ކުޅިވަރު

މާޒިޔާގެ ކޯޗަކަށް ބޮސްނިއާގެ މިލޮމީރް ހަމަޖައްސައިފި


މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗުގެ މަގާމަށް އޭޝިއާގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ބޮސްނިއާގެ މިލޮމީރް ސެސްލިޖާ ހަމަޖައްސައިފިއެވެ.

މި ސީޒަން މާޒިޔާއިން ފެށީ ބަލްގޭރިއާގެ ކޯޗު އިވާން ވެންކޯފް އާއެކުގައެވެ. އޭނާއާއެކު މާޒިޔާއިން ވަނީ މި ފަހަރުގެ ޗެރިޓީ ޝީލްޑާއި، ޕްރެޒިޑެންޓްސް ކަޕް އުފުލާލާފައެވެ.

އުމުރުން 58 އަހަރުގެ މިލޮމީރް މާޒިޔާގެ ކޯޗަކަށް ހަމަޖެއްސީ މިއަދު ޤައުމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި ހަފުލާއެއްގައެވެ. މާޒިޔާގެ ކޯޗުކަމާ ހަމަވާލުވުމަށްފަހު މިލޮމީރް ބުނީ މާޒިޔާއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ފުޓްބޯޅަ ކުލަބު ކަމަށެވެ. އަދި އެ ޓީމަށް ކުރާ ކޮންމެ ފައިދާއަކީ ޤައުމީ ޓީމަށް އެކަމުގެ ފައިދާވާނެ ކަމެއް ކަމުގައި މިލޮމީރް ބުންޏެވެ.

މިލޮމީރް ބުނީ ލީގު ފަށަން ބާކީ އޮތީ ވަރަށް ކުޑަ ވަގުތު ކޮޅެއް ކަމަށާއި، މާޒިޔާ ދަސްކުރަން ވަގުތު ބޭނުންވާނެ ކަމަށެވެ. އެކަމަކު ކޯޗިން ސްޓާފުންނާއި، ކުޅުންތެރިންގެ އެއްބާރުލުމާއެކު އެކަމަށް ހުރަހެއް ނެތް ކަމަށް މިލޮމީރް ބުންޏެވެ.

މިލޮމީރް ބުނީ ވާދަވެރި ލީގެއް ނެތުން އެއީ އޭއެފްސީ ކަޕަށް ނުކުންނައިރު، ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށާއި، ޚާއްސަކޮށް އިންޑިއާގެ ކުލަބުތަކުން އޭއެފްސީ ކަޕަށް ނުކުންނައިރު، އެ ޓީމުތައް މުބާރާތަށް ނުކުންނަނީ ލީގުގައި ވާދަވެރި މެޗުތަކެއް ކުޅުމަށް ފަހުގައި ކަމަށެވެ.

2001 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި މިލޮމީރް އޭނާގެ ކެރިއަރު ފެށީ ސާބިއާގެ ކުލަބަކުންނެވެ. އެ ފަހުން އޭނާ ވަނީ ސާބިއާ އާއި ބޮސްނިއާގެ ކުލަބުތަކުގެ އިތުރުން އޭޝިއާގެ ކުލަބުތަކަށްވެސް ކޯޗުކޮށްދީފައެވެ.

މިދިޔަ ތިން އަހަރު މާޒިޔާއިން ވަނީ ސީޒަނުގެ ކުރީކޮޅުގައި އެ ޓީމުގެ ކޯޗު ބަދަލުކޮށްފައެވެ. މިލޮމީރް އަކީ މާޒިޔާއަށް ކޯޗުކޮށްދޭ ފަސްވަނަ ބިދޭސީ ކޯޗެވެ.