މެކްސިކޯގެ އައްސޭރިފަށުގައި އޮންނަ ތެޔޮ ސާފުކުރާ ޕްލެޓްފޯމެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ދެ މީހުން މަރުވެ، އިތުރު މީހަކު ގެއްލިއްޖެއެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވާ ޕްލެޓްފޯމް އޮންނަނީ މެކްސިކޯގެ ދެކުނު ފަރާތު އައްސޭރިފަށުގައި ގަލްފް އޮފް މެކްސިކޯ ކަނޑުގައެވެ.
މި ހާދިސާ ހިނގާފައި ވަނީ މެކްސިކޯގެ ސަރުކާރު ތެޔޮ ކުންފުނި ޕެމެކްސްއިން ހިންގާ ޕްލެޓްފޯމެއްގައެވެ. އެ ތަނުގައި މަސައްކަތްކުރާ ތިން މުވައްޒަފުންގެ ފިޔަވައި އެހެން ހުރިހާ މުވައްޒަފުން ސަލާމަތްކޮށް އެއްގަމަށް ގެންގޮސްފައިވާ ކަމުގައި ޕެމެކްސްއިން ބުންޏެވެ.
މި ހާދިސާ ހިނގާފައިވާ ޕްލެޓްފޯމަކީ ކަންތަރޭއީ ތެޔޮ ވަޅުން ތެޔޮ ނަގައިގެން ސާފުކުރާ ކާރުޚާނާއެކެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ތަނުގެ މަސައްކަތްތައް ވަނީ ހުއްޓިފައެވެ. ކަންތަރޭއީ ތެޔޮ ވަޅަކީ އެންމެ ގިނައިން ތެޔޮ ނަގައިގެން ސާފުކުރާ އެއް ތެޔޮ ވަޅެވެ.
ޕްލެޓްފޯމުގައި ހިނގި އަލިފާނުގެ ހާދިސާގައި ދެ މީހުން މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާއިރު، މި ހާދިސާގައި އިތުރު އަށް މީހަކަށް އަނިޔާވި ކަމުގައި ޕެމެކްސްއިން ބުނެއެވެ. އެ ތަނުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ގެއްލުން ލިބިފައިވާ ހޮޅުތައް މަރާމާތުކުރާނެ ގޮތަކާ މެދު ޓެކްނީޝަނުން ދިރާސާކުރަމުންދާ ކަމުގައި ވެސް އެ ކުންފުނިން ބުންޏެވެ.
ޕްލެޓްފޯމުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. މި ހާދިސާ ހިނގި ވަގުތު ޕްލެޓްފޯމުގައި 328 މީހުން މަސައްކަތް ކުރަމުން ގޮސްފައިވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. އޭގެ ތެރެއިން 321 މީހަކު ވަނީ ސަލާމަތްކޮށްގެން އެއްގަމަށް ގެންގޮސްފައެވެ. ކަންތަރޭއީ ތެޔޮ ވަޅުން މިހާރު ވެސް ދުވާލެއްގެ މައްޗަށް 17,000 ފީފާގެ ތެޔޮ ސާފުކުރެއެވެ.