ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރުން ގިނަ ޤައުމުތަކުން މަނާކޮށްފައިވާ ހަތިޔާރެއް ކަމުގައިވާ ކްލަސްޓަރ މިޔުނިޝަންސް ޔޫކްރެއިނަށް ފޯރުކޮށްދޭން އެމެރިކާއިން ނިންމައިފިއެވެ. ޔޫކްރެއިނުން އެ ހަތިޔާރު ބޭނުންކުރަން ނިންމާފައި ވަނީ އެ ޤައުމުގެ ސަރަޙައްދުތަކަށް އަތްގަދަކޮށްފައިވާ ރަޝިޔާގެ އިސްތިޢުމާރީ ސިފައިންގެ އަތްދަށުން މިނިވަންކަން ހޯދުމަށް ހިންގަމުންދާ ކައުންޓަރއޮފެންސިވް ނުވަތަ ރައްދު ހަމަލާގެ އަސްކަރީ ކެމްޕޭނުގައެވެ.
އެމެރިކާއިން ޔޫކްރެއިނަށް ފޮނުވަން ނިންމާފައިވާ 800 މިލިޔަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީގެ ޕެކޭޖެއްގައި ކްލަސްޓަރ މިޔުނިޝަންސް ހިމެނޭ ކަން ހާމަވުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށް އެމެރިކާއަށް ސުވާލުތައް އަމާޒުކޮށްފައެވެ. މި ކަމާ މެދު ސުވާލު އުފައްދާފައިވާ ފަރާތްތަކުގެ ތެރޭގައި އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝާއި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާތައް ހިމެނެއެވެ.
އެމެރިކާއިން ޔޫކްރެއިނަށް ކްލަސްޓަރ މިޔުނިޝަންސް ފޯރުކޮށްދޭން ނިންމާފައި މި ވަނީ، ނޭޓޯގެ މެންބަރަކަށްވުމަށް ޔޫކްރެއިނުން ކުރަމުންދާ މަސައްކަތްތައް ހަލުވި ކުރުމާ ގުޅޭ ގޮތުން އަންނަ ހަފުތާގައި ބާއްވާ ސަމިޓުގައި މަޝްވަރާ ކުރާނެ ކަން ނޭޓޯއިން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. ކްލަސްޓަރ މިޔުނިޝަންސް ބޭނުންކުރުން މަނާކުރާ ބައިނަލްއަޤުވާމީ މުޢާހަދާގައި 100 އަށްވުރެ ގިނަ ޤައުމުން ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި ރަޝިޔާ، ޔޫކްރެއިން އަދި އެމެރިކާ ނުހިމެނެއެވެ.
ކްލަސްޓަރ މިޔުނިޝަންސްއަކީ އެއް ފަހަރާ ބޮޑު ސަރަޙައްދަކަށް ހަމަލަދޭން ބޭނުންކުރެވޭ ނުރައްކާތެރި ހަތިޔާރެކެވެ. އޭގެ އެންމެ ހަތިޔާރެއް ބޭނުންކޮށްގެން ދޭ ހަމަލައެއްގެ އަސަރު ދޭއް ނުވަތަ ތިން ފުޓުބޯޅަ ދަނޑުގެ ސަރަޙައްދަކަށް ކުރާނެއެވެ. އެއީ، ގެއްލުންދެނިވި އަދި ފަނާކުރަނިވި ހަތިޔާރެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ޤައުމުތަކާއި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާތަކުން ގަބޫލުކުރެއެވެ.
"ޔޫކްރެއިނުން ކްލަސްޓަރ މިޔުނިޝަންސް ބޭނުންކުރާނީ ޢާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާ ނުވާނެ ގޮތަކަށް ވަރަށް ބޮޑަށް ބަލައިގެން. އެ ކަމުގެ ޔަގީންކަން ޔޫކްރެއިނުން ވަނީ ލިޔުމުން ދީފައި،" އެމެރިކާގެ ރިޔާސީ ގަނޑުވަރު - ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަވިލަން ވިދާޅުވިއެވެ. އެ ހަތިޔާރުތަކާ އެކު ޔޫކްރެއިނުން ފަށާފައިވާ ކައުންޓަރއޮފެންސިވުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދޭނެ ކަމަށް އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ދެކިވަޑައިގަންނަވައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ކްލަސްޓަރ މިޔުނިޝަންސް ޔޫކްރެއިނަށް ފޮނުވަން ނިންމި ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމުގައެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ދެ ފަރާތުން ވެސް ކްލަސްޓަރ މިޔުނިޝަންސް އަދި ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރުން މަނާ އެހެން ހަތިޔާރު ބޭނުންކުރާ ކަމަށް އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާ ހިޔުމަން ރައިޓްސް ވޮޗް (އެޗް.އާރް.ޑަބްލިޔު)ން ވަނީ ބުނެފައެވެ.
"ޔޫކްރެއިނަށް ނުރައްކާތެރި ހަތިޔާރު ފޯރުކޮށްދޭން ނިންމުމުން ހާމަވެގެން ދަނީ ވޮޝިންގްޓަނުގެ ޖައްބާރު ކަން. އިންސާނިއްޔަތުކަމެއް ނެތް ކަން. އެމެރިކާގެ މި ނިންމުމުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވާނެ،" ރަޝިޔާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެނެތޮލީ އެންޓޮނޮފް ވިދާޅުވިއެވެ.
ރަޝިޔާގެ ސިފައިން "ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއްގެ" ނަމުގައި ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ރަޝިޔާއިން ޔޫކްރެއިންގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަކޮށްފައިވާއިރު، ޔޫކްރެއިންގެ މިނިވަން ކަމަށް ކުރަމުންދާ ހަނގުރާމައިގައި އެ ޤައުމަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ އެމެރިކާއިންނެވެ. އެމެރިކާއިން ޔޫކްރެއިނަށް މިހާތަނަށް ފޮނުވާފައިވާ ހަތިޔާރާއި އަސްކަރީ އެހީގެ އަގު 40 ބިލިޔަން ޑޮލަރަށް އަރައެވެ.