮލިއުޝަނެއް ދިވެހިރާއްޖެއިން ވަނީ ކޯ-ސްޕޮންސަރ ވެސް ކޮށްފައެވެ. މީގެތެރޭގައި އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމާ ގުޅޭ ރެޒޮލިއުޝަނަކާއި، އިންސާނީ ޙައްޤުތަކުގެ މަންފާ ފުރިހަމައަށް ލިބިގަތުމަށްޓަކައި ތަރައްޤީގެ ދައުރާ ގުޅޭ ރެޒޮލިއުޝަނަކާއި، ކޮރަޕްޝަނުގެ ސަބަބުން އިންސާނީ ޙައްޤުތަކަށް ކުރާ ނޭދެވޭ އަސަރާ ގުޅޭ ރެޒޮލިއުޝަނަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާ ބެހޭ ސްޕެޝަލް ރެޕަޓުއާގެ މެންޑޭޓުގެ މުއްދަތު އިތުރުކުރުމާ ގުޅޭ ރެޒޮލިއުޝަނެއް ހިމެނެއެވެ.

ޤާޟީންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ ސްޕެޝަލް ރެޕަޓުއާގެ މެންޑޭޓާ ގުޅޭ ރެޒޮލިއުޝަން އެކުލަވާލުމުގެ މަސައްކަތްކުރި ތަފާތު ސަރަހައްދުތަކުގެ ޤައުމުތަކަށް އެކުލެވޭ މައި ގްރޫޕުގައި ވެސް ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައެވެ. މިރެޒޮލިއުޝަނުގެ މަޤުސަދަކީ ޤާޟީންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ ސްޕެޝަލް ރެޕަޓުއާގެ މެންޑޭޓު އިތުރު ތިން އަހަރަކަށް އައު ކުރުމެވެ. އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ އިއްތިފާޤުން މި ރެޒޮލިއުޝަން ފާސްވި އިރު، ރެޒޮލިއުޝަން ފާސްވުމާ ހަމައަށް 71އަށް ވުރެ ގިނަ ކޯ-ސްޕޮންސަރުންގެ ތާއީދު އެރެޒޮލިއުޝަނަށް ލިބިފައިވެ އެވެ.

މީގެއިތުރުން، ކީރިތި ޤުރުއާނުގެ ޙުރުމަތް ކެނޑުމަށްޓަކައި ދާދި ފަހުން ހިންގުނު ޙަރަކާތްތައް އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށްޓަކައި އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެދުމުގެ މަތިން 11 ޖުލައި 2023 ވަނަ ދުވަހު ކުއްލި ބަހުޘެއް ވަނީ ބާއްވާފައެވެ. މިބައްދަލުވުމުގައި ވަނީ ކީރިތި ޤުރުއާންގެ މުޞްޙަފް އެންދުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ރެޒޮލިއުޝަނެއް ފާސްކޮށްފައެވެ. "ކައުންޓަރިން ރިލިޖަސް ހޭޓްރެޑް ކޮންސްޓިޓިއުޓިންގ އިންސައިޓްމަންޓް ޓު ޑިސްކްރިމިނޭޝަން، ހޮސްޓިލިޓީ އޯ ވަޔަލަންސް"ގެ ޞުރުހީގެ ދަށުން ފާސްކުރެވުނު މިރެޒޮލިއުޝަންގެ ފަޚުރުވެރި އެއް ކޯ-ސްޕޮންސަރެއްގެ ގޮތުގައި ދިވެހިރާއްޖެ ހިމެނެއެވެ.

ނިމިގެންދިޔަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ވަނީ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގައި އިއްވުނު 34 ޖޮއިންޓް ސްޓޭޓްމަންޓެއް ކޯ-ސްޕޮންސަރ ކޮށްފައެވެ. މީގެ ތެރޭގައި އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ބަޔާންތަކާއި އެހެނިހެން ބަޔާންތައް ވެސް ހިމެނެއެވެ. ހަމައެއާއެކު، ދިވެހިރާއްޖެއިން ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް)ގެ ފަރާތުން ބަޔާނެއް އިއްވާފައެވެ. މިބަޔާން އިއްވާފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކާބޯތަކެތީގެ ޙައްޤު ފުރިހަމައަށް ކަށަވަރުކުރުމަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ކޮންމެ އަހަރަކު ބާއްވާ ޕެނަލް ޑިސްކަޝަންގައެވެ. މިބަޔާނުގައި ދިވެހިރާއްޖެއިން ވަނީ އެންމެހައި ފަރާތްތަކަށް ދެމެހެއްޓެނިވި މުސްތަޤުބަލެއް ހޯދައިދިނުމަށްޓަކައި ކާބޯތަކެތީގެ ޙައްޤު ރައްކާތެރިކުރުމަށްޓަކައި ކާރިޘާތަކުން ކުރާ އަސަރު ކުޑަވާނެފަދަ ކާބޯތަކެތީގެ ނިޒާމެއް ތަރައްޤީކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.

އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 53ވަނަ ބައްދަލުވުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ އެމްބެސެޑަރ އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ އަދި ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަޙްމަދެވެ. އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގައި އޭޝިއާ ޕެސިފިކް ގްރޫޕް ތަމްސީލުކުރާ ނައިބު ރައީސްގެ ހައިސިއްޔަތުން ޑރ. އާސިމް ވަނީ އެމަޖިލީހުގެ އެކި ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވާފައެވެ.