ޚަބަރު

އިންޑިޔާގައި ފެންބޮޑުވެގެން މަރުވި މީހުންގެ ޢަދަދު 29އަށް


އިންޑިޔާގެ އުތުރުގެ ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި ކުރިމަތިވި ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 29އަށް ވުރެ މައްޗަށް އަރައިފިއެވެ. މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ހިމާޗަލް ޕްރަދޭޝް ސްޓޭޓްގެ ގިނަ ހިސާބުތަކެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މަގުތައް ބަންދުވެ، ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ގެދޮރުގައި ތާށިވެފައެވެ.

ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ބޯކޮށް ވާރޭވެހުމާ ގުޅިގެން ހިނގި ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ހާދިސާތަކުގައި ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. އަދި، ބުރިޖުތަކާއި ބައެއް ޢިމާރާތްތައް ވެއްޓި، ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދުފަހަރުގެ ފެންގަނޑުގެ އޮޔާއެކު ދަމައިގަނެގެން ގެންގޮސްފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.

ހިމާޗަލް ޕްރަދޭޝް ސްޓޭޓުގެ ކާރިސާތަކާ ބެހޭ އިދާރާގެ އިސް އޮފިޝަލެއް ކަމުގައިވާ އޮމްކަރު ޝަރުމާ ވިދާޅުވީ އެ ސްޓޭޓުން އެކަނިވެސް 20 މީހަކު މަރުވެފައިވާ ކަމުގައެވެ. އަދި، އެ އެންމެން ވެސް މަރުވީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި ހިނގި އެކި ހާދިސާތަކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރާޖަސްތާނާއި، އުއްތަރް ޕްރަދޭޝްގެ އިތުރުން ހިމާލަޔާގެ ސަރަޙައްދުތައް ކަމުގައިވާ އުއްތަރްޚާންދާއި ކަޝްމީރުން ވެސް ނުވަ މީހަކު މަރުވެފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހިމާޗަލް ޕްރަދޭޝްގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ލާފަކޮށްފައިވާއިރު، އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ސުކްވިންދަރު ސިންގް ސުއްކޫ ވަނީ މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ދަންނަވާފައެވެ. އަދި، އިތުރު ބަޔެއްގެ ފުރާނަ ގެއްލުނަ ނުދޭން ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ހިމާޗަލް ޕްރަދޭޝްގެ ލާހޯލް-ސްޕީތީއާއި ކުއްލޫއަށް ދަތުރުކުރަން އޮންނަ މަގުތަކާއި ބުރިޖުތައް ބަންދުވެ، އެ ދެ ރަށުގައި 300 އަށްވުރެ ގިނަ މީހުން ތާށިވެފައިވާ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ. އެ މީހުން ސަލާމަތްކުރަން ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން ކުރި މަސައްކަތްތައް މޫސުން ގޯސްވުމާ ގުޅިގެން ވަނީ ނާކާމިޔާބުވެފައެވެ. އެ ސަރަޙައްދުގައި ތާށިވެފައިވާ މީހުންގެ ތެރޭގައި ފަތުރުވެރިން ވެސް ހިމެނެއެވެ.

ވިއްސާރައިގެ އަސަރު ވެރިރަށް ނިއު ދިއްލީއަށް ވެސް ދަނީ ކުރަމުންނެވެ. ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެއް ދުވަހެއްގެ ތެރޭގައި ނިއު ދިއްލީއަށް އެންމެ ބޯކޮށް ވާރޭވެހިފައި މި ވަނީ ޖުލައި މަހުގެ ތެރޭގައި ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. ވާރޭވެހުމާ ގުޅިގެން ޔަމޫނާ ކޯރު ފުރިގެން ބަންޑުންވެދާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ނިއު ދިއްލީގެ ސްކޫލްތައް ވެސް މިހާރު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.