ކުޅިވަރު

މިދިޔަ ސީޒަނުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އެތުލީޓަކީ ރޮނާލްޑޯ


ނިމިދިޔަ ސީޒަންގައި އެންމެ ބޮޑު އާންމުދަނީއެއް ހޯދި އެތްލީޓަކަށް ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވެގެން ހިނގައްޖެއެވެ.

މިއީ މިލިސްޓުގެ އެންމެ ކުރިއަށް ރޮނާލްޑޯ 2017 ވަނަ އަހަރަށް ފަހު އެރި ފުރަތަމަ ފަހަރެވެ.

ފޯބްސްއިން ހޮވާ ދުނިޔޭގައި އެންމެ ބޮޑު އާންމުދަނީއެއް ލިބޭ އެތްލީޓުންގެ ލިސްޓުގެ އެންމެ ކުރިއަށްއަރައިގެން ރޮނާލްޑޯއަށް ވަނީ ގިނިސް ވާރލްޑް ރިކޯޑަށްވެސް އަހަރުގައި އެންމެ ބޮޑު އާންމުދަނީއެއް ހޯދި އެތްލީޓުގެ ގޮތުގައި އަރާފައެވެ. ރޮނާލްޑޯއަށް މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މިއަހަރުގެ މެއި މަހުގެ ނިޔަލަށްވަނީ 136 މިލިއަން ޑޮލަރު އާންމު ދަނީގެ ގޮތުގައި ލިބިފައެވެ. މީގެތެރޭގައި ހިމެނެނީ ކުޅެގެން ހޯދި 46 މިލިއަން ޑޮލަރާއި ކުޅުމުން ބޭރުން ހޯދާފައިވާ 90 މިލިއަން ޑޮލަރެވެ. މިލިސްޓުގެ އެންމެ ކުރީގައި މިދިޔަ އަހަރު އޮތް އާޖެންޓީނާގެ ލިއޮނެލް މެސީއަށް މިފަހަރު ލިބިފައިވަނީ 130 މިލިއަން ޑޮލަރެވެ. މިދިޔަ ސީޒަންގެ ކުރީކޮޅު މެންޗެސްޓަރ ޔުނައިޓެޑްގައި މާ އެދެވޭ ކުޅުމެއް ނުދެއްކި ގިނަ ވަގުތު ބެންޗްގައި އިނުމަށްފަހު ވާރލްޑް ކަޕަށްފަހު އޭނާވަނީ ބޮޑު އަގުގާ ސައުދީ އަރަބިއާގެ އަލް ސަސްރުއަށް ބަދަލުވެފައެވެ. އަދި އެއާއެކު އޭނާއަށް އަހަރަކު ގާތްގަޑަކަށް 75 މިިލިއަން ޑޮލަރު ލިބޭނެއެވެ.

މެސީ ދެވަނައަށް ދިޔައިރު އޭނާއަށް ލިބުނު 130 މިލިއަން ޑޮލަރު ބެހިފައިވަނީ ކުޅުމުގެ ތެރެއިން ހޯދި 65 މިލިއަނާއި ކުޅުމުން ބޭރުން ހޯދި 65 މިލިއަންގެ ގޮތުގައެވެ. ތިންވަނައަށް ދިޔަ ފަރަންސޭސިވިލާތުގެ ކިލިއަން އެމްބާޕޭއަށް ލިބިފައިވަނީ 120 މިލިއަން ޑޮލަރެވެ. އަދި އޭނާއަށް ލިބުނު އާންމުދަނީގެ 100 މިލިއަން ޑޮލަރު ލިބިފައިވަނީ ކުޅުމުގެ ތެރެއިންނެވެ. ފޯބްސްގެ ލިސްޓުގެ ހަތަރު ވަނައަށް ދިޔައީ އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ލެބްރޮން ޖޭމްސްއެވެ. އޭނާއަށް ލިބިފައިވަނީ 119 މިލިއަން ޑޮލަރެވެ. މިއާއެކު އޭނާ ވެގެން ގޮސްފައިވަނީ އެންމެ ބޮޑު އާންމު ދަނީއެއް ހޯދި ބާސްކެޓްބޯޅަ ކުޅުންތެރިޔާ އަށެވެ. މިލިސްޓުގެ ފަސްވަނައަށް ގޮސްފައިވަނީ ބޮކްސިންގ ތެޅުންތެރިޔާ ކަނޭލޯ އަލްވަރޭޒްއެވެ. އޭނާވަނީ 110 މިލިއަން ޑޮލަރު ހޯދާފައެވެ.