ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ވައިލްޑް ކާޑުގެ ތެރެއިން ވާދަކުރާ ތުލުސްދޫގެ ރާޅާއެޅުންތެރިން ކަމަށްވާ އާދަމް މުއީން އިބްރާހީމާއި، ހަސަން ނާސިހު (ޗިކާ) މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
ތުލުސްދޫގެ ރަންދާ ރާޅުގަނޑު ސަރަހައްދުގައި އެންމެ ފުރަތަމަ ފެށި ފިރިހެން އޯޕަން ޑިވިޝަނުގެ މެއިން އިވެންޓުގެ ފުރަތަމަ ބުރުގައި 12 ހީޓެއް ހިމެނެއެވެ. ފުރަތަމަ ދުވަހު ހަ ހީޓު ކުރިޔަށްދިޔައިރު، ދެވަނަ ބުރަށް ހޮވޭނީ މެއިން އިވެންޓުގެ ކޮންމެ ހީޓަކުން ވެސް އެއްވަނަ އަދި ދެވަނައަށްދާ އެތުލީޓުންނެވެ.
މުއީން އާއި ޗިކާ ދެވަނަބުރަށް ދިޔައީ މި ދެ އެތްލީޓުން ވާދަކުރި ހީޓުގެ ދެވަނަ ހޯދައިގެންނެވެ. މީގެތެރެއިން މުއީން ވާދަކުރީ ފަސްވަނަ ހީޓުގައެވެ. އޭނާ ދެވަނަ ހޯދީ މެލޭޝިއާގެ އެއްވަނަ ރާޅާއެޅުންތެރިޔާ ފަހަތަށް ޖައްސާލުމަށްފަހު 7.73 ޕޮއިންޓުންނެވެ. އެއްވަނަ އިންޑޮނޭޝިއާގެ ވިޑިއަންޓޯ ހޯދީ 14.43 ޕޮއިންޓާއެކު އެވެ. ޗިކާ ވާދަކޮށްފައިވަނީ ހަވަނަ ހީޓުގައެވެ. އޭޏާ ދެވަނަ ހޯދީ 6.27 ޕޮއިންޓާއެކު އެވެ. އެއްވަނަ ހޯދި ޗައިނާގެ ޒިހާއޯ ވޫ އަށް ލިބުނީ 8.83 ޕޮއިންޓެވެ.
ޗިކާ އާއި މުއީން ވާދަކުރާނީ ދެވަނަ ބުރުގެ ފުރަތަމަ ހީޓުގަ އެވެ. މި ހީޓުގައި ހަތަރު ރާޅާއެޅުންތެރިން ހިމެނޭއިރު، މުއީން އާއި ޗިކާގެ އިތުރުން ދެން ހިމެނެނީ އިއްޔެގެ ފުރަތަމަ ހީޓުގެ އެއްވަނަ ހޯދި ޖަޕާނުގެ އިއްކޮ ވަޓަނަބޭ އެވެ.