ކުޅިވަރު

ގްރީން އަތުން ބުރު ސްޕޯޓްސްއަށް މޮޅެއް


އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ކުލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ބުރު ސްޕޯޓްސް ކުލަބުން ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ހުކުރު ދުވަހު ހަވީރު ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ގްރީންގެ ހުސެއިން ހާފިޒަށާއި، ކެޕްޓަން އަންސަރު އިބްރާހީމް (އަންކޮ)އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ 18 ވަނަ މިނެޓުގައި ބުރުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ސާމިރު އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އަންކޮއަށް ވަނީ ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަންކޮ ފޮނުވާލި ޝޮޓުގެ ހުރަހަކަށްވީ ކީޕަރު އަބްދުﷲ އަރުޝަންއެވެ.

މެޗުގެ ދެވަނަ ހާފުގައި ގްރީނުން ކުރިއަށްޖެހި ބުރުގެ ހާފަށް ބާރުބޮޑުކުރިއެވެ. އެކަމަކު ގްރީނަށް މާ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މި ހާފުގައި ބުރަށް ލީޑު ފުޅާކޮށްދޭން ކެޕްޓަން އަޙްމަދު ރަޝީދަށްވެސް ވަނީ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ 87 ވަނަ މިނެޓުގައި ބުރުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު ނާއިމްއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ސާމިރު ވަނީ އިތުރު ލަނޑެއް ޖަހާ މެޗުން ބުރު މޮޅުކޮށްދީފައެވެ.