ކުޅިވަރު

ޓޮޓެންހަމުން އޮސްޓްރޭލިއާއަށް ކުރާ ދަތުރުގައި ކޭން ހިމަނައިފި


އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓްނަމް ހޮޓްސްޕާ އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުގައި އޮސްޓްރޭލިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި އެޓީމްގެ ކެޕްޓަން ހެރީ ކޭންގެ ނަން ހިމަނައިފިއެވެ.

އާސީޒަނާއި ކުރިމަތިލާއިރު ވޭތުވެދިޔަ ދެތިން ސީޒަނެކޭ އެއްގޮތަށް ކޭން އެޓީމްގައި ހުންނާނެތޯ ނުވަތަ ނޫންތޯ މިއީ އުފެދިފައިވާ ސުވާލެކެވެ.

ކޭން ހޯދުމަށް ޔޫރަޕްގެ ބޯޑެތި ބައެއް ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިފަހަރު މިކަމުގެ އެންމެ ކުރީގައި އުޅެނީ ބުންޑަސްލީގާގެ ޗެމްޕިއަން ބަޔޭން މިޔުނިކެވެ. ސްޕަރސްގެ ޗެއާމަން ޑެނިއެލް ލެވީ ވަނީ ކޭންގެ ކަންތައްތަކާއި ގުޅިގެން ބަޔޭންގެ އޮފިޝަލުންނާއި ރޭވެސް ބައްދަލުކޮށްފައެވެ. ކޭންގެ ނަން ހިމެނި ނަމަވެސް އެޓީމްގެ ތަޖްރިބާކާރު ކެޕްޓަން ފަރަންސޭސިވިލާތުގެ ހޫގޯ ލޮރިސްގެ ނަން މި ޓުއަރގައި ހިމަނާފައެއް ނުވެއެވެ. ސްޕަރސްއިން ހާމަކުރިގޮތުގައި ލޮރިސް މިލިސްޓުން އުނިކުރި އޭނާ އަށް އެހެން ކްލަބަށް ބަދަލުވުމުގައި ހުރި ފުރުސަތުތައް ބެލުމަށް ބޮޑަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ލޮރިސްވަނީ 2012 ވަނަ އަހަރުން ފެށިގެން މިހާތަނަށް ސްޕަރސްއަށް 447 މެޗް ކުޅެދީފައެވެ.

ސްޕަރސްގެ ކޯޗް ކަމާއި އެންގަ ޕޮސްޓެކޮގްލޫ ހަވާލުވުމަށްފަހު އޭނާ އަންނަނީ އެޓީމް ހަމައަކަށް އަޅުވާ އާސީޒަނަށް އެޓީމް ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ކޭންއަށް އޭނާ ޓީމާއި ދޭތެރޭ ދެކޭގޮތާއި ޓީމް ބައްޓަން ކުރަން އޭނާ ބޭނުންވާގޮތް ކިޔާދޭނެކަމަށްވެސް ވަރަށް ފަހުން ހާމަކޮށްފައިވެއެވެ. ސްޕަރސްއިން އޮސްޓްރޭލިއާގެ ޕަރތުއަށް މިރޭގެ ވަގުތެއްގައި ފުރާނެއެވެ. އަދި އަންގާރަ ދުވަހު އިންގްލިޝް ޕްރމިއަރ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑާއި ރަހްމަތްތެރިކަމުގެ މެޗެއްގައި ވާދަކުރާނެއެވެ. އޮސްޓްރޭލިއާއަށްފަހު ދެން މިޓުއަރގައި ސްޕަރސް ދިއުމަށް ހަމަޖެހިފައިވަނީ ތައިލަންޑަށެވެ. އަދި އެއަށްފަހު ސިންގަޕޫރަށްވެސް ދިއުމަށް ހަމަޖެހިފައިވެއެވެ.