 
					
									
			އިނގިރޭސި ޕްރިމިއާ ލީގުގެ ފުލަމްއަށް ކުޅެމުންދާ ސާބިއާގެ ފޯވަޑް އެލެގްޒެންޑާ މިޓްރޮވިޗް ހޯދުމަށް ސައުދީ ޕްރޯ ލީގުގެ އަލް ހިލާލްއިން ހުށަހެޅި ބިޑް ފުލަމްއިން ގަބޫލް ނުކޮށް އަނބުރާ ފޮނުވާލައިފިއެވެ. 
މައުލޫމާތުލިބޭގޮތުގައި އަލް ހިލާލްއިން ވަނީ މިޓްރޮވިޗް ހޯދުމަށް 25 މިލިއަން ޔޫރޯގެ އަގެއް ހުށަހަޅާފައެވެ. 
2018 ވަނަ އަހަރު 22 މިލިއަން ޔޫރޯއަށް ނިއުކާސްލް ޔުނައިޓެޑުން ފުލަމް އާއި ގުޅުނު މިޓްރޮވިޗް ފުލަމް އާއެކު ހަދާފައިވާ އެއްބަސްވުމުގައި އަދި ބާކީ ތިން އަހަރު އެބައޮތެވެ. ފުލަމްއިން ހާމަކުރާގޮތުގައި އެޓީމުން އެބިޑް އަނބުރާ ފޮނުވާލީ މިޓްރޮވިޗް ވިއްކާލުމުގެ އެއްވެސް ވިސްނުމެއް އެކްލަބުން ނުގެންގުޅޭތީ ކަމަށެވެ. 
މިޓްރޮވިޗްވަނީ މިދިޔަ ސީޒަންގައި ފުލަމްއަށް 14 ލަނޑު ޖަހާދީފައެވެ. އަދި ލިގުގެ 10 ވަނައިގާ އޮވެ ސީޒަން ނިންމާލުމުގައި މިޓްރޮވިޗް ވަނީ މުހިންމު ދައުރެއް އަދާކޮށްދީފައެވެ. 
އަލް ހިލާލްއިން ވަނީ ޗެލްސީއަށް ކުޅެމުންދިޔަ ކަލީޑޫ ކޯލީބާލީ އާއި ވުލްވަރހެމްޕްޓަން ވޮންޑަރަރސްއަށް ކުޅެމުންދިޔަ ރުބެން ނެވޭސްގެ އިތުރުން ލާޒިއޯއަށް ކުޅެމުންދިޔަ ސަރްގެއި މިލިންކޮވިޗް ސެވިޗް އެޓީމަށް ސޮއިކޮށްފައެވެ.