ކުޅިވަރު

21 އަހަރުން ދަށުގެ ޔޫރޯ: އިސްރާއީލް ބަލިކޮށް އިންގްލަންޑް ފައިނަލަށް


ޖޯޖިއާގައި މިހާރު ކުރިއަށްދާ 21 އަހަރުން ދަށުގެ ޔޫރޯ ޗެމްޕިއަންޝިޕުގެ ފައިނަލުން އިންގްލަންޑް ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން އިންގްލަންޑް ޖާގަހޯދީ ސެމީފައިނަލްގައި ރޭ އިސްރާއީލް އާއި ބައްދަލުކުރިމެޗް ތިން ލަނޑު ސުންލަނޑުން ކާމިޔާބުކޮށްގެންނެވެ.

ޖޯޖިއާގައި ކުރިއަށްދާ މިމުބާރާތުގެ މިމެވްގައި މޮޅަށް ކުޅެފައިވަނީ އިންގްލަންޑް ޓީމުންނެވެ. މިގޮތުން މެޗްގެ ކުރީކޮޅު މެޗްގެ ލީޑު ނަގާނެ ރަނގަޅު ފުރުސަތެއްވެސް އިންގްލަންޑަށް ލިބިގެންދިޔައެވެ. މެޗްގެ 17 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީ މޯގަން ގިބްސް ވައިޓްއަށް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. ނަމަވެސް މިއާއެކުވެސް މިމެޗްގައި އިންގްލަންޑްގެ ފުރަތަމަ ލަނޑު ޖަހާ މެޗްގެ ލީޑު އެޓީމަށް ނަގާދިނީ ގިބްސް ވައިޓްއެވެ.

މެޗްގައި އިންގްލަންޑްގެ ދެވަނަ ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ޖަހާދިނީ ކޯލް ޕާމަރއެވެ. އަދި ފަހު ލަނޑު މެޗްގެ 90 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލުކުޅުންތެރިޔާ ކެމެރޮން އަރޗަރއެވެ. މިމެޗްގައި އިސްރާއީލަށް މާ އެދެވޭ ކުޅުމެއް ދެއްކޭގޮތެއްނުވިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ގިބްސް ވައިޓް ހާމަކުރިގޮތުގައި މި ކާމިޔާބީ ބަޔާންކޮށްދޭން ތަންކޮޅެއް ދަތިކަމަށެވެ. މިހިސާބަށް އައުމުގެ އުންމީދާއެކު މިޓީމް އެކުގާ މަސައްކަތް ކުރާތާ މިހާރު ދެ އަހަރު ވެގެންދިޔައީ ކަމަަށާއި ނަމަވެސް އަދިވެސް މިޓީމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ގިބްސް ވައިޓް ސިފަކުރިއެވެ. އަދި މިޓީމްގެ ކިބައިގާ މިފަހަރުގެ މުބާރާތް ކާމިޔާބުކުރުމުގެ ފެންވަރު އެބަހުރި ކަމަށްވެސް އޭނާ ހާމަކުރިއެވެ.

އަންނަ ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލްގައި އިންގްލަންޑް ބައްދަލުކުރާނީ ސްޕެއިން އާއެވެ.