ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ފިރިހެން އޯޕަން ޑިވިޝަންގެ މެއިން އިވެންޓުގެ ފުރަތަމަ ބުރުގައި ދިވެހި ސާފަރުން މިއަދު އެޅި ހީޓުތައް ކާމިޔާބުކުރިއިރު، މި ހީޓުތަކުން އެންމެ މަތީ ސްކޯ އަޙްމަދު އާގިލް (އައްމަޑޭ) ހޯދައިފިއެވެ.
ފުރަތަމަ ބުރުގައި 12 ހީޓު ކުރިއަށް ގެންދިޔައިރު، އިއްޔެ ވަނީ ފުރަތަމަ ހަ ހީޓު ބާއްވާފަ އެވެ. މިއަދު ހެނދުނު ކުރިއަށްދިޔަ ބާކީ ހީޓުތަކުން ދިވެހި ހުރިހާ ސާފަރުން ވަނީ ހީޓުގެ އެންމެ މަތީ ސްކޯ ހޯދައިފައެވެ.
މިއަދުގެ ހީޓުތަކުން އެންމެ ތަފާތު ސްކޯ ހޯދީ އައްމަޑޭއެވެ. އައްމަޑޭ ވާދަކޮށްފައިވަނީ 11 ވަނަ ހީޓުގައެވެ. އެ ހީޓު އޭނާ ނިންމާލީ ޖުމްލަ 17.67 ޕޮއިންޓާއެކުގައެވެ. އޭނާގެ އެންމެ ރަނގަޅު ދެ ރާޅަށް ވަނީ 8.17 އަކާއި 9.50 ޕޮއިންޓެއް ހޯދައިފައެވެ.
އައްމަޑޭގެ އިތުރުން ރާއްޖޭގެ ހޫދު އަހުމަދު (ހޫބްޒް) ވަނީ 10 ވަނަ ހީޓުގައި ވާދަކޮށް އެ ހީޓުގެ އެއްވަނަ ހޯދައިފައެވެ. އޭނާ ހީޓު ނިންމާލީ 13.50 ގެ ސްކޯއަކާއެކުގައެވެ. މީގެ އިތުރުން ހީޓު 9 ގައި ވާދަކުރި އިސްމާއިލް މިގުލާލް (ކުޑަ އިއްސެ) ވަނީ ޖުމްލަ 11.17 ޕޮއިންޓް ހޯދައިގެން މި ހީޓު ކާމިޔާބު ކޮށްފައެވެ.
ހީޓު އަށެއްގައި ވާދަކޮށް އަބްދުﷲ އަރީފް (ފުކޫ) އެއްވަނަ ހޯދީ 10.50 ހޯދައިގެންނެވެ. އަދި މިއަދުގެ ފުރަތަމަ ހީޓުގައި ވާދަކުރި ޖައިލަމް ނިޒާރު އެއްވަނަ ހޯދީ 9.67 ޕޮއިންޓް ހޯދައިގެންނެވެ.
މެއިން އިވެންޓުގެ ފަހު ހީޓުގައި ވާދަކުރީ 2019 ވަނަ އަހަރު ބޭއްވި މުބާރާތުން ލޯ މެޑަލް ހޯދި ހުސެއިން އަރީފް (އިބޫ)އެވެ. އޭނާ މި ހީޓުގެ އެއްވަނަ ހޯދީ ޖުމްލަ 12.33 ޕޮއިންޓާއެކުގައެވެ.