އަރިއަތޮޅު ދެކުނުބުރިއަކީ ރަށު ފަތުރުވެރިންކަށް ވަރަށްބޮޑަށް ފުޅާވަމުންދާ އަތޮޅެކެވެ. ގިނަ ރަށްރަށުގައި ބާރު ސްޕީޑްގައި ގެސްޓުހައުސްތައް ތަރައްޤީވަމުން ދެއެވެ. އެރަށްރަށުގެ މީހުން އެކަމަށް ދޭ ސަމާލުކަމާއި އެކަން ތަރައްޤީކުރަން ކުރަމުންދާ މަސައްކަތްތައްވެސް ބޮޑެވެ.
އަރިއަތޮޅު ދެކުނުބުރީ ދަނގެއްޗަކީ، މިއަތޮޅުގައި އެންމެ ހަލުވިކަމާއެކު ރަށުފަތުރުވެރިކަން ފުޅާވަމުން އަންނަ އެއްރަށެވެ. މިރަށުގައި މި ވިޔަފާރި ފުޅާވަމުންދާދިއުމުގައި އަތޮޅުގެ އެހެން ރަށްރަށާ ތަފާތު ބައެއް ކަންކަން ފާހަގަކުރެވެއެވެ. މިހާރު މިރަށުގައި 18އަށްވުރެ ގިނަ ގެސްޓު ހައުސް އެބަހުއްޓެވެ. އަދި ފަތުރުވެރިކަމަށް ޚާއްސަ 240 އަށްވުރެ ގިނަ އެނދު އެބަހުއްޓެވެ.
އެންމެ ޚާއްސަ ތަފާތަކަށް ފާހަގަކުރެވެނީ ރަށުގައި މިވިޔަފާރި ޢަމަލީގޮތުން ކުރާ މީހުންނަކީ މުޅިންހެން މިރަށުމީހުންނަށް ވާކަމެވެ. އަތޮޅުގެ އެހެން ރަށްރަށާ ޚިލާފަށް ރަށުން ބޭރު ވިޔަފާރިވެރިން މިރަށުގެ މިވިޔަފާރީގައި ނޫޅެއޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ. އެހެންނަމަވެސް ރަށުން ބޭރު ދުރު އަޅުތަކުގެ ޒުވާނުންވެސް މިރަށުގައި ވަޒީފާ އަދާކުރަމުން ދެއެވެ. ރަށުގައި ވަޒީފާނެތުމުގެ މައްސަލައެއް ނެތެވެ. ކުރިން ރަށުން ބޭރުގައި އެކިއެކި ސަބަބުތަކާހެދި ދިރިއުޅުނު އެތައްބަޔަކުވެސް މިހާރު މިރަށުގައި ދިރިއުޅެމުންދެއެވެ.
ރަށުގައި މިވިޔަފާރި މިހާރަށްވުރެވެސް ފުޅާކުރުމަށް ރަށުގެ ރައްޔިތުންނާއި ރަށު ކައުންސިލުން ބޭނުންވެއެވެ. އެހެންކަމުން ފަތުރުވެރިންނަށް އެކަށީގެންވާ މަތީފަންތީގެ ޚިދުމަތެއް ދިނުމަށް ރަށުން އިސްކަން ދެއެވެ. ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމާއި އިތުރުރަށް ރަނގަޅުކުރުމަށް ޚާއްސަ އިސްކަމެއް ދެއެވެ.
މިރަށުގެ ގެސްޓުހައުސްތަކާއި ފަތުރުވެރިންނަށް ޚިދުމަތްދޭ ހޮޓާ، ކެފޭ، ރެސްޓޯރެންޓުތަކާއި ފިހާރަކުގެ ޚިދުމަތްވެސް ރަނގަޅުކަމަށް ފަތުރުވެރިންނާއި ޚިދުމަތް ހޯދާ ޢާންމުންނާއި ރަށުން ބޭރުން މިރަށަށް ޒިޔާރަތްކުރާ ދިވެހިންވެސް ފާހަގަކުރެއެވެ. ރަށުން ފަތުރުވެރިންނަށް ދޭ ޚިދުމަތާއެކު ރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދައަކީ ފަތުރުވެރިން އެކަންކަން ބަލާލަން ވަރަށް ޝަޢުޤުވެރިވާކަމެކެވެ. ދަނގެތީގައި ބާއްވާ އިޖުތިމާޢީ ޙަރަކާތްތަކާއި ސަޤާފީ ކަންކަމުގައިވެސް ފަތުރުވެރިން ބައިވެރިވެއެވެ. ދިވެހި ރަހަތަކާއި ދިވެހި ކަންކަން ތަޖުރިބާކުރުމަށް ލޯބިކުރެއެވެ. ފަތުރުވެރިންނަށް މި ފުރުސަތުތައް ފަހިކޮށްދޭން ރަށުގެ ރައްޔިތުންވެސް ޚާއްސަ އިސްކަމެއް ދެއެވެ.
މިއަތޮޅުގެ އެހެން ރަށްރަށެކޭވެސް އެއްފަދައިން މިރަށަށްވެސް ފަތުރުވެރިން އަންނަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ މިސަރަޙައްދުން ފެންނަ ފެހުރިއްސާއި އެންމެޑި ބަލާލުމާއި ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތައް ބަލާލައި ފީނާލުމެވެ. މީގެއިތުރުން މޫދުކުޅިވަރާއި މޫދާއި ގުޅިފައިވާ ބައެއްކަންކަން ހިމެނެއެވެ.
މިކަންކަން ރަނގަޅު ފެންވަރެއްގައި ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް ދަނގެތިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިހާރު ހުރި ބައެއް ދަތިތައް ފިލުވާލައި މިރަށަކީ ފަތުރުވެރިންގެ މެދުގައި މިހާރަށްވުރެވެސް މަޤުބޫލު ހިތްގައިމު ރަށަކަށް ހެދުމަށް ދަނގެތީ ރައްޔިތުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.