ޚަބަރު

އައިޓީބީގެ ސްޓޭންޑްތައް ރަސްމީކޮށް ހުޅުވައިފި


އައިޓީބީގެ ސްޓޭންޑްތައް ރަސްމީކޮށް ހުޅުވައިފިއެވެ. ރާއްޖޭގެ ސްޓޭންޑް ހުޅުވިގެންދިއުމާއި އެކު ގިނަ އަދަދެއްގެ މީހުން ސްޓޭންޑަށް ޒިޔާރަތްކުރަމުން އެބަދެއެވެ.

މިއަދުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޖަރުމަންވިލާތުގެ ބާރލިންގައި ކުރިއަށް ދާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރ އައިޓީބީގެ ސްޓޭންޑްތައް ރަސްމީކޮށް ހުޅުއްވައިދެއްވީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ.

އައިޓީބީ ފެއަރ މިއަދު ހުޅުވިގެން ދިޔައިރު ، މިއީ ރާއްޖެއިން ބޭރުގައި ބާއްވާ ފެއަރއެއްގައި އެންމެ ގިނަ ކުންފުނިތަކުން ބައިވެރިވި ފުރަތަމަ ފަހަރެވެ. މިފަހަރުގެ ފެއަރގައި 95 ކުންފުންޏަކުން 280އަށް ވުރެ ގިނަ އޮފިޝަލުން ޙަރަކާތްތެރިވެއެވެ.

ރާއްޖޭގެ ސްޓޯލްގައި ކުރިއަށްދާ ޙަރަކާތްތަކުގެ ތެރޭގައި ދިވެހި ސަޤާފީ ކުޅިވަރުތައް ދައްކާލުމާއި ، އަތްތެރި ބައެއް މަސައްކަތުގެ ހުނަރު ވަގުތުން ދައްކާލުން ހިމެނެއެވެ. އަދި މުޅިން އަލަށް ކުރިއަށްގެންދާ ޙަރަކާތެއްގެ ގޮތުން ދިވެހި ޒުވާން ފަންނާނެއްގެ ވެލިން ކުރެހުމުގެ ހުނަރު ދައްކާލުންވެސް ސްޓޭންޑް ތެރެގައި ކުރިއަށްދެއެވެ.

ހަމަ މިއާއި އެކު ސްޕާ ގެ ޚިދުމަތް ތަޖުރިބާކޮށްލުމުގެ ފުރުޞަތުވެސް މިއަހަރުގެ ސްޓޭންޑުން ލިބެންއެބަހުރި.އަދި ރާއްޖެއަށް ޚާއްޞަ ބައެއް ކެއުންތައްވެސް ރާއްޖޭގެ ސްޓޭންޑުން ރަހަބަލާލުމުގެ ފުރުޞަތު ލިބިގެންދެއެވެ.





***********