އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުތަކުން އުތުރު ކޮރެޔާގެ ވައިގެ ސަރަޙައްދަށް ވަންނަމުންދާ ކަމުގައި އުތުރު ކޮރެޔާއިން ތުހުމަތުކޮށްފިއެވެ. މި ކަން ހާމަކޮށްފައި ވަނީ އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގް އުންގެ ކޮއްކޮ ކިމް ޔޯ ޖޮންގެވެ. ޖުލައި 10 ވަނަ ދުވަހު އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުތައް އަށް ފަހަރެއްގެ މަތިން އުތުރު ކޮރެޔާގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދަށް ވަދެފައިވާ ކަމުގައި އުތުރު ކޮރެޔާއިން ތުހުމަތު ކުރެއެވެ.
މި ކަމާ ގުޅިގެން ކިމް ވަނީ އެމެރިކާއަށް އިންޒާރު ދީފައެވެ. އޭނާ ބުނީ އެމެރިކާގެ އުޅަނދުތައް އުތުރު ކޮރެޔާގެ ސަރަޙައްދަށް ވަންނަމުން ދަނީ ޤަވާޢިދާ ޚިލާފަށް ކަމަށާއި، އެ ގޮތަށް އަމަލު ކުރަމުންދާ ނަމަ އެމެރިކާގެ އުޅަނދުފަހަރާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގައެވެ. އަދި، ކުރިއަށް އޮތްތަނުގައި އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަންނަ އެމެރިކާގެ ޖާސޫސީ އުޅަނދުފަހަރަށް ހަމަލަދީ ވައްޓައިލާނެ ކަމުގެ އިންޒާރު ވެސް އޭނާ ދިނެވެ.
އުތުރު ކޮރެޔާއިން ބުނީ އެމެރިކާގެ ޖާސޫސީ އުޅަނދުތައް ވަދެފައި ވަނީ އެ ޤައުމުގެ އިރުމަތީ ފަރާތުގައި އޮންނަ ހަވަންދޯ ޕުރޮވިންސުގެ ޓުންގްޗޮންގެ އިރުމަތީ ފަރާތުން "އިޤުތިޞާދީ ކަނޑުގެ ސަރަޙައްދާއި" އެ ޤައުމުގެ އިރުދެކުނުގައިވާ އުތުރު ޗޮންގްސަންދޯ ޕުރޮވިންސުގެ އުލްޗިންގެ ކަނޑުގެ ސަރަޙައްދަށް ކަމުގައެވެ.
މި ކަމާ ގުޅޭ ގޮތުން އެމެރިކާގެ ދިފާޢީ އިދާރާ ޕެންޓެގަންއިން ބުނީ އެމެރިކާގެ އުޅަނދުފަހަރު އަމަލުކޮށްފައި ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ޙުދޫދުގެ ތެރެއިން ކަމުގައެވެ. ޕެންޓަގަންގެ ތަރުޖަމާނު ސެބްރީނާ ސިންގް ވިދާޅުވީ އުތުރު ކޮރެޔާއިން ކުރަމުން ދަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމުގައެވެ.
އުތުރު ކޮރެޔާގެ ސަރަޙައްދަށް ވަންނަ އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ހަމަލަދޭނެ ކަމުގެ އިންޒާރު އެ ޤައުމުން ދިނުމާ ގުޅިގެން އެމެރިކާއިން ވަނީ އެ ފަދަ އަމަލުތަކުން ދުރުހެލިވުމަށް އުތުރު ކޮރެޔާއަށް ގޮވައިލާފައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިއު މިލަރ ވިދާޅުވީ މި ފަދަ މައްސަލަތަކަށް ހައްލު ހޯދަން ޖެހޭނީ ސުލްޙަވެރިކަމާ އެކު ޑިޕްލޮމެސީގެ ރޮނގުން މަޝްވަރާކޮށްގެން ކަމުގައެވެ.
މިއީ، އުތުރު ކޮރެޔާގެ އަސްކަރިއްޔާއާއި އެމެރިކާގެ އަސްކަރިއްޔާއާ ދެމެދު އޮތް މައްސަލައެއް ކަމަށް ވިދާޅުވެ ސެބްރީނާ ވަނީ މި މައްސަލައިގެ ތެރެއަށް ތަދައްޚުލުނުވުމަށް ދެކުނު ކޮރެޔާއަށް ވެސް ގޮވައިލައްވާފައެވެ. މި ކަމާ ގުޅޭ ގޮތުން ދެކުނު ކޮރެޔާގެ އަސްކަރިއްޔާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފުން ބުނީ ބައިނަލްއަޤުވާމީ ޤަވާޢިދުތަކާ އެއްގޮތަށް އެމެރިކާއާއި ދެކުނު ކޮރެޔާއިން ގުޅިގެން ހިންގަމުންދާ ޢާންމު ވައިގެ ދަތުރުފަތުރަށް އުތުރު ކޮރެޔާއިން ހުރަސް އަޅައި، މަސްރަޙު ހޫނުކުރަން މަސައްކަތް ކުރަމުންދާ ކަމުގައެވެ.