ޚަބަރު

މުޞްޙަފުގެ ހުރުމަތް ކަނޑަން ހުއްދަދިން ސްވިޑެން ނޭޓޯއާ ގުޅެން ތުރުކީވިލާތުން ރުހުންދީފި


ނޭޓޯގެ މެންބަރު ކަމަށް އެދި ހުށަހަޅާފައިވާ ސްވިޑެނަށް އެ ފުރުޞަތު ދޭން ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ރުހުން ދެއްވައިފިއެވެ. ތުރުކީވިލާތުން މީގެ ކުރިން މި ކަމާ ދެކޮޅުހަދަމުން ދިޔަ ނަމަވެސް އެ ޤައުމުގެ ސިޔާސަތު ބަދަލުކޮށް ސްވިޑެނަށް ރުހުންދީފައި މި ވަނީ އެ ޤައުމުގެ ސަރުކާރުން ހުއްދައިގެ ދަށުން ހައްދުފަހަނަ އެޅި ބަޔަކު ބޭއްވި މުޒާހަރާއެއްގައި ކީރިތި ޤުރުއާނުގެ މުޞްޙަފެއްގެ ހުރުމަތް ކަނޑާފައިވާ ދަނޑިވަޅެއްގައެވެ.

މުޞްޙަފުގައި ހުޅުޖެހުމުގެ ދަށު ދަރަޖައިގެ އަމަލު ހިންގާފައި ވަނީ ސްވިޑެނަށް ހިޖުރަކޮށްފައިވާ އިރާޤުގެ ރައްޔިތެއް ކަމުގައިވާ ސުލްވާން މުމީކެވެ. ސްޓޮކްހޯމްގެ މައި މިސްކިތުގެ ކުރިމަތީގައި މުޞްޙަފެއްގައި ރޯކޮށްލާފައި ވަނީ ބަރަކާތްތެރި އަޟުޙާ ޢީދު ދުވަހުއެވެ. ހައްދުފަހަނަ އަޅާފައިވާ ޖައްބާރު މީހެއް ކަމުގައިވާ މުމީކު އެ އަމަލު ހިންގާފައި ވަނީ ސްވިޑެންގެ ފުލުހުން ދީފައިވާ ހުއްދައެއްގެ ދަށުން ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ. މުޒާހަރާ ކުރުމަށް މުމީކަށް ހުއްދަ ދީފައި ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ދަށުން ކަމުގައި ފުލުހުން ބުނެއެވެ.

އެ މައްސަލައިގައި މުޅި މުސްލިމް އުންމަތުގެ ފާޑުކިޔުމާއި ނުރުހުން ސްވިޑެންގެ ސަރުކާރަށް އަމާޒުވިއެވެ. އަދި، އުރުދުޣާން ވެސް ވަނީ އެ ކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް، ނޭޓޯއާ ގުޅުމަށް އުރުދުޣާން ސްވިޑެނަށް ރުހުންދީފައި މި ވަނީ ލިތުއޭނިޔާގެ ވެރިރަށް ވިލްނިޔަސްގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ނޭޓޯގެ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓު ފެށުމުގެ ކުރިން ބޭއްވި މަޝްވަރާތަކަކަށް ފަހުއެވެ. ދެ ތިން ގަޑިއިއަށް ދެމިގެންދިޔަ މި މަޝްވަރާތަކުގައި އުރުދުޣާންގެ އިތުރުން ސްވިޑެންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަރޝޮން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސްވިޑެންގެ އިތުރުން ފިންލެންޑުން ނޭޓޯގެ މެންބަރުކަން ހޯދަން އެދިފައި ވަނީ ހުސްވި އަހަރު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައާ ގުޅިގެންނެވެ. ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ނޭޓޯގެ ޤައުމުތަކުން ވަނީ ފިންލެންޑަށް މެންބަރުކަން ދޭން އޭޕްރިލް މަހުގެ ތެރޭގައި އެއްބަސްވެފައެވެ. ނަމަވެސް، ސްވިޑެނަށް އެ ފުރުޞަތު ދޭން ތުރުކީވިލާތާއި ހަންގެރީއިން ދިޔައީ ދެކޮޅު ހަދަމުންނެވެ.

"ސްވިޑެނަށް ނޭޓޯގެ މެންބަރަކަށްވުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތަކުގެ މަސައްކަތްތައް ފެށުމަށް ރައީސް އުރުދުޣާން ރުހުން ދެއްވާފައިވާ ކަން އިޢުލާނު ކުރުމަކީ ލިބޭ އުފަލެއް. އެ ކަމާ ގުޅޭ ހުއްދަ ދިނުމުގެ މަސައްކަތްތައް ތުރުކީވިލާތުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅުއްވުމަށް އުރުދުޣާން ވަނީ ނިންމަވާފައި،" މި ކަން އިޢުލާނު ކުރައްވަމުން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓެންބަރގް ވިދާޅުވިއެވެ.

ސްވިޑެނަށް ނޭޓޯގެ މެންބަރުކަން ދޭން އުރުދުޣާން ދެކޮޅު ހައްދަވަމުން ގެންދެވި ބައެއް ސަބަބުތަކުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމެއް ތަންފީޒު ކުރަން ސްވިޑެންގެ ސަރުކާރުން މަސައްކަތް ނުކުރުމުގެ ތުހުމަތު ހިމެނެއެވެ. އެ އެއްބަސްވުމުގެ ދަށުން ތުރުކީވިލާތުން އެދެނީ އެ ޤައުމުން ޓެރެރިސްޓުންގެ ގޮތުގައި ދެކޭ މީހުންނާ ދެކޮޅަށް ސްވިޑެންގެ ސަރުކާރުން ފިޔަވަޅުތަކެއް އެޅުމެވެ.

ތުރުކީވިލާތުން ޓެރެރިސްޓު ޖަމާޢަތެއް ކަމުގައި ބަލާ ކުރްދިސްތާން ވަރކަރސް ޕާޓީ (ޕީ.ކޭ.ކޭ)ގެ ގިނަ ޢަދަދެއްގެ މެންބަރުން ސްވިޑެންގައި ފިލައިގެން ދިރިއުޅޭ ކަމަށް ތުރުކީވިލާތުން ތުހުމަތު ކުރެއެވެ. އެއީ، ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ އިތުރުން އެމެރިކާއިން ވެސް ޓެރެރިސްޓު ޖަމާޢަތްތަކުގެ ލިސްޓުގައި ހިމަނާފައިވާ ޖަމާޢަތެކެވެ.