ކުޅިވަރު

އޭޝިއާ މުބާރާތުން ރާއްޖެއަށް މެޑެލް ހޯދޭނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތް: އިބޫ


ރާއްޖޭގައި ފެށި އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި މެޑެލް ހޯދޭނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ރާއްޖޭގެ ޓީމުގެ ކެޕްޓަން ހުސެއިން އަރީފް (އިބޫ) ބުނެފިއެވެ.

"ޕީއެސްއެމް ސްޕޯޓްސް" އާ ވާހަކަ ދައްކަމުން އިބޫ ވަނީ މިވަރުގެ ބޮޑު މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ ބޮޑު އުފަލެއް ކަމަށް ބުނެފައެވެ. އިބޫ ބުނީ ތުލުސްދޫގެ މިވަގުތުގެ ރާޅުގެ ހާލަތާއި ކަންކަމަށް ބަލާއިރު ރަނގަޅު ހިސާބަކަށް ދެވޭނެކަމުގެ ބޮޑު އިތުބާރެއް އެބައޮތް ކަމަށާއި ތުލުސްދޫގެ ރާޅަކީ ފަރިތަ ރާޅެއް ކަމަށެވެ.

2019 ވަނަ އަހަރު އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕްގެ ރާއްޖެ ލޯ މެޑަލް ހޯދިއިރު އެ ޓީމުގެ ކެޕްޓަނަކީވެސް އިބޫއެވެ. މިފަހަރުވެސް ކެޕްޓަނަކީ ރާއްޖޭގެ އެންމެ ތަޖުރިބާ ބޮޑު އަދި ކާމިޔާބު އިބޫއެވެ. އިބޫ ބުނީ އަމިއްލަ ޤައުމުގައި މި މުބާރާތް އޮންނާތީ ބޮޑު ކޮންފިޑެންސްއެއް ލިބޭ ކަމަށެވެ.

އިބޫ ބުނީ ރާއްޖޭގައި މުބާރާތް ބޭއްވުމަކީ ދިވެހި އެތުލީޓުންނަށް ލިބޭ ވަރަށްބޮޑު އެޑްވާންޓޭޖެއް ކަމަށެވެ. އޭނާ ބުނީ ދިވެހި ޓީމްގެ ކޮންމެ އެތުލީޓަކީވެސް ރާޅަށް ފަރިތަ ބަޔަކަށް ވުމުން ބޮޑު ކާމިޔާބީއެއް ލިބޭނެކަމަށް އުއްމީދުކުރާކަމަށެވެ.

ދުނިޔޭގެ 18 ޤައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖެއިން 8 ރާޅާއެޅުންތެރިން ވާދަކުރެއެވެ. މީގެތެރެއިން ދެ ރާޅާއެޅުންތެރިންނަކީ ބާއްވާ ޤައުމުގެ ހައިސިއްޔަތުން ލިބުނު ދެ ވައިލްޑް ކާޑް ސްލޮޓެވެ.