ޚަބަރު

ދިޔަވަރުބޮޑުވެ، ބައެއް ރަށްރަށަށް އުދަ އަރައިފި


  • އުދައަރާފައިވާކަމަށް މަޢުލޫމާތު ލިބިފައިވަނީ މާލެއަތޮޅު، އދ.އަތޮޅު އަދި ފ.އަތޮޅުގެ ބައެއް ރަށްތަކަށް

  • ދެ ރިސޯޓަކަށް އުދައަރައިގެން ޓޫރިޒަމް މިނިސްޓްރީން އެންޑީއެމްއޭއަށް އަންގަވާފައިވޭ

  • މާބޮޑު ގެއްލުމެއް އެއްވެސް ރަށަކަށް މިއަދު ނުލިބޭ

  • ދިޔަވަރު ބޮޑުވާ ވަގުތު އުދަ އެރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ލަފާކުރައްވާ

ރާއްޖޭގެ ބައެއް ރަށްރަށަށް މިއަދު ދިޔަވަރުބޮޑުވި ވަގުތު އުދަ އަރައިފިއެވެ.

މިއަދު އުދަ އެރި ރަށްތަކުގެ ތެރޭގައި މާލެ އަތޮޅާއި އދ އަތޮޅު އަދި ފ.އަތޮޅުގެ ބައެއް ރަށްރަަށް ހިމެނެއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވީ އުދައެރިނަމަވެސް، އެއްވެސް ރަށަކަށް މާބޮޑު ގެއްލުންތަކެއް ލިބިގެން ރިޕޯޓްކޮށްފައިނުވާކަމަށެވެ.

ޕީއެސްއެމް ނިއުސްއިން ރަށްރަށަށް ގުޅައިގެން ހޯދި މައުލޫމާތުތަކުން އެނގުނު ގޮތުގައި އުދައެރި ރަށްރަށުގައި ހޭޅިފަށު ބައެއް އާއްމު ސަރަޙައްދުތަކާއި، ރަށުތެރެއަށް ކޮންމެވެސްވަރަކަށް ރާޅު އަރާފައިވެއެވެ. ނަމަވެސް އިމާރާތަކަށް ލޮނުވަދެ ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

މީހުން ދިރިއުޅޭ ރަށަކަށް ގެއްލުމެއް ލިބިފައިނުވިނަމަވެސް، މާލެއަތޮޅުގައި ހިންގާ ދެ ރިސޯޓަކަށް އުދަ އަރައިގެން ގެއްލުންވެގެން، ޓުއަރިޒަމް މިނިސްޓްރީން ރިޕޯޓްކުރައްވާފައިވާކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއްވައެވެ.

ހުޅަނގު މޫސުން ފެށި، ކޮންމެ އަހަރެއްގެވެސް ޖޫން އަދި ޖުލައިމަހަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ. އަދި ފަހުގެ އަހަރުތަކުގައި މިގޮތަށް އުދަ އަރާއިރު، ރަށްގިރުމުގެ މައްސަލަވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

ކުރިއަށްއޮތް 24 ގަޑިއިރު، ރާއްޖޭގެ މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. ނަމަވެސް ދިޔަވަރު ބޮޑުވާ ވަގުތުގައި އުދައަރާނެކަމަށް ލަފާކޮށް، އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން ދަނީ އިލްތިމާސްކުރައްވަމުންނެވެ. އެގޮތުން އާއްމުކޮށް ރާޅުގެ އުސްމިން އުޅޭނީ 1 ފޫޓާ 4 ފޫޓާ ދެމެދުގައިކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.