ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ހުޅަނގު އައްސޭރީގެ ޖިނީންގައި ހިންގި ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން ފަލަސްޠީނުގެ ކުށެއް ނެތް 16 އަހަރުގެ މައުޞޫމް ކުއްޖަކަށް ހަމަލަދީ ޝަހީދުކޮށްލާފައިވާ ކަން ހާމަވެއްޖެއެވެ. ހުސްވި ހަފުތާގައި ޔަހޫދީ އިސްރާޢީލުގެ ޓެރެރިސްޓު ސިފައިން ޖިނީނަށް އަރައި ހިންގި ލާއިންސާނީ އުދުވާންތަކުގައި ފަލަސްޠީނުގެ 12 މީހަކު ޝަހީދުކޮށްލިއެވެ. އޭގެ ތެރޭގައި ޒުވާން އުމުރުފުރައިގެ ހަތަރު ކުދިން ވެސް ހިމެނެއެވެ.
ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ބުނަމުން ދަނީ އުދުވާންތަކުގައި ޝަހީދުކޮށްލާފައިވާ ހުރިހާ މީހުންނަކީ ވެސް މުޖާހިދުންގެ ޖަމާޢަތްތަކަށް ނިސްބަތްވާ، އެ ޖަމާޢަތްތަކުގެ މެންބަރުން ކަމުގައެވެ. ނަމަވެސް، ޔަހޫދީން ޝަހީދުކޮށްލާފައިވާ ޢަބްދުލް ރަޙްމާން ޙަސަން އަޙްމަދު ހަރްދާންގެ ޢާއިލާއިން ބުނަމުން ދަނީ އޭނާއަކީ މުޖާހިދުންގެ އެއްވެސް ޖަމާޢަތަކާ ގުޅުން އޮންނަ ކުއްޖެއް ނޫން ކަމުގައެވެ. އަދި، އޭނާ ގަތުލުކޮށްފައި ވަނީ އެއްވެސް ކުށަކާ ނުލައި ކަމަށް ޢާއިލާއިން ދަނީ ބުނަމުންނެވެ.
މި ކަމަށް ބާރުދޭ ހެކިތައް މިހާރު ވަނީ ހާމަވެފައެވެ. މި ގޮތުން، 16 އަހަރުގެ ޢަބްދުލް ރަޙްމާނަށް ޔަހޫދީ ސިފައިން ހަމަލަދީ އޭނާ ޝަހީދުކޮށްލާ މަންޒަރު ފެންނަ ގިނަ ވީޑިޔޯތަކެއް ވަނީ ޢާންމުވެފައެވެ. ވީޑިޔޯއިން ފެންނަނީ އޭނާ މަގެއްގެ މަތިން ހިނގާފައި ދަނިކޮށް ޔަހޫދީ ސިފައިން އޭނާއަށް ބަޑިން ހަމަލަދީ ޝަހީދުކޮށްލާ މަންޒަރެވެ. އެ ވަގުތު އޭނާގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތެވެ.
ޢަބްދުލް ރަޙްމާންގެ ޢާއިލާއިން ބުނީ އޭނާ ޝަހީދުކޮށްލާފައި ވަނީ ޔަހޫދީންގެ ހަމަލަތަކުގައި ޒަޚަމުކޮށްލާފައިވާ ގިނަ ޢަދަދެއްގެ ބަޔަކަށް ފަރުވާދިނުމަށް ލޭ ބޭނުންވާ ކަމަށް ހޮސްޕިޓަލުން އިޢުލާނު ކުރުމާ ގުޅިގެން، ލޭހަދިޔާކުރަން ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ކަމުގައެވެ. އޭނާ ޝަހީދުކޮށްލާފައި ވަނީ ޖިނީންގެ އަލް-އަމަލް ހޮސްޕިޓަލުގެ ކުރިމަތީގައެވެ. އޭނާގެ އެންމެ ފަހު ނޭވާ ދޫކޮށްލާފައި ވަނީ ފަލަސްޠީނުގެ މުސްލިމުންގެ ފުރާނަ ސަލާމަތްކޮށްދޭން ލޭހަދިޔާކުރުމުގެ މަތިވެރި ނިޔަތުގައި ހޮސްޕިޓަލަށް ކުރި ދަތުރުގައެވެ.
ޔަހޫދީ އިސްރާޢީލުން ޖިނީނާއި އެ ރަށުގައި އޮންނަ ރެފިއުޖީ ކޭމްޕަށް އަރައި ހިންގާފައިވާ ލާއިންސާނީ އުދުވާންތައް ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ކުށްވެރި ކުރަމުންނެވެ. އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝްގެ އިތުރުން ވިލާތުގެ އިއްތިހާދު (އީ.ޔޫ)ން ފަލަސްޠީނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސްވެން ކޫން ފޮން ބޯގްސްޑޯފް ވެސް ވަނީ ކުށްވެރި ކުރައްވާފައެވެ.
ދެ ބޭފުޅުން ވެސް ވިދާޅުވެފައި ވަނީ ޖިނީނަށް އަރައި ޔަހޫދީ އިސްރާޢީލުގެ ސިފައިން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމުގައެވެ. އަސްކަރީ ޑްރޯންތަކާއި ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން ޔަހޫދީ އަސްކަރިއްޔާގެ ޓެރެރިސްޓު ސިފައިން ހިންގި ޖަރީމާތަކުގައި ފަލަސްޠީނުގެ 140 އަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލިއެވެ. އޭގެ ތެރެއިން 30 މީހެއްގެ ހާލު ސީރިޔަސް ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ.