2008 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރު މޭމަހުގެ ނިޔަލަށް ސުޕްރީމް ކޯޓުގައި ކުރިއަށްގެންދަވާފައިވާ ޝަރީޢަތްތަކުގެ އޯޑިއޯ އާންމުކުރައްވަން ފައްޓަވައިފިއެވެ.
ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ އޯޑިއޯ އާއްމުކުރައްވަން ފައްޓަވާފައި މިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީމަހުން ފެށިގެންނެވެ. މިގޮތަށް އާއްމުކުރަމުންގެންދަވާނީ އާއްމުކޮށް ހުޅުއްވާލައްވައިގެން ކުރިއަށްގެންދަވާފައިވާ ޝަރީޢަތްތަކުގެ އޯޑިއޯއެވެ.
ސުޕްރީމް ކޯޓުން ވިދާޅުވީ ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ބޭއްވޭ ޝަރީޢަތުގެ މަޖިލީހުގައި އަނގަބުން ދެކެވޭ ވާހަކަތަކަކީ ރެކޯޑްކޮށް ބަލަހައްޓަވަމުން ގެންދަވާ ރެކޯޑްތަކެއްކަމަށެވެ. އަދި މި މަސައްކަތަކީ ސުޕްރީމް ކޯޓުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ފަސޭހައަށްޓަކައި، އަދި މައްސަލައިގެ ހަސްމުންނަށް ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު އަޑުއެހުންތައް އަޑުއެހުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، ކުރިއަށްގެންދަވަން ނިންމެވި މަސައްކަތެއްކަމަށް ކޯޓުން ވިދާޅުވެެއެވެ.
އެގޮތުން ކޯޓުގައި ހިންގާ ޝަރީޢަތްތަކުގެ ތެރެއިން އާއްމުކޮށް ހުޅުވާލައްވައިގެން ކުރިއަށް ގެންދަވާ ޝަރީޢަތްތަކުގެ އޯޑިއޯ ފައިލް، 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން، ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި އާއްމުކުރައްވަން ވަނީ ފައްޓަވާފައެވެ. އަދި އެ ކޯޓުން މިހާރު ގެންދަވަނީ 2020 ވަނަ އަހަރުގެ ކުރީގެ އަހަރުތަކުގެ ޝަރީޢަތްތަކުގެ އޯޑިއޯތައްވެސް އާއްމުކުރައްވަމުންނެވެ.
އެގޮތުން ސުޕްރީމް ކޯޓުން 2008 ވަނަ އަހަރުން ފެށިގެން އެ ކޯޓުގައި އާއްމުކޮށް ހުޅުވާލައިގެން ބާއްވާފައިވާ ޝަރީޢަތްތަކުގެ އޯޑިއޯ ފައިލްތައް ޔޫޓިއުބް ޗެނައިލްގައި އާއްމުކޮށް ފެންނާނޭހެން އާކައިވްކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން، 2008، 2009 އަދި 2010 ވަނަ އަހަރު ހިންގަވާފައިވާ ޝަރީޢަތްތަކުގެ އޯޑިއޯ ރެކޯޑިންތައް މިހާރު ޔޫޓިއުބް ޗެނަލްއިން ލިބޭނެކަމަށް އެ ކޯޓުން ވިދާޅުވެއެވެ. އަދި 2011 އިން ފެށިގެން 2020 ވަނަ އަހަރުގެ މޭމަހުގެ ނިޔަލަށް އާއްމުކޮށް ހުޅުވާލައްވައިގެން ހިންގަވާފައިވާ ޝަރީޢަތްތަކުގެ އޯޑިއޯ ރެކޯޑިންތައް ޔޫޓިބު ޗެނަލްގައި އާއްމުކުރުމުގެ މަސައްކަތްތައް މިހާރު ކުރައްވަމުން ގެންދަވާކަމަށްވެސް ސުޕްރީމް ކޯޓުން ވިދާޅުވެއެވެ.
ސުޕްރީމް ކޯޓުގައި ބާއްވާ ޝަރިއަތްތަކުގެ ތެރެއިން އާއްމުކޮށް ހުޅުވާލައްވައިގެން ބާއްވަވާ ޝަރީޢަތްތައް ލައިވްކުރަން ފައްޓަވާފައިވަނީ 2020ވަނަ އަހަރުއެވެ. ލައިވްކުރެެއްވުމުގެ އިތުރުން އެ ޝަރީޢަތްތަކުގެ ރެކޯޑިންގ ޔޫޓިއުބް ޗެނައިލްގައި ދަނީ އާކައިވްކުރައްވަމުންނެވެ.