ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައަށް 500 ދުވަސް ފުރިފައިވާއިރު، މި ހަނގުރާމައިގައި މަރުވެފައިވާ ޔޫކްރެއިންގެ ޢާންމު ރައްޔިތުންގެ ޢަދަދު 9,000 އަށްވުރެ މައްޗަށް އަރާފައިވާ ކަމުގައި އ.ދއިން ބުނެފިއެވެ. ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ.
އ.ދއިން ޔޫކްރެއިން ރައްޔިތުންގެ އިންސާނީ ހައްޤުތަކުގެ ހާލަތު ވަޒަންކުރުމަށް ގާއިމުކޮށްފައިވާ ހިޔުމަން ރައިޓް މޮނިޓަރިންގ މިޝަން އިން ޔޫކްރެއިން (އެޗް.އާރް.އެމް.އެމް.ޔޫ)އިން ބުނީ މި ހަނގުރާމައިގައި "ހިތަށްތަދުވާ" މިންވަރަކަށް ޢާންމުން މަރުވަމުންދާ ކަމަށާއި އެ ކަމާ ހިތާމަކުރާ ކަމުގައެވެ. އަދި، އޭގެ ތެރޭގައި 500 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭ ކަމުގައި ވެސް އެ މިޝަނުން ބުންޏެވެ.
އެ މިޝަންގެ އިސްވެރިޔާގެ ނައިބު ނޮއެލް ކެލްހޫން ވިދާޅުވީ ރަޝިޔާގެ ހަމަލަތަކުގައި މަރުވެފައިވާ ޔޫކްރެއިންގެ ޢާންމު ރައްޔިތުން ޢަދަދު 9,000 އަށްވުރެ މައްޗަށް އަރާފައިވާ ކަން ކަށަވަރު ކުރެވޭއިރު، ހަޤީޤަތުގައި އެ ޢަދަދު އެއަށްވުރެ އިތުރުވާނެ ކަމުގައެވެ. އަދި، މި އަހަރުގެ މޭ މަހަށް ފަހު ރަޝިޔާއިން ދީފައިވާ ހަމަލަތަކުގައި މަރުވަމުންދާ ޢާންމުންގެ ޢަދަދު އިތުރުވެފައިވާ ކަމުގައެވެ.
ރަޝިޔާއިން ދާދިފަހުން ދީފައިވާ ބައެއް ހަމަލަތަކަށް ވެސް އެޗް.އާރް.އެމް.އެމް.ޔޫން ނެރުނު ބަޔާނެއްގައި އަލިއަޅުވައިލާފައިވެއެވެ. މި ގޮތުން ޖޫން މަހުގެ 27 ވަނަ ދުވަހު ޔޫކްރެއިނުގެ އިރުމަތީގައިވާ ކްރަމަތޮރްސްކަށް ރަޝިޔާއިން ދިން ނުރައްކާތެރި މިސައިލް ހަމަލަތަކެއްގައި ޢާންމުންގެ 13 މީހުން މަރުވެފައިވާ ކަން އެ މިޝަނުން ފާހަގަކުރެއެވެ. އެ ހަމަލާގައި ހަތަރު ކުޑަކުދިން ވެސް މަރުވިއެވެ.
ޖުލައި 6 ވަނަ ދުވަހު ޔޫކްރެއިންގެ ހުޅަނގުގައިވާ ލުވޯފަށް ރަޝިޔާއިން ދިން މިސައިލް ހަމަލަތަކެއްގައި ޢާންމުންގެ 10 މީހުން މަރުވިއެވެ. އަދި، އިތުރު 37 މީހަކު ޒަޚަމުވިއެވެ. އެއީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ރަޝިޔާއިން ދީފައިވާ އެންމެ ނުރައްކާތެރި ހަމަލާތަކުގެ ގޮތުގައި ލުވޯފުގެ މޭޔަރު ވަނީ ސިފަ ކުރައްވާފައެވެ. އެ ހަމަލަ އަމާޒުކޮށްފައި ވަނީ އ.ދގެ ވޯލްޑް ހެރިޓޭޖް ކޮންވެންޝަނުން ހިމާޔަތްކޮށްފައިވާ ސަރަޙައްދަކަށް ކަމުގައި އ.ދގެ މިޝަނުން ބުނެއެވެ.
ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހަމަނުޖެހުންތައް ފެށިފައި ވަނީ މީގެ އަށްވަރަކަށް އަހަރު ކުރިންނެވެ. ރަޝިޔާއިން ވާގިވެރިވާ ހަތިޔާރުއެޅި ޖަމާޢަތްތަކުން ޔޫކްރެއިންގެ ކްރައިމިޔާއަށް އަތްގަދަކޮށްފައި ވަނީ 2014 ވަނަ އަހަރުއެވެ. އ.ދގެ މިޝަނުން ބުނީ، އެ އަށް އަހަރުގެ ތެރޭގައި ދީފައިވާ ހަމަލަތަކުގައި މަރުވެފައިވާ ޢާންމުންގެ ޢަދަދުތަކާ އަޅައިބަލާއިރު، ފާއިތުވި 500 ދުވަހުގެ ތެރޭގައި މަރުވި ޢާންމުންގެ ޢަދަދު ތިން ގުނައަށް އިތުރުވެފައިވާ ކަމުގައެވެ.
އެޗް.އާރް.އެމް.އެމް.ޔޫން ބުނީ ރަޝިޔާއިން ޔޫކްރެއިންގެ ބޮޑެތި ރަށްތަކަށް އަމާޒުކޮށް އާޓިލަރީ ބަޑިންނާއި މިސައިލްތައް ބޭނުންކޮށްގެން ހަމަލަތައް ދިނުމުގައި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފަރުވާލެއް ނުބަހައްޓާ ކަމުގައެވެ. އަދި، ޢާންމުންނަށް ޒަރޫރީ ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ޢުމްރާނީ ވަސީލަތްތަކާއި، ކަރަންޓާއި ފެނުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ވަސީލަތްތަކަށް ހަމަލަދީ، އެ ޚިދުމަތްތަކުން ޔޫކްރެއިންގެ ޢާންމު ރައްޔިތުން މަހުރޫމް ކުރުވަމުންދާ ކަމުގައެވެ.
މި ގޮތުން އެންމެ ނުރައްކާތެރި ހަމަލަތަކެއް ދީފައި ވަނީ ބޫޗާއާއި މަރިޔޫޕޮލަށް ކަން އެ މިޝަނުން ފާހަގަކުރެއެވެ. އެ ރަށްތައް ހިފުމަށް ރަޝިޔާއިން ކުރި ހަނގުރާމައިގައި އެ ރަށުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތައް ހިންގާފައިވާ ކަމުގައި އ.ދއާއި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
މި ހަނގުރާމައިގައި ދެ ޤައުމުގެ ފައުޖުތަކުން ވެސް ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރުން 123 ޤައުމަކުން މަނާކޮށްފައިވާ ނުރައްކާތެރި ހަތިޔާރެއް ކަމުގައިވާ ކްލަސްޓަރ ބޮން ބޭނުންކޮށްފައިވާ ކަމުގައި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާ ހިޔުމަން ރައިޓްސް ވޮޗް (އެޗް.އާރް.ޑަބްލިޔު)ން ބުނެއެވެ. އަދި، އެ ފަދަ ހަމަލަތަކުގައި ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުނެއެވެ.
ނަމަވެސް، ހުސްވި ހަފުތާ ބަންދުގައި އިވިގެންދިޔައީ ޔޫކްރެއިނަށް އިތުރު ކްލަސްޓަރ ބޮން ފޮނުވަން އެމެރިކާއިން ނިންމި ޚަބަރެވެ. ކްލަސްޓަރ ބޮން ބޭނުންކުރުން މަނާކުރާ މުޢާހަދާގައި 123 ޤައުމަކުން ސޮއިކޮށްފައިވާއިރު، އޭގެ ތެރޭގައި ރަޝިޔާއާއި ޔޫކްރެއިންގެ އިތުރުން އެމެރިކާ ވެސް ނުހިމެނެއެވެ. ޔޫކްރެއިނަށް ކްލަސްޓަރ ބޮން ފޮނުވަން އެމެރިކާއިން ނިންމުމާ ގުޅިގެން އެމެރިކާގެ ބައެއް ވާގިވެރިން ކަމުގައިވާ އިނގިރޭސިވިލާތާއި ކެނެޑާއިން ވެސް ވަނީ އެ ކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ.