އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީގެ ކެޕްޓަން ސްޕެއިންގެ ސެޒާ އަޒްޕިލިކުއޭޓަރ އެގާރަ އަހަރަށް ފަހު ކުލަބް ދޫކޮށްލާ ސްޕެނިޝް ލީގުގެ އެތުލެޓިކޯ މެޑްރިޑާއި ގުޅިއްޖެއެވެ.
މައުލޫމާތުލިބޭގޮތުގައި އޭނާ އެޓްލެޓިކޯއަށް ސޮއިކޮށްފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އުމުރުން 33 އަހަރުގެ އަޒްޕިލިކުއޭޓަރ ވަނީ ޗެލްސީގައި ހޭދަކުރި ދިގު މުއްދަތުގައި އެކްލަބާއެކު ހޯދޭނެ ހުރިހާ ތައްޓެއް ހޯދާފައެވެ. މީގެތެރޭގައި ޕްރިމިއަރ ލީގުގެ ދެ ތައްޓާއި ޗެމްޕިއަންސް ލީގުގެ ތަށިވެސް ހިމެނެއެވެ. އޭނާ ޗެލްސީ ދުކޮށް މިދިޔައީ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައެވެ.
އަޒްޕިލިކުއޭޓަރ ހާމަކުރިގޮތުގައި އޭނާއަށް ކުރެވެމުންދާ އިހްސާސްތައް ބުނެދޭން ތަންކޮޅެއް އުނދަގޫ ކަމަށެވެ. ނަމަވެސް އޭނާވަނީ ވަރަށް ފާހަގަ ކޮށްލެވޭ 11 އަހަރު ޗެލްސީގައި ހޭދަކޮށްފައިކާން ފާހަގަ ކުރިއެވެ. އަދި ޗެލްސީއަށްޓަކައި އޭނާއަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެންމެ ފުރިހަމައަށް ދިނިން ކަމުގައި އޭނާ ހާމަކުރިއެވެ. އަދި ޗެލްސީ ކެރިއަރުގައި އެންމެ ފާހަގަ ކޮށްލެވޭ ވަގުތު ކޮޅަކީ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ވަގުތު ކަމަށާއި އެއީ އޭނާގެ ކެޕްޓަން ކަމުގެ ދަށުން ހޯދި ފުރަތަމަ ތަށި ކަމަށެވެ.
އަޒްޕިލިކުއޭޓަރ ހާމަކުރިގޮތުގައި ޗެލްސީއަކީ އޭނާގެ ގެ ކަމަށާއި މުސްތަގްބަލްގައި ޗެލްސީއަށް ކޮންމެވެސް އެހެން ކަމަކާއެކު އާދެވޭނެކަމަށް އުންމީދު ކުރާކަމަށެވެ. 2012 ވަނަ އަހަރު ޗެލްސީ އާއި ގުޅުނު އަޒްޕިލިކުއޭޓަރވަނީ އެޓީމަށް 508 މެޗް ކުޅެދީ 17 ލަނޑު ޖަހާދީފައެވެ. އަދި އެޓީމްގެ ކެޕްޓަން ކަމާއި ހަވާލުވެފައިވަނީ 2019 ވަނަ އަހަރުއެވެ. އޭނާވަނީ ޗެލްސީ އާއެކު 13 ކަޕް ފައިނަލްގައި ވާދަކޮށްފައެވެ. މިއީ އެކްލަބްގެ ރިކޯޑެކެވެ.