ކުޅިވަރު

21 އަހަރުން ދަށުގެ ޔޫރޯ: ޔޫކްރެއިން ބަލިކޮށް ސްޕެއިން ފައިނަލަށް


ޖޯޖިއާގައި މިހާރު ކުރިއަށްދާ 21 އަހަރުން ދަށުގެ ޔޫރޯ ޗެމްޕިއަންޝިޕުގެ ފައިނަލުން ސްޕެއިން ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން ސްޕެއިން ޖާގަ ހޯދީ ސެމީފައިނަލްގައި ރޭ ޔޫކްރެއިން އާއި ބައްދަލުކުރިމެޗް ފަސޭހަ ކަމާއެކު ފަސް ލަނޑު އެއްލަނޑުން ކާމިޔާބުކޮށްގެންނެވެ.

ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފެށުން ރަނގަލުވީ ޔޫކްރެއިންގެއެވެ. މިގޮތުން މެޗްގެ 13 ވަނަ މިނެޓްގައި ޔޫކްރެއިން އިން ވަނީ ލަނޑެއް ޖަހާ މެޗްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އާޓެމް ބޮންޑަރެންކޯއެވެ. ނަމަވެސް މިލަނޑު ޖެހިތާ ހަތަރު މިނެޓްފަހުން ސްޕެއިން އިން ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އަބެލް ރުއިޒްއެވެ. އަދި އޭގެ ހަތް މިނެޓްފަހުން އޮއިހާން ސަންކެޓް ޖަހާދިން ލަނޑާއެކު މިމެޗްގައި ސްޕެއިން އިން ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. މިމެޗްގައި ސްޕެއިންގެ ތިންވަނަ ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖަހާދިނީ އެންޓޯނިއޯ ބްލަންކޯއެވެ. އަދި ސްޕެއިންގެ ހަތަރުވަނަ ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި އައިމާ އޮރޯޒް ޖަހާދިން އިރު ފަހު ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި ޖަހާދިނީ ސަރޖިއޯ ގޯމޭޒްއެވެ.

މިކާމިޔާބީއާއެކު ސްޕެއިން މިމުބާރާތުގެ ފައިނަލުން ޖާގަހޯދާފައިވާއިރު މިއަންނަ ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗްގައި ބައްދަލުކުރާނީ އިންގްލަންޑް އާއެވެ.