ޚަބަރު

މެކްސިކޯގައި ހިނގި ބަސް އެކްސިޑެންޓެއްގައި 29 މީހުން މަރުވެއްޖެ


މެކްސިކޯގެ ދެކުނުގެ ރަށެއްގައި ދުއްވާފައި ދިޔަ ފަސިންޖަރުން އުފުލާ ބަހެއްގެ ކޮންޓްރޯލް ގެއްލި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އޭގައި ދަތުރުކުރަމުންދިޔަ 29 މީހުން މަރުވެއްޖެއެވެ. އެ ޤައުމުގެ ދެކުނުގައިވާ އޮއަސަކާ ސްޓޭޓްގެ މެގްދެލީނާ ޕެންޏާސްކޯގައި ހިނގި މި ހާދިސާގައި އިތުރު 19 ފަސިންޖަރުންނަށް އަނިޔާވިއެވެ. މަރުވި މީހުންގެ ތެރޭގައި ދޮޅު އަހަރުގެ ތުއްތުކުއްޖަކު ވެސް ހިމެނެއެވެ.

މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން 14 މީހަކު ތްލަކްސިޔާކޯގައި ހުންނަ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކަމުގައި އެ ޤައުމުގެ ދާޚިލީ ވަޒީރު ހެސޫސް ރޮމޭރޯ ވިދާޅުވިއެވެ. އިތުރު ފަސް މީހަކު ވަނީ އޮއަސަކާ ސިޓީގައި ހުންނަ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. އެ އެންމެންގެ ހާލު ސީރިޔަސް ކަމުގައި ވެސް ރޮމޭރޯ ވިދާޅުވިއެވެ.

އޮއަސަކާގެ ފުލުހުން ވިދާޅުވީ، ބަހުގެ ކޮންޓްރޯލް ގެއްލި އެ އުޅަނދު މަގުން ބޭރަށް ވެއްޓިފައިވާ ކަމުގައެވެ. ބަސް ވެއްޓިފައި ވަނީ 75 ފޫޓު ފުން ވަޅުގަނޑެއް ފަދަ ތަނަކަށެވެ. ބަސް ދުއްވަން އިން ޑްރައިވަރަކީ އެހާ ފަރިތަ މީހެއް ނޫން ކަމަށް ބެލެވޭ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ މެކްސިކޯ ސިޓީން ފުރައިގެން އޮއަސަކާ ސްޓޭޓްގެ އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންތަކެއް އެ މީހުންގެ ވަޒަނަށް ގެންދިޔުމަށް ދަތުރުކުރި މަގުމަތީގައެވެ. އެއީ މެކްސިކޯ ސިޓީގައި ވަޒީފާ އަދާކުރާ މީހުންނާއި އެ މީހުންގެ ޢާއިލާގެ މެންބަރުން ކަމަށް ބެލެވޭ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ. މި ހާދިސާ ހިނގާފައިވާ މެގްދެލީނާ ޕެންޏާސްކޯއަކީ ފަރުބަދަމަތީ ހިސާބެކެވެ.

އޭޕްރިލް މަހު ވެސް މެކްސިކޯގެ ހުޅަނގުގެ ސަރަޙައްދެއްގައި މި ފަދަ ނުރައްކާތެރި ބަސް އެކްސިޑެންޓެއް ހިނގިއެވެ. އެ ހާދިސާގައި ބަހުގައި ތިބި 18 މީހުން ވަނީ މަރުވެފައެވެ. އަދި، ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވިއެވެ. އެ ހާދިސާގައި ވެސް ބަސް ވަނީ ކޮންޓްރޯލް ގެއްލި ފަރުބަދަމަތީ މަގަކުން ބޭރަށް ވެއްޓިފައެވެ.