ކުޅިވަރު

ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުން ރާއްޖެއަށް ގިނަ މެޑެލްތަކެއް


އިއްޔެ މާލޭގައި ފެށި ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުގައި ރާއްޖެ ބޮޑީބިލްޑަރުން ގިނަ މެޑެލްތަކެއް ހޯދައިފިއެވެ.

މި މުބާރާތުގައި ރާއްޖޭގެ 18 ބޮޑީބިލްޑަރުން ވާދަކުރާއިރު، މިހާތަނަަށް ރާއްޖެއިން ވަނީ ހަތަރު ރަން މެޑަލް ހޯދާފައެވެ.

ރަން މެޑަލް ހޯދި ބޮޑީބިލްޑަރުންނަކީ އަޒްނީން ރަޝީދު، މުޙައްމަދު ޔާމީން (ޔާންބެ)، މުޙައްމަދު މޫސާ (މޯޑު) އަދި އަބްދުﷲ އަހުސަންއެވެ.

އަޒްނީން ރަން މެޑަލް ހޯދީ ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރުގެ ކެޓަގަރީންނެވެ. އޭނާ ވަނީ މި ބައިން 2019 ވަނަ އަހަރު ނޭޕާލުގައި ކުރިއަށްދިޔަ މުބާރާތުގައި ވެސް ރަން މެޑަލް ހޯދާފައެވެ.

ޔާންބެ ރަން މެޑަލް ހޯދީ 85 ކިލޯގެ ކެޓަގަރީންނެވެ. މި ފަހުން ބޭއްވި މިސްޓަ މޯލްޑިވްސް ކާމިޔާބުކުރި ޔާމްބެ ވަނީ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ 90 ކިލޯގެ ކެޓަގަރީން ލޯ މެޑަލްވެސް ހޯދާފައެވެ.

މޯޑު ރަން މެޑަލް ހޯދީ 55 ކިލޯގެ ކެޓަގަރީންނެވެ. އޭނާ ވަނީ ވޯލްޑް ބޮޑީބިލްޑިންގް ޗެމްޕިއަންޝިޕުގައި ވާދަކޮށް ދެ ފަހަރު ރިހި މެޑަލް ވެސް ހޯދާފައެވެ.

އަހުސަން ރަން މެޑަލް ހޯދީ އެތުލެޓިކްސް ފިޒީކް 175 ސެންޓިމީޓަރުގެ ބައިންނެވެ. އަހުސަން ވަނީ މިދިޔަ އަހަރުގެ ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި އޭނާ ވަނީ އެތުލެޓިކް ޕިޒީކް 167 ސެންޓްމީޓަރުގެ ކެޓަގަރީން ލޯ މެޑަލް ހޯދާފައެވެ.

ހަތަރު ރަން މެޑަލްގެ އިތުރުން މިއަހަރުގެ މުބާރާތުގައި ރާއްޖެއިން ވަނީ ތިން ރިހި މެޑަލާއި ދެ ލޯ މެޑަލްވެސް ހޯދާފައެވެ.